އިސްރާއިލްގެ އަނިޔާވެރިކަމުގައި ތިބި ފަލަސްތީނުގެ އަހުންނާއި އިހްތުންނާއެކު ދިވެހި ސިއްހީ ޚިދުމަތްތެރިން ވެސް ތިބިކަންު ސާބިތުކޮށްފިއެވެ.
ދަރުބާރުގޭގައި އާރްއާރްޓީ ޓީމުން ނަގާފައިވާ މި ފޮޓޯއިން އެކަން ސާފުވެއެވެ. އެތީމުގެ މެމްބަރުންގެ ޕީޕީއީގައި ފަލަސްތީނުގެ ލޯގޯ ޖަހާފައިވާއިރު، ފރީް ފަލަސްތީން ޓެގްު ވެސް ވަނީ ޖަހާފައެވެ.
https://twitter.com/LiyaaKujjaa/status/1393388749518635012
މިކަމާއި ގުޅިގެން ގިނަ ބައެއްގެ ތައުރީފު އަންނަނީ އެ ޓީމަށް އޮހެމުންނެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ޒުވާނުން ވެސް ތިބީ ފަލަސްތީނާ އެކު ކަން ހާމަކުރުމަށް މިއަދު ސައިކަލު ބުރެއް ބާއްވާފައިވެއެވެ.
އެނގިފައިވާ ގޮތުގައި އިއްޔެ ހުޅުމާލޭގައި ބޭއްވި މި ސައިކަލު ބުރަކީ ޒުވާނުންތަކެއް އިސްނަގައިގެން އިންތިޒާމުކުރި ސައިކަލް ބުރެކެވެ.
ދިވެހި ޒުވާޏުންތަކެއް މި ހަރަކާތް ކުރިއަށް ގެންދިޔައިރު، އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި މަރުވި މީހުންގެ ޢަދަދު 100ން މައްޗަށް ވަނީ އަރައިފިއެވެ. އެއްގަމު މަގުންނާއި ކަނޑުމަގުންނާއި ވައިގެ މަގުން ޣައްޒާއަށް ދިން ޙަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި 31 ކުޑަކުދިންނާއި 18 އަންހެނުން ހިމެނެއެވެ. އޭގެ އިތުރުން 800 އަށްވުރެ ގިނަ މީހުންވަނީ ޙަމަލާތަކުގައި ޒަޚަމުވެފައެވެ. އަދި ޣައްޒާގެ ޢިމާރާތްތަކަށާއި އެނޫންވެސް ޢުމުރާނީ ވަޞީލަތްތަކަށާއި އުޅަނދުފަހަރަށްވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ.
ޢައްޒާއަކީ ފަލަސްޠީނުގެ އެހެން ބިންތަކާ ވަކިން އޮންނަ ސަރަޙައްދެކެވެ. 2 މިލިޔަން މީހުން ދިރިއުޅޭ ޢައްޒާއަކީ ދުނިޔޭގައި އެންމެ ބޮޑަށް ތޮށްޖެހިފައިވާ ސަރަޙައްދެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް ޒަރޫރީ ސާމާނު އެތެރެކުރެވެނީ އިސްރާއީލުން ޙުއްދަދިނުމުން އެކަންޏެވެ.
ޣައްޒާއަށް ދެމުންދާ ޙަމަލާތައް ވަރުގަދަކޮށްފައިވަނީ އެއްގަމު މަގުން ފަލަސްޠީނުގެ ޣައްޒާއަށް ވަންނަން އިސްރާއީލުގެ އަސްކަރިއްޔާއިން ތައްޔާރުވާން ފަށައިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތައް ބަރު ހަތިޔާރާއެކު ޣައްޒާގެ ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާވާންވަނީ ފަށައިފައެވެ. ބެލެވޭ ގޮތުގައި ފާއިތުވި ދުވަސްތަކުގައި ޣައްޒާއަށް ވަންނަން އިސްރާއީލުން ފަސްޖެހިފައިވަނީ އެ ޤައުމުގެ ފައުޖުތަކަށް ކުރިމަތިވާނެ ކުރިމަތިލުމެއް ވަޒަންކުރަން ނޭނގޭތީއެވެ. މީގެ ކުރިން ހިނގާފައިވާ ކުރިމަތިލުންތަކުގައިވެސް އިސްރާޢީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ ޣައްޒާއަށް ވަދެ ޚާއްޞަ އަސްކަރީ ޙަރަކާތްތައް ހިންގައިފައެވެ.
ޣައްޒާއަށް ވަންނަން އިސްރާއީލުގެ އަސްކަރިއްޔާއިން ތައްޔާރުވާން ފަށައިފައިވަނީ ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް މަޝްވަރާކުރުމަށް މިޞްރުގެ ވަފުދެއް އިސްރާއީލުގެ ވެރިރަށް ތަލް އަބީބަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ކުރިން އެ ވަފުދުވަނީ ޣައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ބައްދަލުކޮށް، ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް މަޝްވަރާކޮށްފައެވެ. އެ ވަފުދު ތަލް އަބީބަށް ގޮސްފައިވަނީ އެއްގަމު މަގުންނެވެ.
އިސްރާއީލަށް ބޮޑު ސިހުމެއް އަންނަވަރުގެ ޙަމަލާތަކެއް ޙަމާސުން ދޭން ފެށީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ މަސްޖިދުލް އަޤްޞާގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ހުއްޓާލައި ފަހަތައް ޖެހުމަށް ދިން މުޙުލަތަށް އިސްރާއީލުން އިޖާބަނުދިނުމުންނެވެ. އެގޮތުން ޙަމާސުންވަނީ 2،000އަށްވުރެ ގިނަ ރޮކެޓު ޙަމަލާ އިސްރާއީލާ ދެކޮޅަށް ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް