ޖާޕަނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާއަށް އަމާޒުކޮށް ބޮމެއް ގޮއްވާލައިފި އެވެ.
މިހާދިސާ ހިނގީ މިއަދު ހެނދުނު ބޮޑުވަޒީރު ބައިވެރިވެވަޑައިގެންނެވި އާންމު އިވެންޓެއްގެ ތެރެއިންނެވެ. ޖަޕާނުގެ ގައުމީ ނޫސް އެޖެންސީން ރިޕޯޓު ކުރި ގޮތުގައި މިހާދިސާގައި ބޮޑުވަޒީރަށް އެއްވެސް ގެއްލުމެއް ނުލިބި ރައްކާތެރިކަމާއި އެކު އެ ސަރަހައްދުން ގެންދެވިފައިވާ ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ބޮން ގޮއްވާލި މީހާ އެ ސަރަހައްދުން ޖަޕާނު ފުލުހުން ވަނީ ހައްޔަރުކޮށްފައި އެވެ. ހައްޔަރު ކުރާ ވީޑިއޯއެއްވެސް އާންމުވެފައިވެ އެވެ.
މަންޒަރު ދުށް ބައެއް މީހުން މީޑިއާގައި ބުނީ ބޮން ގޮވީ އެމީހާ އެއްޗެއް އެއްލުމުން ކަމަށެވެ. އަދި ބާރު އަޑާއި އެކު މުޅިތަނަށް ދުން ފެތުރިގެން ދިޔަ ކަމަށް ބުނެފައިވެ އެވެ.
ޖަޕާނުގައި މިފަދަ ހާދިސާތަކަކީ މަދުން ނޫނީ ނުހިނގާ ކަންކަމެވެ.
އެކަމަކު މިދިޔަ އަހަރު އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ގަޔަށް ބަޑިޖަހައި އަވަހާރަ ކޮށްލިފަހުން ސިޔާސީ ލީޑަރުން ވަނީ އެ ރައްކާތެރިކަން އެ ގައުމުގައި ކުޑަވަމުންދާކަން ހާމަކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް