ހިޔާނާތުގެ ލިސްޓުގައި ނަން ހިމެނީ ކުރިމަގު ބަނަކޮށްލަން: ލީޒާ

ދިވެހި ތާރީޚުގައި ވެސް ހިނގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި އޭނާގެ ނަން ހިމަނާފައިވަނީ ސިޔާސީ ގޮތުން ކުރިމަގު ބަނަކޮށްލުމުގެ ބޭނުމުގައި ކަމަށް ކުރީގެ މަޝްހޫރު ޕްރެޒެންޓ...

15 May 2021 | 07:15

ދިވެހި ތާރީޚުގައި ވެސް ހިނގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި އޭނާގެ ނަން ހިމަނާފައިވަނީ ސިޔާސީ ގޮތުން ކުރިމަގު ބަނަކޮށްލުމުގެ ބޭނުމުގައި ކަމަށް ކުރީގެ މަޝްހޫރު ޕްރެޒެންޓަރު އަދި ނޫސްވެރިޔާ އައިޝަތު ލީޒާ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން މިއަދު ވަނީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް އާންމުކޮށްފައެވެ.

އެ ލިސްޓުގައި ލީޒާގެ ނަން ހިމަނާފައިވާއިރު، އެ ރިޕޯޓުގައި އޭނާގެ ތަހުގީގުގެ މަރުހަލާ އަދި އޮތީ މައުލޫމާތު ހޯދުމާ ހިސާބުގައި ކަމަށް ބަޔާންކޮށްފައިވެއެވެ.

އެކަމާ ގުޅިގެން ލީޒާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް އަދި އޭގެއިން އެއްވެސް މަންފާއެއް ލިބިފައި ނެތްކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ. އަދި މިއަދާ ހަމައަށް އައިރު ވެސް މިކަމާ ގުޅޭގޮތުން މި މައްސަލަ ތަހުގީގު ކުރަމުންދާ ދައުލަތުގެ އެއްވެސް އިދާރާއަކުން ސުވާލެއް ވެސް ކޮށްފައި ނުވާ ކަމަށް ލީޒާ ވިދާޅުވިއެވެ.

ލީޒާ ވަނީ މި ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއްކަން ސާބިތުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ނަންތައް ހިމެނޭ ލިސްޓާއި އެކު ޖޮއިންޓް ކޮމިޓީން އެ ކޮމިޓީގެ ރިޕޯޓް ފާސްކުރިއިރު، މަޖިލީހުގެ ވެބްސައިޓުގައި މިހާރު ވަނީ އެ ރިޕޯޓް އާންމުކޮށްފައެވެ.

އެ ރިޕޯޓްގެ ޖަދުވަރު 1 ގައި އެސެޓް ރިކަވަރީ ކޮމިޝަނުން މިހާރު ތަހުގީގުކުރާ 281 މީހުންގެ ނަން ހިމެނޭ ލިސްޓު އާންމުކޮށްފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަންގެ ތައްގަނޑާއެކުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް