އެހެން ކެނޑިޑޭޓުންގެ އިންތިޚާބީ ޙައްޤަށް އަރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިލެކްޝަންސް އިން ދީފި

މަޖިލިސް އިންތިޚާބަށް ކެމްޕޭނު ކުރުމުގައި އެހެން ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤަށް އުނިކަން ނާންނާނޭގޮތަށް ކެމްޕޭނު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް އިލްތިމާސްކޮށްފިއެވެ. އެގޮތުން އެ ކޮމ...

15 Apr 2024 | 11:32

މަޖިލިސް އިންތިޚާބަށް ކެމްޕޭނު ކުރުމުގައި އެހެން ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤަށް އުނިކަން ނާންނާނޭގޮތަށް ކެމްޕޭނު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް އިލްތިމާސްކޮށްފިއެވެ.

އެގޮތުން އެ ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ތަކުރާރުކޮށް ހަނދުމަކޮށްދީފައިވަނީ ޤާނުނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނުނު)ގެ 29 ވަނަ މާއްދާގެ (ށ) ގައި، އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަން އަތުވެދާނެފަދަ އެއްވެސް ކަމެއް ކޮށްގެންނުވާނެކަމަށާއި އެހެން ކެންޑިޑޭޓަކާ ބެހޭގޮތުން އެއްވެސް ދޮގު މަޢޫލޫމާތެއް ބޭނުންކޮށްގެންވެސް ނުވާނަކަމަށް ބަޔާންކޮށްފައިވާކަމެވެ.

"އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކެންޑިޑޭޓުންނަށް ތާޢީދު ހޯދުމަށް ކުރާ މަސައްކަތުގައި އެންޓިކެމްޕެއިންގެ ޢަމަލުތައް ފެންނަމުންދާކަން މި ކޮމިޝަނަށް ވަނީ ފާހަގަކުރެވިފައި، އެގޮތުން ތާޢީދު ހޯދުމަށް ބޭނުންކުރާ ޕޯސްޓަރުތަކާއި ބެނާތަކުގައި ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަށް އުނިކަން ލިބޭގޮތަށް މެސެޖްތައް ދައުރުކުރަމުންދާކަން ފާހަގަކުރެވޭ" އިލެކްޝަންސް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ތާޢީދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަން އަތުވެދާނެފަދަ އެއްވެސްކަމެއް ނުކުރުމަށާއި ގަވައިދު ނަންބަރު 2020/R-48 (އިންތިޚާބުތަކާބެހޭ ޢާންމު ގަވައިދު) ގެ 19 ވަނަ މާއްދާގައި ބަޔާންކުރާ ސުލޫކީ މިންގަނޑަށް ތަބާވުމަށް ހުރިހާ ކެންޑިޑޭޓުންނަށް އިލްތިމާސްކުރާކަމަށާއި އަދި މިފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް