ކުރުވާހަކަ: ޝަކުވާ

އާސަހަރާގެ ތެރޭގައި މީހުން ފުރިބާރުވެފައި އޮތެވެ. މާލޭގެ ޤަދަރުވެރިއާއިލާއެއްގެ ޅީދަރިއަކު މަރުވީއެވެ. ސަރުކާރުގެ މަތީ ފަންތީގެ މީހުންނާއި ކަމުވޮށިގެންވާ މީހުން މޫނުދެކެން އައެވެ. އެހުރިހާއެންމެންވެސް...

15 Apr 2023 | 07:26

އާސަހަރާގެ ތެރޭގައި މީހުން ފުރިބާރުވެފައި އޮތެވެ. މާލޭގެ ޤަދަރުވެރިއާއިލާއެއްގެ ޅީދަރިއަކު މަރުވީއެވެ. ސަރުކާރުގެ މަތީ ފަންތީގެ މީހުންނާއި ކަމުވޮށިގެންވާ މީހުން މޫނުދެކެން އައެވެ. އެހުރިހާއެންމެންވެސް ސަމީރަށް ހަމްދަރުދީގެ ބަހެއް ބުނެލުމުގެ ބަދަލުގައި ތައުޒިޔާއާއި ހަމްދަރުދީ ފާޅުކުރަނީ ނިޔާޒަށެވެ. ސަމީރުގެ ދަނބިދަރިފުޅަށެވެ. ވާނީ އެހެންތާއެވެ. ސަމީރަކީ ރަށްފުށުގެ ދެރަ ރައިވެރިއެކެވެ. ނިޔާޒަކީ ރަސްމަތިފުށުން އައި މާލޭގެ ގަދަރުވެރިއެއްގެ ދަރިއެކެވެ. މީހުން ސަމީރެއް ނުދަންނާނެއެވެ. އޭނާގެ ރައްޓެހި ރަހުމަތްތެރިންތަކެއް މާލެއަކު ނުތިބޭނެއެވެ. ދަރިފުޅުގެ މޫނުދެކިލަން އައީ މާލޭގައި އުޅޭ އޭނާ ދަންނަ ދެތިން މީހެކެވެ. އެމީހުން ސަމީރަށް ހިއްވަރު ދިނެވެ.

ސަމީރު މާލެއައީ ދަރިފުޅު ސީމާ ބަލައެވެ. ފިރިމީހާގެ ގެއިން އޭނާގެ މައިފުނަގެއަށް އަނބުރާ ގެންދިޔުމަށެވެ. އެކަމަކު ތަޤުދީރު އެކަމަށް އެހީނުވީއެވެ. ސިޔާސަތުތައް އެކަމަށް ތަން ނުދިނީއެވެ. ޤާނޫނަކީ ލޮލަށް ފެންނަ އެއްޗަކަށް ނުވީތީއެވެ. އަދުލު އިންސާފަކީ ވަކިބަޔަކަށް އޮތް އެއްޗަކަށް ވިޔަތީއެވެ. ހަޤީޤަތްތައް އޮތީ ސީމާގެ ފިރިމީހާގެ ގޭގެ ހަތަރުފާރުން އެތެރޭގައެވެ. ޤާނޫނުތަކާއި ޤަވާއިދުތަކަކީ އެހަތަރުފާރުން އެތެރޭގައި ހިނގާއެއްޗެއް ނޫނެވެ.

ސީމާގެ ކަށުކަމާކެމީގެ ކަންތައް ހިނގަމުން ދިޔައިރު ނިޔާޒްގެ އާއިލާގެ އެންމެންކަހަލަ ގޮތަކަށް ސަހަރާގައި ތިއްބެވެ. އެމީހުންގެ މޫނުގައި ހިތާމައިގެ އަސަރެއް ނެތެވެ. އެމީހުންގެ ރައްޓެހިންނާއި ހީސަމާސާކޮށް ހަދާގޮތުން އެމީހުން އައިސްތިބީ ޖަނާޒާއަކަށްވުރެ ބޮޑަށް ޕާޓީއެއްގައޭ ދެކޭމީހުންނަށް ހީވާނެއެވެ.

އެއިން ކޮންމެ މަންޒަރަކުން ސަމީރުގެ ހިތުގައި އެތައްހާސް ނަފުރަތެއްގެ ހުޅު ރޯވެ އަނދަމުން ދިޔައެވެ. އެއިން ކޮންމެ މީހެއްގެ މޫނުގައި ވަކިވަކިން ނިޔައަޅައި ނޮޅާލަފާނަމޭވެސް ހިތަށް އަރައެވެ. އެކަމަކުވެސް ސަމީރު ކެތްކުރިއެވެ. ވަގުތު ޖެހެންދެންނެވެ. ސީމާގެ މޫނު ދުށުމަށް ނިޔާޒު ވަންނަން އައިވަގުތު ސަމީރު އޭނާގެ ކުރި ބައްދައިފިއެވެ. ވޭނާ ކަރުނަޔާއި ހިތްދަތިކަމާއި ނަފްރަތާއި ރުޅި ސަމީރުގެ ލޮލުން ފާޅުވޭވޭ ހުއްޓެވެ. ސަމީރުގެ އެއަމަލުން ސަހަރާގައި ދެންތިބި މީހުންނަށް ހައިރާންކަން ލިބުނެވެ.

ނިޔާޒް ހުއްޓުނެވެ. ދެބުމަގޮށްޖަހާލައި ސަމީރު އެއްފަރާތްކޮށް ވަންނަން ނިޔާޒް މަސައްކަތްކުރިއެވެ. އެވަގުތު އަމިއްލަ ނަފުސުގެ ރުޅިކޮންޓްރޯލް ކުރަމުން ސަމީރު ބުނި ބަސް އަޑު އިވިފައި އެންމެންގެ ކަންފަތައް ދިޔައީ ކޮޅަށް ޖެހިގެންނެވެ. ސަމީރު ބުންޏެވެ. "އިއްޒަތްތެރި މަނިކުފާނެވެ. އެތާނގައި މިހާރު އެއޮތީ މަނިކުފާނުގެ އަނބިކަނބަލުންނެއް ނޫނެވެ. އަހަރެންގެ ދަރިފުޅެވެ. އެހަށިގަނޑުން ފުރާނަ ވަކިވުމުން މަނިކުފާނަށް އަޅުގަނޑުކޮށްދިން ކައިވެނީގެ އަޤުދު ކެނޑުނީއެވެ. އެދަރިފުޅު ދުނިޔެއަށް އުފަންކުރީ އަޅުގަނޑެވެ. މިދުނިޔަވީ ފާލަމުން ކުރާ އެންމެ ފަހު ދަތުރުގައި އޭނާ އުފުލާނީވެސް އަޅުގަނޑުގެ ކޮނޑުގައެވެ."

ރީތިބަހުން ސަމީރު ދެއްކި ވާހަކަ އަޑުއަހާފައި ނިޔާޒްގެ އާއިލާގެ މީހުން ލަދުގަނެ ފަހަތަށް ޖެހިއްޖެއެވެ. އިއްޒަތާއި ޤަދަރަށްޓަކައި އެމީހުންގެ އެކަކުވެސް އެދަނޑިވަޅުގައި އެތަނުގައި އެއްޗެކޭ ނުބުންޏެވެ. އެކަމަކު ޖަނާޒާއަށް އައިސްތިބި އެންމެންގެ މޫނުމަތިން ހައިރާންކަން ފާޅުވިއެވެ. ނިޔާޒުގެ އާއިލާ އާއި ބައެއް މީހުން ސުވާލުތައްވެސް ކުރިއެވެ.

ނިޔާޒްއަށް ސީމާ ފެނުނީ ސަރުކާރުގެ ކަމެއްގައި ރަސްގެތީމަށް އައިސްހުރި ހުރުމުގައެވެ. ސީމާއާއި ނިޔާޒްއާއި ދެމެދު ލޯބީގެ ގުޅުމެއް އުފެދުނީ އޭރުއެވެ. އެކަމާއި ސަމީރު ދެކޮޅުވެސް ހެދިމެއެވެ. އެކަމަކު ދަރިފުޅުގެ އުފަލަށްޓަކައި ހަތިޔާރު ބެހެއްޓީއެވެ. ބައްޕަގެ ނަސޭހަތްތަކަށް ސީމާއަށް ފުރަގަސް ދެވުނީ ނިޔާޒް އޭނާއަށް ދެއްކި ދަޅަތަކުގައި ޖެހިގެންނެވެ.

ސަމީރު މިއަދުވެސް ހަނދާން އެބަހުއްޓެވެ. ސީމާ ނިޔާޒް އާއި އިންނަން ބޭނުންވާ ވާހަކަ ބުނުމުން ގޭގެ ބޮޑު އުނދޯލީގައި ބައިންދައިގެން ދަރިފުޅަށް ވިސްނައިދިންވަރެވެ. އެދުވަހުވެސް މިދުވަސް އަންނާނެކަން ސަމީރަށް އެނގެއެވެ. ސަމީރު އެދުވަހުވެސް ދަރިފުޅު ސީމާ ގާތުގައި ބުންޏެވެ. "ލޯބިވާ ދަރިފުޅާއެވެ. އުފާވެރި ދިރިއުޅުމެއް ލިބޭނީ އެމީހަކާއި އެކަށޭނަ އެއް ފެންވަރެއްގެ މީހަކާއި އެކުގައެވެ. ކިތަންމެ ލޯބިވިޔަސް ދެމީހުންގެ ދެމެދުގައި ފެންވަރާއި އުމުރުގެ ތަފާތާއި، އާދަކާދައާއި ސަޤާފަތުގެ ތަފާތު ވާނަމަ، އެކައިވެންޏެއް ބާއްޖަވެރި ވުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. މުއްސަނދި ފޯރުންތެރި މީހުންގެ ތެރެއިން ގިނަ މީހުން އެމީހުންނަށް ވުރެ ދަށްފަންތީގެ މީހުންނާއި އިނދެފައި ހުރީ އެމީހުންގެ ބާރާއި ގަދަކަން ދެއްކުމަށެވެ. ނުވަތަ އެމީހުންނަކީ، އޯގާތެރި ބައެއް ކަމުގައި ދެއްކުމަށް ޓަކައެވެ. ލޯބިވާ ދަރިފުޅާއެވެ. ރައްޓެހިވެގެން އުޅޭއިރު ފެންނާނީ އަސްލު ސޫރައެއް ނޫނެވެ. އަސްލު ސޫރަ ފެންނާނީ ކައިވެނީގެ ފަހުން އެކުގައި ދިރިއުޅެން ފެށީމައެވެ. ނިޔާޒަކީ މުއްސަނދި ގަދަރުވެރި އާއިލާއެއްގެ މީހެކެވެ. ބައްޕަ އޭނާއެއް ނުދަންނަމެވެ. އެކަމަކު އޭނާގެ މޫނުމަތިން އޯގާތެރިކަމުގެ އެއްވެސް އަސަރެއް ބައްޕަ އަކަށް ނުފެނެއެވެ. އަމުދުން، ނިޔާޒް އާއި އިނދެފިނަމަ ދަރިފުޅާއި ބައްޕަ ދެފަސް ވީއެވެ. ދަރިފުޅުގެ ރުއިމާ ގޮވާލުމުގެ އެންމެ އަޑެއްވެސް ބައްޕަގެ ކަންފަތާއި ހަމައަށް ފޯރުމަށް އެތައް ހަފްތާއެއް ހޭދަވާނެއެވެ. އޭރު އޮންނާނީ މާލަސްވެފައެވެ".

"މައްޔިތާގެ މޫނުއެޅުމަށް އާއިލާގެ އެންމެ ގާތް މީހުން އާދޭ" ޖަމާއަތްތެރިޔާގެ އަޑަށް ސަމީރު ސިހުނެވެ. އޭނާ އަވަސް އަވަހަށް މީހުންގަނޑުގެ ތެރެއިން އެތެރެއަށް ވަނެވެ. ދެލޯ ފޮހެމުންނެވެ. ސީމާގެ ބޯލާކޮޅުން ގާތްވިއެވެ.

"އަހަރެންނަކީ، މި ބަދު ނަސީބު އަންހެނާގެ ބަދު ނަސީބު ބައްޕަ، އަހަރެންގެ އަތުން އޭނާގެ މޫނު ކަފަގަނޑު އެޅިޔަދީ!" ޖަމާއަތްތެރިޔާ އާއި ކުރިމަތި ލަމުން ސަމީރުގެ އަޑު ބެދުނެވެ. ހިފެއްޓުމެއް ނެތި ރޯން ފެށުނެވެ. އެދަރިފުޅުގެ އޮމާން ކޯތާފަތާއި ނިތްކުރީގައި ނޫފައިގެންފައި ހުރި ތަނުގައި ޖަމާއަތްތެރިން ކިތަންމެ ވަރަކަށް ރަތްފުށް ޖަހާފައި ހުރިނަމަވެސް އެޒަޚަމްތައް ސަމީރަށް ފެނެއެވެ. އޭނާއަށް އެތަދު އިހްސާސްވެއެވެ. ސަމީރު ބޭނުންވަނީ އޭނާގެ ދަރިފުޅަށް އިންސާފު ހޯދައިދޭށެވެ. އޭގެ ކުރިން އެދަރިފުޅު ވަޅުލާކަށް އޭނާ ބޭނުމެއް ނޫނެވެ. އެކަމަކު އިންސާފަކީ އޭނާއަށް އޮތް އެއްޗެއް ނޫނެވެ. މިދުނިޔޭގައެވެ. އޭނާއަށް ކުރެވޭނެ ކަމެއް ނެތީއެވެ. ނިޔާޒްގެ ގާތުގައި ދުރުގައި ތިބި ދެ ފުލުސް އޮފިސަރުންނަށް ސަމީރު ބަލާލީ ޝަކުވާގެ ނަޒަރަކުންނެވެ. އޭނާ ބުނާކަހަލައެވެ. "އަހަރެންނާއި އަހަރެންގެ ދަރިފުޅަށް އިންސާފު ލިބުނަ ނުދޭން ކަލޭމެން ފޫގަޅައިގެން ތިޔަތިބީ އަހަރެމެން ނިކަމެތީންކަމުގައި ވީމާ ހެއްޔެވެ؟ ޢާލަމްތަކުގެ ވެރި ރަސްކަލާންގެ ހަޟުރަތުގައި ކޮޅަށް ހުންނަ ދުވަހުވެސް ކަލޭމެން ހަމަ ތިޔަ ގޮތަށް އޭނާ ހިމާޔަތް ކުރާނަން ހެއްޔެވެ؟"

ސަމީރުގެ ލޮލުން ވެއްޓުނު ދެކަރުނަތިކި ގޮސްޖެހުނީ ސީމާގެ ކޯތާފަތުގައެވެ. އެމައްޔިތާގެ މޫނުގައި ޖަހާފައިވާ ފުށް ފޭދިގެން ދިޔަ ތަނުން ފާޅުވި ގަދަ ދަނބުކުލަ ކައިރީގައި ތިބި އެހެން މީހުންނަށްވެސް ފެނުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ޖަމާއަތްތެރިޔާ ސަމީރުގެ އަތުގައި ހިފައި ސީމާގެ މޫނު ކަފަގަނޑު ބޭއްވުމުން، އެމަންޒަރު ދުނިޔެއަށް ގެއްލުނީއެވެ.

ކަށުނަމާދަށް ފަހު ސީމާގެ ސަންދޯއް މިސްކިތުން ނެރެފިއެވެ. ކޮނޑުމަތީގައި ސަންދޯއް އުފުލަމުން ދިޔައީ ސަމީރާއި އޭނާގެ ތިން އެކުވެރިންނެވެ. އޭރު ސަމީރުގެ ލޮލުން ހިފެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ވިހޭ ގޭތެރޭގައި މައިމީހާ މަރުވުމުން ސަމީރު ސީމާ ބަލާބޮޑު ކުރީ އެކަނި ގިނިކަންޏާއެވެ. އެދަރިފުޅު ތުއްތު އިރު ކޮނޑަށްލައި ބޮލަށްލައިގެން އޭނާ އުޅުނު ހަނދާންތައް ނެތޭނީ ކިހިނެއްހެއްޔެވެ؟ އެދުވަހު ދަރިފުޅު ކޮނޑަށްލައިގެން އޭނާ އުޅުނީ އުފަލުންނެވެ. އެކަމަކު މިއަދު އޭނާގެ ކޮނޑުމަތީގައި އެވަނީ އޭނާގެ ޒުވާން ދަރިފުޅުގެ ފުރާނަނެތް މަސްގަނޑެވެ. އޭނާގެ އުންމީދުތަކެވެ. އެދަރިފުޅާއި މެދު އޭނާކުރި ފޮނި އުންމީދުއްތައް ވިއްސި ވިހާލިވީއެވެ.

ސަމީރު ބޭނުންވީ ސީމާ ރަށުމީހަކާއި ކައިވެނިކޮށްގެން ރަށުގައި ދިރިއުޅޭށެވެ. އޭނާގެ ގާތުގައެވެ. އޭނާގެ މައިފުނަ ގޭގައެވެ. އެކަމަކު އެހެން އެކަން ނުވެދާނެ ކަމުގެ ބިރު އަބަދުވެސް ސަމީރަށް އޮތެވެ. އެހެނީ ކޮންމެ އަންހެންކުއްޖަކީ، ބައްޕަގެ ގޭގައި އެހެން މީހެއްގެ އަމާނާތެކެވެ. ކޮންމެވެސް ތާކުން ކޮންމެވެސް ދުވަހަކުން އެއަމާނާތާއި ހަވާލުވާން އޭނާ އަންނާނެއެވެ.

ސިމާގެ ސަންދޯއް ކޮނޑުމަތީގައި އުފުލަމުން ދިޔައިރުވެސް ސަމީރުގެ ލޮލުން ދިޔައީ ހިފެހެއްޓުމެއް ނެތް ކަރުނަތައް އޮހެމުންނެވެ. ސަންދޯކުގެ ފަހަތުން އައި މީހުން ތިބީ ހިމޭނުންނެވެ. އެމީހުންގެ ތެރޭގައި ހަގީގަތް އެނގޭ މީހުންނާއި ނޭނގޭ މީހުން ތިއްބެވެ. އެކަމަކު ސަމީރުގެ ދަރިފުޅަށް އިންސާފެއް ހޯދައި ދިނުމަށް އިނގިލިކުރި ހިއްލާލާނޭ މީހަކުވެސް އޭގެތެރޭގައި ނެތެވެ.

ސީމާގެ ސަންދޯއް ކަށްވަޅަށް ތިރިކޮށްފިއެވެ. ތިންމުއްވެލީގެ ހަދިޔާއިން ސަމީރު ދަރިފުޅަށް ވެދުން ކުރީވެސް ރޮމުން ގިސްލަމުންނެވެ. އޭނާގެ ބަގީޗާގައި ފޮޅުނު މާ މިލައި މޯޅިވީއެވެ. ހަޔާތުގެ ހުޅުކޮޅު ނިވުނީއެވެ. ދިރިހުރުމުގެ ބޭނުން ކެނޑުނީއެވެ.

ދަރިފުޅަށް ހެޔޮދުޢާ ކުރުމަށްފަހު، ސަމީރުވެސް އެހެން މީހުންނާއި އެކު ދަރިފުޅުގެ މަހާނައަށް ފަސްދީ ހިނގައިގަތެވެ. އޭނާއަށް ކުރިޔަށް އެޅުނީ ދެތިން ފިޔަވަޅެވެ. ހީވީ ދަރިފުޅު ސީމާ ގޮވާލިހެންނެވެ. ބޭ އިހްތިޔާރުގައި ސަމީރަށް އެނބުރިގޮސް ކޮޅު ކަކޫޖަހައި މަހާނައިގެ ކައިރީގައި އިށީނދެވުނެވެ. އޭނާ ގިސްލާންފެށިއެވެ. އެހިތާމަވެރި ހިތްދަތި މަންޒަރުފެނި އުޑުތަކުގައިވާ މަލާއިކަތުންވެސް ކަލާނގެ ހަޟުރަތުގައި ފަރިޔާދު ކުރާހައިވެއެވެ. އެހާވެސް އެމަންޒަރު ހިއްދައްޗެވެ. ސަމީރުގެ ދުލުން ބޭރުވަނީ ހަމަ އެންމެ ލަފުޒެކެވެ. "ދަރިފުޅާ"އެވެ. ސަމީރު ތަކުރާރުކޮށް ގޮވަމުން ދިޔައެވެ.

އެއްބަޔަކު އެނބުރިއައިސް ސަމީރުގެ ގާތަށް ހުއްޓުނެވެ. ސަމީރާއި އެކު އެޖަނާޒާއަށް އައި އޭނާގެ ދެރަހުމަތްތެރި އަކު، ސަމީރުގެ ދެކިހިލިފައްޗަށް އަތްލައި ނަގައިފިއެވެ. އަދި އޭނާ ގާތުގައި ދާން ހިނގާށޭ ބުނެ އޭނާ ގޮވައިގެން ހިނގައިގެންފިއެވެ. ހިނގާނެހައި ވަރެއް ކޮޅަށް ހުންނާނެ ވަރެ ދެން ސަމީރުގެ ގައިގައި ހުރި ހެނެއް ހިއެއް ނުވެއެވެ. އޭނާ ހީވަނީ ފާޑެއްގެ މަސްތެއް ވެފައިވާ މީހެއް ހެންނެވެ. ސަމީރުގެ މަޤާމުގައި އެހެން މީހަކު ހުރިނަމަވެސް ވާނީ އެހެންނެވެ.

ނިޔާޒް އާއި ކައިވެނިކޮށްގެން ސީމާ އެގެއަށް އައީ އުފަލުގައި ދިރިއުޅޭށެވެ. ނިޔާޒުގެ މުއްސަނދި ގޭގެ ހަތަރުފާރުން އެތެރޭގައި އެޅުނު ފުރަތަމަ ފިޔަވަޅާއި އެކު އޭނާ ހީކުރީ އޭނާގެ އުންމީދުތަކުގެ ދުނިޔޭގައި ހުރިހާއެއްޗެއް ހާސިލްވީ ކަމަށެވެ. އެ ރީތި ބޮޑުގެއާއި އަބަދު ތާޒާވެ ރީތިވެގެން ތިބޭ ނިޔާޒްގެ އާއިލާގެ މީހުން ސީމާއަށް ފުރަތަމަ ފެނުނީ މަލާއިކަތުންތަކެއް ފަދަ ބައެއް ގެ ގޮތުގައެވެ. ނަމަވެސް އެގޭގައި އޭނާ ވޭތުކުރި ފުރަތަމަ ދުވަހު، އޭނާއަށް ކުރެވުނު ހުރިހާ ހީތަކަކީ ކުށްހީތަކެއްކަން އޭނާއަށް އެނގިއްޖެއެވެ.

ޒީލަ ގަދަ މައިދަތަ އަކާއި ވަހުޝީ ބަފައިބެއެއް އަދި އެއަށްވުރެވެސް އަޅާލުންކުޑަ ގޮތެއް ނެތް ފިރިއަކާއި އެކު ސީމާ ހަޔާތުގެ ދަތުރު ކުރަންޖެހުނީ އިންތިހާ ވޭނާއި ހިތްދަތިކަމުގައެވެ. އެގެއަށް ސީމާ އައި ފުރަތަމަ ރެއަށް އިރު އެރި އިރު އޭނާ ހުރީ އޭނާގެ ބައްޕަ ގާތަށް ރަށަށްދާން ބޭނުންވެފައެވެ.

ނިޔާޒްގެ ބައްޕަ އަކީ، އަންހެނުންނާއި ހެދި މޮޔަވެފައި ހުރި ފިރިހެނެކެވެ. ތިމާގެ އުފަން ފިރިހެންދަރިފުޅުގެ އަނބިމީހާއަށް ޖިންސީ ގޯނާ ކުރަން ކެރޭނީ ކިހާވަރަކަށް ލަދުކުޑަވީމާހެއްޔެވެ؟ ވަލު ޖަނަވާރަށްވެސް އެތަކެތީގެ ޅަދަރީން ވަކިވެއެވެ. އެކަމަކު އެވަރުވެސް ނިޔާޒުގެ ބައްޕަ އަކަށް ނުވިއެވެ.

އެވާހަކަ ނިޔާޒް ގާތުގައި ސީމާ ބުނި ފުރަތަމަ ދުވަހުވެސް ހެދުން އަޅުވާ ކޮނޑަކުން އޭނާ ސީމާގައިގައި ތަޅައިގަތީއެވެ. ސީމާ އެވާހަކަ ނިޔާޒްގާތުގައި ބުނި އަޑު އިއްތިފާޤަކުން މައިދައިތައަށްވެސް އަޑު އިވުނީއެވެ. އެހިސާބުން ސީމާގެ މުޅި ދިރިއުޅުންވީ ނަރަކަ އަކަށެވެ. ކުރިމަތިލާންޖެހުނީ ކެތްނުކުރެވޭ ފަދަ އަނިޔާ އާއެވެ. ގޭގެ ހުރިހާ މަސައްކަތެއް އޭނާއަށް ޖެއްސިއެވެ. ނޯކަރަކަށްވުރެ ދަށްކޮލިއެވެ. ތާއަބަދުމެ ހަޑި ހުތުރުއެއްޗެހި ގޮވުމާއި އަނިޔާ ނޫންއެއްޗެއް މައިދައިތަގެ ފުށުންވެސް ނުލިބެއެވެ.

ނިޔާޒްގެ ފަރާތުންވެސް އެހީތެރިކަމެއް ނުލިބުނުތާނގައި އޭނާގެ ފުށުން ލިބުނީވެސް ހުވަފެނަކުންވެސް ސީމާ ނުދެކޭފަދަ އަނިޔާއެކެވެ. އެގޭގައި އޭނާގެ ހަތަރު ރަހުމަތްތެރިއަކާއި އެކު ރާބޮއެ މަޖާކޮށް އެންމެ ފަހުން އެމީހުން ކުރާނެ ކަމެއް ކުރަން ސީމާ އެމީހުންގެ އަތްމައްޗަށް ދޫވެސްކޮށްލީއެވެ. އެއިން ކޮންމެ ރެއެއްގައި ނިޔާޒް ހުންނާނީ މަޖާވެފައި ކުޅި ބަލާށެވެ. ސީމާ ރޮއެ އާދޭސް ކުރާއިރު އޭނާ މޮޔައަކު ފަދައިން ދުރުގައި ހުރެ ހޭނެއެވެ. ކިތަންމެ އަޑުގަދަވިޔަސް ހިނގާކަމެއް ބަލާލާންވެސް އެގޭތެރެއިން މީހަކު ނާންނާނެއެވެ.

ސީމާ އެގެއަށް އައި ފުރަތަމަ ދުވަހުން ފެށިގެން އެގޭގައި އޭނާ ގައިދުވީއެވެ. އަނިޔާގެ ޝިކާރައަކަށްވީއެވެ. އެނބުރިދާނޭގޮތެއް ނެތުނީއެވެ. ސީމާ އޭނާގެ ބައްޕައަށް އޭނާގެ ހާލު އެންގުމަށް މަސައްކަތްވެސް ކުރިއެވެ. އެކަމަކު އެކަން ނުވީއެވެ. އެންމެ ފަހުން ސީމާ ލިޔުނީ ސިޓީއެކެވެ. އޭނާގެ ހާލު ބަޔާންކޮށެވެ. އެގޭގައި ހިނގާކަންކަން ހާމަކޮށެވެ. އެސިޓީގެ އެތައްތަނެއްގައި ސީމާގެ ކަރުނައި ދެލި ފޭދިފައިވެސް ހުއްޓެވެ.

ސިޓީ ހަވާލުކުރާނޭ މީހަކު ސީމާއަށް ނުފެނިވެސް މަހެއް ހޭދަވިއެވެ. ރަށުގައި ހުރި ބައްޕަ މާލެ އައިސް ސީމާ އުޅޭގެއަށް ކިތަންމެ ފަހަރަކު އައި ނަމަވެސް އެމީހުން ބައްދަލު ނުކޮށްދެނީ ކަމެއް ސީމާއަކަށް ނޭނގެއެވެ. އެހެން ކަމުން އަބަދުމެ ސީމާ އުޅުނީ އެސިޓީ ކުޑަފުޅިއަކަށް ލައި ހެދުމުގެ ތެރޭގައި ފޮރުވައިގެންނެވެ. ކޮންމެ ވަގުތެއްގައި ވެސް ދަނޑިވަޅެއް ލިބިދާނެކަމަށް އުންމީދުކޮށްގެންނެވެ.

ރިޒޯޓެއްގައި އޮތް މަސްތުގެ ޕާޓީއަކަށް އެއްރޭ ނިޔާޒް ސީމާ ގެންދިޔައެވެ. ސީމާ އޭނާގެ ސިޓީ ކަނޑަށް ދޫކޮށްލީ އެރޭގައެވެ. ކުޅަދުންވަންތަ އިލާހަށް އިބުތިހާލުވެ ދުޢާ ދަންނަވަމުންނެވެ. އޭނާގެ ބައްޕަ އާއި އޭނާ އެއްފަސްކޮށްދެއްވުން އެދެމުންނެވެ.

ސަމީރުއަށް އަށް އެފުޅި ފެނުނީ އެއްރެއެއްގެ ފަތިހު ފަތިސް ނަމާދަށް ފަހު ގޮނޑުދޮށުން ފެނުމުންނެވެ. ކައިވަތެއް ވަރުގެ އެކުޑަކުޑަ ފުޅި މާލެއާއި ހިސާބުން ރަސްގެތީމުގެ ގޮނޑުދޮށަށް ސަލާމަތުން ފޯރި ގޮތަކާއި މެދު ސަމީރުވެސް ހައިރާންވިއެވެ. އަދި ސީދާ އޭނާ ނޫން މީހަކަށް އެނުފެނުނު ސަބަބަކާއި ދޭތެރޭގައިވެސް ހައިރާންވިއެވެ. ސަމީރު ފުރަތަމަ ހީކުރީ ރަށުމީހަކު އޭނާއަށް ޖެއްސުމެއް ކުރީ ކަމަށެވެ. އޭނާގެ ދަރިފުޅު މާލޭގެ މުއްސަނދި އާއިލާއެއްގެ ދަނބިދަރިއަކަށް ވުމުން އެކަމާއި މެދު ހަސަދަވެރިވެގެން ކަމަށެވެ.

ސަމީރަށް މާލެ އާދެވުނީ ސީމާ މަރުވި ދުވަހުވެއެވެ. ގޭގެ ބެލްކަނިން އޭނާ މަގުމައްޗަށް ފުންމާލީ ކަމެއް ނުވަތަ ވެއްޓުނީ ކަމެއް ނުވަތަ ވައްޓާލީކަމެއް އެކަކަށްވެސް ކަށަވަރުކޮށް ބުނާކަށް ނޭނގުނެވެ. އެކަމަކު ސަމީރަށް ވިސްނޭ ގޮތުގައި ގަސްދުގައި އެމީހުން ސީމާ މަރާލީއެވެ. ސީމާ ފޮނުވި ސިޓީގައިވާ ކޮންމެ އިބާރާތަކުން ސަމީރަށް ދޭހަކޮށްދެނީ އެކަމެވެ.

ސީމާގެ މަރަށް ފަހު، ދެތިން ދުވަސް ފަހުން ސަމީރު އެސިޓީ ހިފައިގެން ދިޔައީ ފުލުހަށެވެ. އެކަމަކު އެއީ ސީމާގެ ސިޓީއެއް ކަމުގައި އެމީހުން ޤަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. އެމީހުން އެހީ އެސިޓީ ސަމީރަށް ލިބުނު ގޮތެވެ. އެއީ ބުއްދިއަށް ޤަބޫލުކުރަން ފަސޭހަ ކަމަކަށް ނުވިއެވެ. އެންމެ ފަހުން ސީމާގެމަރަކީ އެކްސިޑެންޓެއް ކަމުގައި ނިމުނީއެވެ.

ސީމާގެ މަރަށް ފަހު ސަމީރު އުޅެމުން ދިޔައީ މާލޭގައެވެ. މަސްވެރިންގެ ޕާކާއި، މާރުކޭޓު ސަރަހައްދުގައެވެ. ކޮނޑަށް އަންނައުނު އަޅާފައިވާ ބޮކްސާއެއް ލައިގެން ދަރިފުޅުގެ ފޮޓޯގަނޑެއް ހިފައިގެން އޭނާ ހިނގާތީ ފެންނާނެއެވެ. އެކަނި ވާހަކަ ދައްކާނެއެވެ. އޭނާ ބުނާނީ މިހެންނެވެ. އެމީހުން އަހަރެންގެ ދަރިފުޅު މަރާލީއެވެ. އިންސާފެއް ހޯދައިދޭނޭ މީހަކު އެބަހުރި ހެއްޔެވެ؟ އަހަރެން މިއިންތިޒާރު ކުރަނީ އަދުލުވެރި ހާކިމަށެވެ. އިބުނު މަރިޔަމަށެވެ.


ނިމުނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް