ޤާސިމް އިބްރާހިމްގެ މައްޗަށް ކޮށްފައިވާ ޝަރުތުތައް ބާތިލްކުރުމަށް އެދިއްޖެ

ޖުމްހުރީޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ބަންދުން ދޫކޮއްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހަތް ޝަރުތު ބާތިލް ކުރުމަށް، ޤާސިމްގެ ވަކީލުންގެ ޓީމުން ކޯޓުގައި އެދިއްޖެއެވެ. މި ގޮތަށް ގާސިމްގެ ވަކީލުންގެ ޓ...

15 May 2017 | 16:58

ޖުމްހުރީޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ބަންދުން ދޫކޮއްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހަތް ޝަރުތު ބާތިލް ކުރުމަށް، ޤާސިމްގެ ވަކީލުންގެ ޓީމުން ކޯޓުގައި އެދިއްޖެއެވެ.

މި ގޮތަށް ގާސިމްގެ ވަކީލުންގެ ޓީމުން އެދިފައިވަނީ ޤާސިމް އިބްރާހިމްގެ މައްޗަށް ކޮށްފައިވާ ޝަރުތުތައް ކުރި މައްސަލާގައި ދަޢުވާ ނުކުރަން ޕީޖީ އޮފީހުން ނިންމާފައިވާތީކަމަށެވެ.

އެ މައްސަލާގައި ދައުވާ ނުކުރަން ޕީޖީން ނިންމާފައިވާ އިރު އެ މައްސަލައާއި ގުޅިގެން މިދިޔަ އެޕްރީލު މަހުގެ 20 ވަނަ ދުވަހުގެ ރޭ ގާސިމް ހައްޔަރުކޮށް ދެފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރުކޮށް 19 ދުވަހު ދޫނިދޫގައި ބަހައްޓާފައިވެއެވެ.

މި މަހުގެ 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ގާސިމް ދޫކޮށްލީ، ހަތް ޝަރުތެއް ކުރުމަށްފަހުއެވެ.

އެޝަރުތުތަކަކީ ތަހުގީގަށް އެއްބާރުލުން ދެއްވުމާއި ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ ރަށުން ބޭރަށް ވަޑައިނުގަތުމަށާއި، ފިތުނަ އުފެދޭ ފަދަ ވާހަކަތައް ދައްކާ މީހުންނާ އެކު ބައްދަލުވުންތައް ނުބޭއްވެވުމަށާއި، ހެކި ގެއްލިދާނެ ފަދަ ނުވަތަ ހެއްކަށް ނުފޫޒު ފޯރާ ފަދަ އެއްވެސް ކަމެެއް ނުކުރެއްވުމަށާއި، ފިތުނަ އުފެދޭ ވާހަކަތައް ނުދެއްކެވުމާއި، ފިތުނަ އުފެދޭ ވާހަކަތައް ދެއްކެވުމަށް ގާސިމްގެ ގޯތިގެދޮރު ބޭނުން ނުކުރެއްވުމާއި އަދި އެފަދަ ކަންކަމަށް މީހުންނަށް ތަންތަން ދޫ ނުކުރެއްވުމާއި ދައުލަތުގެ ތިން ބާރާއި އެ ބާރުގެ ވެރިންނާ ބެހޭގޮތުން ނުތަނަވަސްކަން އުފެދޭ ވާހަކަތައް ނުދެއްކެވުމެވެ.

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، ގާސިމްއަށް ތުހުމަތުކުރާ މައްސަލައިގައި ދައުވާކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާނެތޯ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިނުވާނެ ކަމަށް ފުލުހުން ވިދާޅުވެފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލާގައި ޖިނާއީ ދައުވާކޮށްދިނުމަށް ފުލުހުންގެ ފަރާތުން ޕީޖީ އޮފީހަށް މި މަހުގެ ނުވަ ވަނަ ދުވަހު ފޮނުވާފައިވާ ކަމާއި، ނަމަވެސް ހެކި ނެތުމުން އެ މައްސަލަ މި މަހުގެ 10 ވަނަ ދުވަހު އަނބުރާ ފުލުހުންގެ އިދާރާއަށް ފޮނުވާލާފައިވާކަމަށް، ގާސިމްގެ ވަކީލުންނަށް ލިޔުމުގެ ޒަރިއްޔާއިން ޕީޖީ އޮފީހުން އަންގާފައިވާކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ގާސިމް ދެވަނަ ފަހަރަށް ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން 42 މެމްބަރުންގެ ސޮއި ހޯދަން، "ގަވާއިދާ ހިލާފަށް" މަސައްކަތްކުރައްވާކަމަށާއި އަދި  ސަރުކާރު ވައްޓާލަން މަސައްކަތްކުރައްވާކަމުގެ ތުހުމަތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް