ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސުލްހުމްހޫރިއްޔާ މުހައްމަދު ނަޝީދަށް މާލޭގައި ދިން ނިރުބަވެރިހަމަލާގެ ތަހުގީގު ނިމެންދެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މަގާމުން ދުރުކުރަންޖެހޭ ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.
ޓޮމް މިހެން ވިދާޅުވީ، ނަޝީދު އަވަހާރަކޮށްލަން ރާވާކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓަރަށް އެރުވި ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެފައި ވަނިކޮށެވެ.
ޓޮމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހްޤީޤު ނިމެންދެން، ޑިފެންސް މިނިސްޓަރު މާރިޔާ މަޤާމުގެ މަސްޢޫލިއްޔަތުން ދުރުކުރުމަކީ ދެފުުއް ފެންނަ ތަހްޤީޤަކަށް މުހިއްމު ކަމެއް ކަމަށެވެ.
"މިހާރު ތިލަވާ މަޢުލޫމާތާއި، ޕްރެސްގައި ދެއްކި ވާހަކައަށް ބަލާއިރު މިނޫން ގޮތެއް ނުފެނޭ" ޓޮމް ވިދާޅުވިއެވެ.
މެމްބަރު އިލްޔާސް އިއްޔެ ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވާކަމުގެ މައުލޫމާތު އާންމު މީހެއްގެ ފަރާތުން ލިބުމާއި ގުޅިގެން ވަގުތުން ނަޝީދާއި ހިއްސާކުރެއްވި ކަމަށާއި އަދި ނަޝީދުގެ އިރުޝާދުގެ ދަށުން، ލިބިފައިހުރި މައުލޫމާތުގެ ތަފްސީލް މިނިސްޓަރު މާރިޔާއަށް ހިއްސާކުރެއްވި ކަމަށެވެ.
"ރައީސް ނަޝީދުގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ އަދާކުރަންޖެހޭ ފަރާތަކީ ޑިފެންސް މިނިސްޓްރީ ކަމަށް ވާތީ އަޅުގަނޑު އެ މައުލޫމާތު އެ މުއައްސަސާއާ ހިއްސާކުރުމުން، އެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސް އަށް ނުވަތަ ކޮމިޝަނަރ އޮފް ޕޮލިސް އާ ހިއްސާކުރުމަށް އަޅުގަނޑަށް އެފަރާތުން އެއްވެސް ހާލަތެއްގައި އަންގާފައެއް ނުވެ އެވެ" އެ ބަޔާނުގައި ބުނެފައި ވެއެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން، ތަހުގީގަށް ދޭންޖެހޭ މައުލޫމާތާއި އެއްބަރުލުން ދެއްވަމުން ގެންދަވާ ކަމަށާއި އަދި މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް، މައްސަލައިގައި ދައުލަތުގެ އިދާރާތަކަށް ލިބިފައިވާ މައުލޫމާތު، ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުން އެ މައުލޫމާތު މީޑިއާގައި ބަހުސްކުރުމަށް ހުޅުވާލުމަކީ ޒިންމާދާރުކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް އިލްޔާސް އެ ބަޔާނުގައި ވިދާޅުވިއެވެ.
ޓެރަރިޒަމް ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައިވާ ގޮތުން ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބި އެކަން ފުލުހުންނަށް ނޭންގުމަކީ ކުށެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް