ޣައްޒާގައި ހުންނަ ބައިނަލްއަޤްވާމީ މީޑިއާތަކުގެ މައި މަރުކަޒު އިސްރާއީލުން ބިމާއި ހަމަކޮށްލައިފި

ބައިނަލްއަޤްވާމީ މީޑީއާތަކުގެ އޮފީސްތައް ހުންނަ ޣައްޒާގެ ޓަވަރެއް އިސްރާއީލުން ބިމާއި ހަމަކޮށްލައިފިއެވެ.މި ޓަވަރަކީ ޣައްޒާގައި ހަރަކާތްތެރިވާ ހުރިހާ މީޑިއާތަކުން މައި މަރުކަޒުގެ ގޮތުގައި ބޭނުން ކުރަމ...

15 May 2021 | 14:14

ބައިނަލްއަޤްވާމީ މީޑީއާތަކުގެ އޮފީސްތައް ހުންނަ ޣައްޒާގެ ޓަވަރެއް އިސްރާއީލުން ބިމާއި ހަމަކޮށްލައިފިއެވެ.މި ޓަވަރަކީ ޣައްޒާގައި ހަރަކާތްތެރިވާ ހުރިހާ މީޑިއާތަކުން މައި މަރުކަޒުގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އިމާރާތެވެ.

ޖާލާ ނަމަކަށް ކިޔާ މި ޓަވަރުގައި އަލްޖަޒީރާގެ އިތުރުން ބީބީސީއާއި އެސޯސިއޭޓެޑް ޕްރެސް ނިއުސް އޭޖެންސީއާއި މަޝްހޫރު ގިނަ ނޫސް އިދާރާތަކެއް ހިމެނެއެވެ. މީޑިއާގެ އިތުރުން ގިނަ އަދަދެއްގެ އާންމުންވެސް މި ޓަވަރުގައި ދިރިއުޅެމުން ދެއެވެ.

މި ޓަވަރު ބިމާއި ހަމަކޮށްލާފައިވަނީ ފަލަސްޠީނު ގަޑިން މެންދުރު އެކެއް ޖަހާކަށް ހާއިރު، ވަރުގަދަ ދެ ހަމަލާ އެ ޓަވަރަށް އަމާޒު ކޮށްގެންނެވެ.ނަމަވެސް މި ހަމަލާގައި މީހެއްގެ ފުރާނައަށް ގެއްލުން ވެފައިވާ ކަމެއް އަދި މިހާތަނަށް ރިޕޯޓު ކޮށްފައެއް ނުވެއެވެ.އަލްޖަޒީރާއިން ވަނީ މި ޓަވަރު ސުންނާފަތި ކޮށްލާ މަންޒަރު ވަގުތުން ދުރަށް ގެނެސްދީފައެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން އަންނަ އަލް ޖަޒީރާގެ ރިޕޯޓަރު، ސަފްވާތު އަލް ކަހްލޫތު  މައުލޫމާތު ދީފައިވާ ގޮތުގައި، އެ ޓަވަރުގައި ދިރިއުޅޭ އެކަކަށް އިސްރާއީލުން ވަނީ ޓަވަރަށް ހަމަލާ ދިނުމުގެ ގަޑިއެއްހާއިރު ކުރިން ގުޅުމަށްފަހު އެ ޓަވަރު ގޮއްވާލާނެ ކަމުގެ އިންޒާރު ދީފައެވެ. އަލްކަހްލޫތު ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ޚަބަރާއި ގުޅިގެން އެމީހަކު އަތު ޖެހުނު އެއްޗެއް ހިފައިގެން އެ ޓަވަރުން ބޭރުވި މަންޒަރު އޭނާއަށް ފެނިފައި ވެއެވެ. ޚާއްސަކޮށް ކެމެރާ އަދި ކެމެރާއާއި ގުޅޭ އާލާތްތައް ގެންދިއުމަށް ވަރަށް ބޮޑު އިސްކަމެއް ދެވުނު ކަމަށް އޭނާ ފާގަހަ ކުރެއެވެ.

މި ޓަވަރަކީ މީޑިއާ ޓީމްތަކުން ރިޕޯޓު ކުރުމަށްވެސް ބޭނުން ކުރަމުން ދިޔަ މުހިންމު ޓަވަރެކެވެ.

ޣައްޒާގައި ހުންނަ އެސޯސިއޭޓް ޕްރެސްގެ ނޫސްވެރިޔާ ފާރިސް އަކްރަމް ބުނެފައިވަނީ އެ އިމާރާތަކީ މުޅި ޣައްޒާގައިވެސް އޭނާއަށް ސަލާމަތްތެރިކަން އިޙްސާސް ކުރުވާ ހަމައެކަނި އިމާރާތްތަކަމަށެވެ. އަދި އެތަށް އަހަރަކު އަމިއްލަ ގޭގެ ގޮތުގައި ދެކެމުން ދިޔަ މި އިމާރާތް ސުންނާފަތި ކޮށްލުމުން، ފަލަސްޠީނު ރައްޔިތުންގެ ގެދޮރަށް ކޮންމެ ދުވަހަކު އިސްރާއީލުން ގެއްލުންދޭ އިރު އެމީހުންނަށް ކުރާނެ އަސަރު އިހްސާސް ވެފައިވާ ކަމަށްވެސް އޭނާ ބުނެއެވެ.

އިސްރާއީލުން މި ޓަވަރު ގޮއްވާލުމުގެ ސީދާ ބޭނުމަކީ ކޮބައިކަން ސާފެއް ނުވެއެވެ. ނަމަވެސް މި ފަހަރުގެ ހަމަލާތަކުގައި އިސްރާއީލުން އަންނަނީ މީޑިއާއަށްވެސް ވަރަށް ބޮޑަށް ހުރަސް އަޅަމުންނެވެ.

މި ޓަވަރު ގޮއްވާލުމުގެ ކުރިން އިސްރާއީލުން ދިން ހަމަލާތަކެއްގައި އަށް ކުޑަކުދިން ހިމެނޭހެން، ފަލަސްޠީނުގެ އެއް އާއިލާއަކުން 10 މީހުން ޝަހީދުވެފައިވެއެވެ.އަދި އިސްރާއީލުގެ ވެރިރަށް ތެލްއަވީވަށް ހަމާސްއިން ދިން ހަމަލާތަކުގައި އިސްރާއީލުގެ އެއް ރައްޔިތަކުވަނީ މަރުވެފައެވެ.

މީގެ އިތުރުން، ހަމާސްގެ އަސްކަރީ މަރުކަރުތަކަށް އަމާޒުކޮށް ކަމަށް ބުނެ އިސްރާއީލުން މެދު ކެނޑުމެއްނެތި ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްޠީނުގެ އެކި ހިސާބުތަކުގެ ގެތަކާއި، ސްކޫލުތަކާއި ހޮސްޕިޓަލް ހުންނަ ސަރަހައްދުތަކަށް ގިނަ ގެއްލުންތަކެއް މިހާރު ކުރިމަތި ވަމުން ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް