މިހާރު ކުރަމުން މި އަންނަ ވިއްސާރައިގާ މޫސުން ގޯސްވެދާނެކަމަށް ލަފާކޮށް ރާއްޖޭގެ ދެކޮޅަށް ހުދު ސަމާލު ނެރެފިއެވެ.
އެގޮތުން މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފައިވާގޮތުގައި ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ދެމެދުގެ ރަށްތަކަށް އަދި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށެވެ.
މި ސަމާލު ނެރެފައިވަނީ ހެނދުނު 06:00 އާއި ހެނދުނު 10:30 އާއި ދެމެދުގެ ވަގުތުތަކަށެވެ.
މި ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ރާޅު އަރާނެކަމަށްވެސް ލަފާކުރެވޭކަމަށެވެ.
ރާއްޖެއަށް މޫސުން ގޯސްވެފައިމިވަނީ އަރަބި ކަނޑުގައި އުފެދުނު ކޮޅިގަނޑެއްގެ ސަބަބުންނެވެ. މި ކޮޅިގަނޑު މިހާރުވަނީ ތޫފާނަކަށް ބަދަލުވެފައެވެ. ދަތުރުކުރަމުންދަނީ ރާއްޖެއާއި ދުރަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް