ކާފިއު ގަޑީގައި ޑެލިވަރީ އަށް ދޫކުރާ ހުއްދަތައް ލިމިޓްކޮށްފިި

މާލޭގައި ކާފިއު ހިންގާ ގަޑީގައި ޑެލިވަރީ ކުރަން ކެފޭ ރެސްޓޯރެންޓްތަކާއި ފިހާރަތަކަށް ދޫ ކުރާ ހުއްދަތައް ވަކި މިންވަރަށް ލިމިޓްކޮށްފި އެވެ. ކޯވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހަ...

15 May 2021 | 05:45

މާލޭގައި ކާފިއު ހިންގާ ގަޑީގައި ޑެލިވަރީ ކުރަން ކެފޭ ރެސްޓޯރެންޓްތަކާއި ފިހާރަތަކަށް ދޫ ކުރާ ހުއްދަތައް ވަކި މިންވަރަށް ލިމިޓްކޮށްފި އެވެ.

ކޯވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހަވީރު 4:00 ން ފަތިހު 4:00 މާލޭގައި ދަނީ ކާފިއު ހިންގަމުންނެވެ. އެކަމަކު ރޭގަނޑު 12 އާ ހަމައަށް ކެފޭ އަދި ރެސްޓޯރެންޓްތަކަށް ޑެލިވަރީ ކުރުމުގެ ހުއްދަ އޮވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ މިއަދުން ފެށިގެން ކާފިއު ވަގުތުތަކުގައި މުދާ ޑެލިވަރީ ކުރުމަށް ފުލުހުން ދޭ ހުއްދަ ދޫކުރާނީ ވަކި އަދަދަކަށް ކަމަށެވެ. މުދާ ޑެލިވަރީ ކުރާ ވިޔަފާރިތަކަށް ދޫކުރެވޭނީ ޑެލިވަރީ ކުރުމުގެ ދެ ފާހާއި އާއި ސަޕޯޓް ސްޓާފުންނަށް ދެ ފާހެވެ.

ކެފޭ އަދި ރެސްޓޯރެންޓްތަކަށް ދޫކުރާނީ ޑެލިވަރީ ކުރުމުގެ ދެ ފާހާއި ސަޕޯޓް ސްޓާފުންނަށް ހަތަރު ފާހެވެ. ރަށްރަށާއި ރިސޯޓްތަކަށް މުދާ ފޯރުކޮށް ދޭ ވިޔަފާރިތަކަށް ދޫކުރަނީ ދެ ފާހެވެ އެވެ. އެ ހުއްދަ ދޫކުރާނީ ފުލުހުން ކަމަށް އެ އިއުލާނުގައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ ރަޖިސްޓްރީ ކޮށްފައިވާ އެހެން ވިޔަފާރިތަކަށް ދޭނީ އެންމެ ފާހެކެވެ. އެ ހުއްދަ ދޫކުރާނީ އިކޮނޮމިކް މިނިސްޓްރީން ކަމަށް އެ އިއުލާނުގައިވެ އެވެ.

އެ އިއުލާނުގައިވާ ގޮތުން ކަނޑައެޅިފައިވާ އަދަދަށް ވުރެ އިތުރަށް ފާސް ބޭނުންވާ ނަމަ، މުވައްޒަފުންގެ ތަފްސީލު އެ މިނިސްޓްރީއަށް ފޮޮނުވަން ޖެހޭނެ އެވެ. އަދި އެއަށް ވުރެ އިތުރަށް ފާސް ދޫކުރެވޭނީ މަސައްކަތުގެ ބާވަތަށް ބެލުމަށްފަހު އެ މިނިސްޓްރީން ކަމަށް އެ އިއުލާނުގައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް