މިއީ މީހުން މަލާމަތް ރައްދުވެފައިވާ އިންޑިއާގެ ވެރިރަށް ދިއްލީގެ މަޝްހޫރު "ހިޖާބީ ބައިކާ"

އުމުރުން 22 އަހަރުގެ ރޯޝްނީ މިސްބާހު އަކީ އިންޑިއާގެ ވެރިރަށް ދިއްލީގައި މިހާރު ވަރަށް މަޝްހޫރު މީހެކެވެ. އޭނާ މަޝްހޫރުވީ އާންމުކޮށް އިންޑިއާގައި އަންހެނުން ދުއްވާ ސްކޫޓަރުގެ ބަދަލުގައި ބުރުގާ އަޅައިގ...

15 May 2017 | 05:25

އުމުރުން 22 އަހަރުގެ ރޯޝްނީ މިސްބާހު އަކީ އިންޑިއާގެ ވެރިރަށް ދިއްލީގައި މިހާރު ވަރަށް މަޝްހޫރު މީހެކެވެ.

އޭނާ މަޝްހޫރުވީ އާންމުކޮށް އިންޑިއާގައި އަންހެނުން ދުއްވާ ސްކޫޓަރުގެ ބަދަލުގައި ބުރުގާ އަޅައިގެން ހުރެ ރޭސިން ސައިކަލު ދުއްވާތީ އެވެ. ރޯޝްނީ މީޑިއާގައި ބުނެފައިވަނީ ފުރަތަމަ ބުރުގާ އަޅައިގެން ހުރެ ރޭސިން ސައިކަލުގައި ކޮލެޖަށް ދާން ފެށުމުން މީހުންގެ ފަރާތުން މަލާމާތާއި ފުރައްސާރަ ކުރުން ރައްދުވި ކަމަށެވެ. އަދި އޭނާގެ ބައްޕަ އޭނާއަށް އެ ސައިކަލު ގަނެދިނުމުން ދެފަރާތު އާއިލާއިން ބައްޕަ އާއި މަންމަ އާއި ދިމާއަށް އެއްޗެހި ކިޔާ އެއީ މުސްލިމް އަންހެން ކުދިން އުޅެންވާނެ ގޮތް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ.

ރޯޝްނީ ބުނީ އޭނާ ކިޔަވަނީ އިސްލާމީ އަރަބި ކޮލެޖެއް ކަމަށްވާ ޖާމިއާ މިލިއާ އިސްލާމިއާ އިން ކަމަށާއި އުޅެމުންދަނީ އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ. އެހެންކަމުން ސައިކަލު ދުއްވުމަކީ ގޯސް ކަމަކަށް ވާންވީ ސަބަބެއް ނެތް ކަމަށެވެ.

ރޯޝްނީ އެ ސައިކަލު ގަތްތާ އަދި ވީ ހަތް މަހެވެ. އޭގެ ކުރިން ބައްޕަ އާއި ބޭބެގެ  ސައިކަލުވެސް ދުއްވި އެވެ. އޭނާއަށް ރޭސިން ސައިކަލެއް ބައްޕަ ގަނެދިނި އާއިލާ މީހުން ކީ އެއްޗިއްސަށް ނުބަލާ، އެފަދަ ތަފާތު ކުރުންތަކަށް އަންހެނުންގެ މެދުގައި ގެންގުޅެން ބައްޕަ ބޭނުން ނުވާތީ ކަމަށެވެ.

ރޯޝްނީ ދިއްލީގައި މަޝްހޫރުވެގެން ދިޔައީ ބުރުގާ އަޅައިގެން އެހާ ބޮޑު ސައިކަލެއް ދުއްވާ އަންހެނަކު ނޫޅޭތީ އެވެ. އަދި އެއީ އިންޑިއާގެ މުސްލިމް އާދަކާދައާއި ސަގާފަތާއި ތަފާތު ކަމަކަށްވާތީ އެވެ.

އޭނާ ސައިލަލުގައި ދާއިރު މަގުމަތީގައި މީހުން ހުއްޓިގެން ބަލަން ތިބޭކަމަށްވެ އެވެ. ސައިލކަލު ދުއްވުމުގައި ވަރަށް ފަރިތަ ރޯޝްނީ މިހާތަނަށް ޓްރެފިކް ގަވައިދަކާ ހިލާފުވެފައެއް ނުވެ އެވެ. އަދި މުބާރާތްތަކުގައި މީހުން ދުއްވާހާ ބާރަށް ފަރިތަކަމާއި އެކު އޭނާ ސައިކަލު ދުއްވަ އެވެ.

ރޯޝްނީ މިހާރު ބޭނުންވަނީ ބައިނަލް އަގުވާމީ މުބާރާތެއްގައި ބައިވެރިވެގެން "ސުޕާ ބައިކާ" އަކަށް ވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް