ގޫގަލް އިން އެންމެ ފުރަތަމަ ނެރުނު ސްމާޓްފޯން ފްލެގްޝިޕް "ނެކްސަސް" މާޒީއަށްވެ ސްމާޓް ފޯނު މާކެޓްގައި ގޫގަލް އިން ވަކި ހިއްޕާލީ ނިމިދިޔަ 2016 ވަނަ އަހަރު، ގޫގަލް ޕިކްސެލްގެ ނަމުގައި ސްމާޓް ފޯނެއް ނެރެގެންނެވެ. ސްމާޓް ފޯނު ދުނިޔޭގައި ނެކްސަސް ފްލެގްޝިޕަށް މާ ބޮޑު ކާމިޔާބެއް ނުހޯދުނު ނަމަވެސް ޕިކްސެލް ފޯނު ވަނީ ކުރިއެރުންތަކެއް ހޯދާފަ އެވެ.
ގޫގަލް އިން ޕިކްސެލް ފްލެގްޝިޕާއެކު ސްމާޓްފޯނު މާކެޓަށް މިދިޔަ އަހަރު ވަދެފައިވާއިރު މި އަހަރުވެސް ސްމާޓް ފޯނެއް ނެރޭނެކަމަށް ބެލެވެ އެވެ. ހަމައެކަނި ބެލެވެނީކީ ނޫނެވެ. އަޑުތައް މިވަނީ ފެތުރެން ފަށާފަ އެވެ.
އަޑުތައް ފެތުރޭގޮތުގައި ގޫގަލް އިން މި އަހަރު ނެރެން ތައްޔާރުވަނީ ޕިކްސެލް 2 އަދި ޕިކްސެލް އެކްސްއެލް 2 އެވެ. މި ޕްރޮޖެކްޓަށް މިހާރު ކޯޑްނަމެއް ދީގެ ބާރު ސްޕީޑެއްގައި ޕްރޮޖެކްޓް ކުރިއަށްދާކަމަށްވެސް އަޑުތައް އިވެ އެވެ.
ޓެކްނޮލޮޖީގެ އުފެއްދުންތަކަށް ފާރަލާ އަދި ކަންކަން ހާމަކުރުމުގައި ކުރީގައި އުޅޭ ވެބްސައިޓެއް ކަމުގައިވާ ޕްރައިމެޓް ލެބްސް އިން ހާމަކޮށްފައިވާގޮތުގައި މި ޕްރޮޖެކްޓަށް ގޫގަލް އިން ދީފައިވާ ނަމަކީ "ތައިމަން" އެވެ. ޕްރޮޓޯޓައިޕް ފޯނެއް މިހާރު ތައްޔާރުކޮށްފައިވާކަމަށާއި އެ ފޯނުގައި ބެނުންކުރާ އޯއެސްއަކީ އެންޑްރޮއިޑް އޯ ކަމަށާއި އަދި އެ ފޯނުގައި ބޭނުންކުރަނީ ފަހުގެ ޓެކްނޮލޮޖީއެއް ކަމުގައިވާ ކުއަލްކޮމް އޮކްޓަ-ކޯރ ސްނެޕްޑްރެގަން 835ގެ ޗިޕްސެޓެއް ކަން ޕްރައިމެޓް ލެބުން ވަނީ ހާމަކޮށްފަ އެވެ.
ގޫގަލް އިން ނެރެން ތައްޔާރުވަމުން އަންނަކަމަށްބުނާ ޕިކްސެލް 2 ގެ މާގިނަ ތަފްސީލުތަކެއް އަދި ފެންމަތިވެފައެއް ނުވެ އެވެ. ނަމަވެސް ގަބޫލު ކުރެވޭގޮތުގައި ޕިކްސެލް އަށް ލިބުނު ކާމިޔާބީއަށް ރިއާޔަތްކޮށް ގޫގަލް އިން މި އަހަރުވެސް ސްމާޓް ފޯނެއް ބާޒާރަށް ނެރޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް