މާފުށިން އަނެއްކާވެސް ގިނަ ބަޔަކަށް ކޯވިޑް ޖެހިއްޖެ، ޖުމްލަ 500 އަށް

ކ. މާފުށިން އަނެއްކާވެސް ގިނަ ބަޔަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. މާފުށީގައި ކޯވިޑް ފެތުރޭތީ މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އެ ދުވަހު ޕޮސިޓިވްވެފައިވަނީ ފްލޫ ކ...

15 May 2021 | 05:34

ކ. މާފުށިން އަނެއްކާވެސް ގިނަ ބަޔަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މާފުށީގައި ކޯވިޑް ފެތުރޭތީ މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އެ ދުވަހު ޕޮސިޓިވްވެފައިވަނީ ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ.

މާފުށީ ސިއްހީ މަރުކަޒުގެ އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާއިރު އިއްޔެ އަނެއްކާވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ މާފުށިން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އެގޮތުން އަލަށް 28 މީހަށް އެރަށުން ކޯވިޑް ޖެހިފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު އެ ރަށުން ކޯވިޑް ޖެހިފައިވަނީ ދެ މީހުންނަށެވެ. އަދި ބުދަ ދުވަހު 17 މީހުންނަށެވެ.

މޮނިޓަރިންގެ ހާލަތަށް ގެނައި ފަހުން އިއްޔެ އާއި ހަމައަށް މާފުށިން 502 މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެއެވެ. އޭގެ ތެރެއިން 288 މީހުން ބަލިން ރަނގަޅުވެފައިވާއިރު އެކްޓިވް ކޭސްތަކުުގެ އަދަދަކީ 212 އެވެ.

އެ ރަށުން ކޯވިޑް ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން ހަ މީހަކަށް ފަރުވާ ދެމުންދަނީ ކޯވިޑް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެންނެވެ. މާފުށީން ޕޮސިޓިވްވި މީހުންގެ ތެރެއިން ބިދޭސީ އަކައި ދިވެއްސަކު ވަނީ ކޯވިޑްގައި މަރުވެފައި އެވެ.

މިހާތަނަށް އެރަށުން 1،689 ސާމްޕަލް ކޯވިޑް-19 އަށް ޓެސްޓުކޮށްފައިވެ އެވެ.

މާފުށީގައި ދަނީ ކޯވިޑް ކޮންޓްރޯލް ކުރުމަށް ކާފިއު ހިންގަމުންނެވެ. އެކަމަކު ދޭތެރެ ދޭތެރެއިން ކޭސްތައް އިތުރުވަމުންދާއިރު މީހަކު ކޯވިޑަށް ޕޮސިޓިވް ނުވާ ދުވަހެއް އަދި ނާދެ އެވެ.

ކޯވިޑް ކޮންޓްރޯލް ކުރުމަށް މާފުއްޓާއި އެކު މިވަގުތު 48 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް