އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފަސްކޮށްފި

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ ހަފުތާގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، އެ ޕާޓީގެ އެތެރޭގެ އިންތިހާބު ފަސްކޮށްފި އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހަށް މެމްބަރުން ހޮވަން، މި ...

15 May 2021 | 14:56

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ ހަފުތާގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، އެ ޕާޓީގެ އެތެރޭގެ އިންތިހާބު ފަސްކޮށްފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަށް މެމްބަރުން ހޮވަން، މި މަހުގެ 29 ވަނަ ދުވަހު ބާއްވަން ތާވަލުކުރި އިންތިހާބު ފަސްކުރީ، ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެ އިންތިހާބު ފަސްކުރަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު އެދިވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއްދީ، އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސްވެ، އެމަނިކުފާނަށް ފަރުވާދެމުން ގެންދާ މިވަގުތުގައި އިންތިހާބު ބޭއްވުމުގެ މަސައްކަތައިގެން ކުރިއަށް ގޮސް އެކަން ކުރުމަކީ ރަނގަޅު ކަމެއް ކަމުގައި ނުފެންނަ ކަމަށެވެ.

"ދާއިރާތަކުގެ އިންތިހާބު ބާއްވާނެ ތާރީހެއް ކުރިއަށް އޮތް 10 (ދިހައެއް) ދުވަހުގެ ތެރޭގައި ކަނޑައެޅުމަށްފަހު އިޢުލާނު ކުރާނެ ވާހަކަ ދެންނެވީމެވެ. އިންތިހާބު ފަސްކޮށްފައިވީ ނަމަވެސް، އިންތިހާބާ ގުޅޭގޮތުން ޕާޓީން މިވަގުތަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރަމުން ގެންދާނެ ކަމުގައިވެސް ދެންނެވީމެވެ،" އެ ބަޔާނުގައިވެ އެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނީ، އެމްޑީޕީގެ އިންތިހާބުގެ ކެމްޕެއިން ކުރިއަށް ދަނިކޮށެވެ.

ހަމަލާގައި ޒަހަމްވެވަޑައިގަތުމުން އޭޑީކޭ އިން ފަރުވާ ހޯއްދެވުމަށް ފަހު އެމަނިކުފާނު މިހާރު ވަނީ އިތުރު ފަރުވާ އަށް ޖަރުމަނަށް ގެންދެވިފަ އެވެ. އޭޑީކޭ ޑޮކްޓަރުންގެ ޓީމުން ބުނި ގޮތުގައި ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ކިރިޔާ ކަމަށެވެ.

ހަމަލާއާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު ހަމަލާގެ މަގުސަދު ގުޅިފައިވަނީ ހަރުކަށި ފިކުރާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް