ކޯވިޑް-19ގައި ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އެތައް އާއިލާއެއް ވަރަށް އުނދަގުލުގައި ދިރިއުޅެމުންދާ މި ދަނޑިވަޅަކީ އާއިލާގެ ތެރޭގައި އޮންނަ ގުޅުން ބަދަހިކޮށް، އެކަކު އަނެކެއްގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުން މުހިންމު ވަގުތެއް ކަމަށް މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް އިން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން މިހެން ބުނީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ދުވަހުގެ ތަހުނިޔާ ފޮނުވުމަށް ނެރުނު ބަޔާނުގަ އެވެ.
ބަޔާނުގައި ބުނީ ކޯވިޑް-19ގެ ސަބަބުން އާއިލާތަކަށް ސިއްހީ، އިޖުތިމާއީ، ނަފްސާނީ އަދި މާލީ ގޮތުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ މި ވަގުތަކީ ވަރަށް ގިނަ އާއިލާތަކަށް ނުތަނަވަސްކަމާއި ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. އާއިލާގެ ތެރެއިން އެކަކު އަނެކަކަށް އަޅާލައި، އެހީތެރިވުން އެންމެ މުހިންމު ވަނީ އެ ސަބަބުތަކަށްޓަކައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އާއިލާގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ހައި ރިސްކު މީހުންނާ ހަމައަށް ބަލި ގެންދާ މީހަކަށް ނުވެ، މި ބަލިން ރައްކާތެރިވުމަށްޓަކައި އާއިލާގެ ހުރިހާ މެމްބަރުން ވެސް ފަރުދީ ޒިންމާ އަދާކުރުމަށް ވެސް ޖެންޑާ މިނިސްޓްރީން ހަނދާން ކޮށްދިނެވެ.
އާއިލާތަކުގެ ދުވަހެއް ފާހަގަކުރަމުން އަންނައިރު، އާއިލާގެ ފަރާތުން ރައްކާތެރިކަމާއި އަޅާލުމާއި ލޯބި ނުލިބުމުގެ ސަބަބުން އާއިލީ ވެއްޓެއްގައި ދިރިއުޅުމުގެ ނަސީބުން މަހުރޫމުވެފައިވާ ގިނަ އަދަދެއްގެ ކުދިންނާއި މީހުން އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ މަޒުކަޒުތަކުގައި ތިބިކަން ކަންބޮޑުވުމާއެކު ފާހަގަކުރި އެވެ.
މީގެ އިތުރުން މިދިޔަ އަހަރު ލޮކްޑައުނާ ގުޅިގެން މާލެ އާއި އަތޮޅު ތެރެއިން ވަގުތީ ބޯހިޔާވަހިކަމާއި ކާބޯތަކެތި ފޯރުކޮށްދޭންޖެހުނު އާއިލާތަކަށް އެކަންކަން ފުރިހަމައަށް ކޮށްދެވުނު ކަމަށާއި އަދި އާއިލާތަކަށް ބޭނުންވާ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ބައެއް ކަންކަން ހަމަޖައްސައިދިނުމުގެ މަސައްކަތް ވެސް ފުރިހަމައަށް ކުރުވެނު ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީގެ އިތުރުން ސަރުކާރުގެ ފަރާތުން ވަޒީފާ ގެއްލި ނުވަތަ އާމްދަނީ ލިބުން ދަށްވި އާއިލާގެ މެމްބަރުންނަށް އިންކަމް ސަޕޯޓް އެލަވަންސް ފޯރުކޮށްދިނުމާއި ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި އާންމު ފަރާތްތަކުން ބައެއް ބޭންކުތަކުން ނަގައިފައިވާ ލޯންތައް ދެއްކުން ފަސްކޮށްދިނުމާއި އަދި ކަރަންޓާއި ފެންފަދަ އަސާސީ ހިދުމަތްތަކުގެ ބިލުގެ ބޮޑު އިންސައްތައެއް ވަކި މުއްދަތެއް ވަންދެން މައާފުކޮށްދިނުން ފަދަ ކަންކަން ހަމަޖައްސައިދިން ކަން ފާހަގަކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް