ރާއްޖޭގައި ކޯވިޑް-19 ޖެހިގެން ރެކޯޑު އަދަދަކަށް މީހުންނަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.
އެޗްޕީއޭއިން މިރޭ އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މިވަގުތު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަދާފައިވާ ކޯވިޑް ފެސިލިޓީތަކުގައި 290 މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. މިއީ ކޯވިޑް ޖެހިގެން ރާއްޖޭގައި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން މިހާ ގިނަ މީހުންނަށް ފަރުވާ ދޭން ޖެހުނު ފުރަތަމަ ފަހަރެވެ.
އެޑްމިޓްކޮށްފައިވާ މީހުންގެ ތެރެއިން 200 އަށްވުރެ ގިނަ މީހުންނަށް ފަރުވާ ދެމުން ދަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ. އަތޮޅު ތެރޭގެ ފެސިލިޓީތަކުގެ ތެރެއިން މީހުން އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ ށ. ފުނަދޫ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީ އަދި އައްޑޫ ސިޓީ ހިތަދޫ ކޯވިޑް މެޖޭންމެންޓް ފެސިލިޓީގައި އެވެ.
މިއަދަކީ އެންމެ ގިނަ މީހުން ކޯވިޑަށް ފަރުވާ ދިނުމަށް އެޑްމިޓް ކުރެވުނު ދުވަހެވެ. އެޗްޕީއޭގެ މައުލޫމާތުތައް ބުނާގޮތުގައި އިއްޔެގެ ހަވީރު 6:00ން މިއަދު ހަވީރު 6:00 އަށް 31 މީހަކު ވަނީ ކޯވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށާފަ އެވެ.
ކޯވިޑް ޖެހިގެން މިއަދު ހަތަރު މީހުން މަރުވެފައިވާއިރު އޭގެ ތެރެއިން ތިން މީހުންނަކީ ކޯވިޑް ފެސިލިޓީޓަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ މީހުންނެވެ. އަނެއް މިހާ އަކީ އައިޖިއެމްއެޗު އެމަޖެންސީ ރޫމަށް ފަރުވާއަށް ގެންދިޔަ މީހެކެވެ.
އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުން ރެކޯޑު އަދަދަކަށް އިތުރުވެފައިވާއިރު ކޯވިޑް އެކްޓިވް ކޭސްތަކުގެ އަދަދުވެސް ރެކޯޑަކަށް ފަހު ރެކޯޑެއް ދަނީ މުގުރަމުންނެވެ. މިހާޜު ރާއްޖޭގައި ކޯވިޑް އެކްޓިވް ކޭސްތަކުގެ ގޮތުގައި 15،003 މީހުން އެބަތިއްބެވެ.
މިއަދުގެ ނިޔަލަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 42،775 އަށް އަރާފަވެ އެވެ، ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 27،672 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް