މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓު ޔާމީން ރަޝީދު މަރާލަން ހަމަލާދިން ދެ މީހުން ތިބީ ފުލުހުންގެ ހައްޔަރުގައި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔާމީންގެ މަރާ ގުޅިގެން ފުލުހުންގެ ހައްޔަރުގައި ތިބި މީހުންގެ ތެރޭގައި އަމަލީ ގޮތުން ޔާމީން މަރާލުގައި ބައިވެރިވެގެން ހޯދަން އިއުލާނު ކުރި ދެމީހުން ހިމެނޭ ކަމަށެވެ. ފުލުހުން ބުނީ ޔާމީންގެ މަރާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިހާރު ޔާމީންގެ މަރާ ގުޅިގެން ފުލުހުންގެ ބަންދުގައި ހަތް މީހަކު އެބަ ތިއްބެވެ.
ހޯދަން އިއުލާނުކޮށްފައިވާ ދެ މީހުން ހައްޔަރު ކުރީ ކޮން އިރަކު ކަމެއް ފުލުހުންނެއް ނުބުނެ އެވެ.
ޔާމީންގެ މަރުގެ ތަހުގީގަށް ހުރަސް އެޅުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ގާނޫނީ ވަކީލު، އަލީ ޝާހު ވެސް ރޭ ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމާ ގުޅޭ މައުލޫމާތުތަކެއް ވެސް ފުލުހުން އަދި އާންމެއް ނުކުރެ އެވެ.
ފުލުހުން ބުނެފައިވަނީ ޔާމީންގެ މަރުގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބެމުންދާ ކަމަށާއި ޔާމީންގެ ގާތިލުން ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
ޔާމީން މަރާލާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު 2:50 ހާއިރު އޭނާ ދިރިއުޅުނު ގޭ ސިޑި ގޮޅީގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް