އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި ޟަހީދުވި މީހުންގެ ޢަދަދު 100ން މައްޗަށް އަރައިފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެއްގަމު މަގުންނާއި ކަނޑުމަގުންނާއި ވައިގެ މަގުން ޣައްޒާއަށް ދިން ޙަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި 31 ކުޑަކުދިންނާއި 18 އަންހެނުން ހިމެނެއެވެ. އޭގެ އިތުރުން 800އަށްވުރެ ގިނަ މީހުންވަނީ ޙަމަލާތަކުގައި ޒަޚަމުވެފައެވެ. އަދި ޣައްޒާގެ ޢިމާރާތްތަކަށާއި އެނޫންވެސް ޢުމުރާނީ ވަޞީލަތްތަކަށާއި އުޅަނދުފަހަރަށްވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ.
ޢައްޒާއަކީ ފަލަސްޠީނުގެ އެހެން ބިންތަކާ ވަކިން އޮންނަ ސަރަޙައްދެކެވެ. 2 މިލިޔަން މީހުން ދިރިއުޅޭ ޢައްޒާއަކީ ދުނިޔޭގައި އެންމެ ބޮޑަށް ތޮށްޖެހިފައިވާ ސަރަޙައްދެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް ޒަރޫރީ ސާމާނު އެތެރެކުރެވެނީ އިސްރާއީލުން ޙުއްދަދިނުމުން އެކަންޏެވެ.
ޣައްޒާއަށް ދެމުންދާ ޙަމަލާތައް ވަރުގަދަކޮށްފައިވަނީ އެއްގަމު މަގުން ފަލަސްޠީނުގެ ޣައްޒާއަށް ވަންނަން އިސްރާއީލުގެ އަސްކަރިއްޔާއިން ތައްޔާރުވާން ފަށައިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތައް ބަރު ހަތިޔާރާއެކު ޣައްޒާގެ ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާވާންވަނީ ފަށައިފައެވެ. ބެލެވޭ ގޮތުގައި ފާއިތުވި ދުވަސްތަކުގައި ޣައްޒާއަށް ވަންނަން އިސްރާއީލުން ފަސްޖެހިފައިވަނީ އެ ޤައުމުގެ ފައުޖުތަކަށް ކުރިމަތިވާނެ ކުރިމަތިލުމެއް ވަޒަންކުރަން ނޭނގޭތީއެވެ.
ޣައްޒާއަށް ވަންނަން އިސްރާއީލުގެ އަސްކަރިއްޔާއިން ތައްޔާރުވާން ފަށައިފައިވަނީ ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް މަޝްވަރާކުރުމަށް މިޞްރުގެ ވަފުދެއް އިސްރާއީލުގެ ވެރިރަށް ތަލް އަބީބަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ކުރިން އެ ވަފުދުވަނީ ޣައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ބައްދަލުކޮށް، ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް މަޝްވަރާކޮށްފައެވެ. އެ ވަފުދު ތަލް އަބީބަށް ގޮސްފައިވަނީ އެއްގަމު މަގުންނެވެ.
އިސްރާއީލަށް ބޮޑެތި ޙަމަލާތަކެއް ޙަމާސުން ދޭން ފެށީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ މަސްޖިދުލް އަޤްޞާގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ހުއްޓާލައި ފަހަތައް ޖެހުމަށް ދިން މުޙުލަތަށް އިސްރާއީލުން އިޖާބަނުދިނުމުންނެވެ. އެގޮތުން ޙަމާސުންވަނީ 2،000އަށްވުރެ ގިނަ ރޮކެޓު ޙަމަލާ އިސްރާއީލާ ދެކޮޅަށް ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް