ރާއްޖެއަށް މިހާރު މޫސުމީ ގޮތުން އަސަރުކުރަމުން މި އަންނަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެއެވެ.
މި ތޫފާނަށް ދީފައިވާ ނަމަކީ ތޫފާން ތޮއުޓޭ (Tauktae)، ޕްރޮނައުންސް ކުރާ ގޮތަށް ބަލާނަމަ (Tau’Te) އެވެ.
މިއީ މިޔަންމާއިން، ބަރްމީޒް ބަހުން ދީފައިވާ ނަމެކެވެ. މާނައަކީ ހޯނު އެވެ.
އިންޑިއާގެ ނިއުދިއްލީގައި ގާއިމްކޮށްފައިހުންނަ ރީޖަނަލް ސްޕެޝަލައިޒްޑް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނެފައިވާގޮތުގައި ލަކްޝަދްވީޕް މަތީގައި، އަރަބި ކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު މިހާރުވަނީ ތޫފާނަކަށް ބަދަލުވެފައެވެ. މި ތޫފާން ދަތުކުރަމުން އަންނަނީ އުތުރަށް ރާއްޖެއާ ދުރަށް އިންޑިއާގެ ހުޅަނގު ބިތާ ދިމާއަށް ގަޑިއަކު ހަތް ކިލޯމީޓަރު ބާރުމިނުގައި ކަމަށް ބުނެފައިވެއެވެ.
އެ ސެންޓަރުން އިތުރަށް ބުނެފައިވާގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު މި ތޫފާން ބާރުގަދަ ތޫފާނަކަށް ބަދަލުވެގެންދާނެވެ. އަދި 24 ގަޑިއިރު ވާއިރު ތޫފާން އޮންނާނެ ކަމަށް އިންޑިއާގެ ހުޅަނގު ބިތުގެ އައްސޭރީގައެވެ. އަދި މިމަހުގެ 18 ވަނަ ދުވަހު ގުޖުރާތަށް މި ތޫފާން އަރާފާނެ ކަމަށްވެސް އަންދާޒާކޮށްފައިވެއެވެ.
ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާއިރު މިހާރު ވަނީ ރާއްޖެއާއި ދުރަށް، އިންޑިއާ އާއި ކައިރިއަށް ދަތުރުކޮށްފައެވެ. އެހެންކަމުން މިއަދު އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި ތޫފާނުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ދާނީ ކުޑަވަމުން ކަމުގައި ލަފާ ކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް