ފަތިސްނަމާދަށް ތިއްބާ އިޒްރޭލު ސިފައިން މިސްކިތަށްވަދެ ހިންގި ކުރިމަތިލުންތަކެއްގައި 152 މީހަކު ޒަހަމްވެއްޖެ

އަލްއަގްޞާ މިސްކިތުގައި ފަލަސްތީނުގެ މުސްލިމުން ނަމާދަށް ތިއްބާ އިޒްރޭލުގެ ފައުޖުތައް ވަދެގަތުމާއެކު ހިނގާދިޔަ ކުރިމަތިލުންތަކުގައި 152 މުސްލިމަކު ޒަހަމްވެއްޖެއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ހ...

15 Apr 2022 | 10:16

އަލްއަގްޞާ މިސްކިތުގައި ފަލަސްތީނުގެ މުސްލިމުން ނަމާދަށް ތިއްބާ އިޒްރޭލުގެ ފައުޖުތައް ވަދެގަތުމާއެކު ހިނގާދިޔަ ކުރިމަތިލުންތަކުގައި 152 މުސްލިމަކު ޒަހަމްވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ފަލަސްތީނުގެ މުސްލިމުން މަސްޖިދު އަލް އަގްޞާގައި ފަތިސް ނަމާދަށް ތިއްބާ އިޒްރޭލު ފައުޖުތައް ވަދެގަތުމުންނެވެ.

އިޒްރޭލުން ބުނެފައިވަނީ ފައުޖުތައް ދިޔައީ މިސްކިތާއި އެ ސަރަހައްދަށް އެއްކޮށްފައިވާ ހިލަތައް ނެގުމަށް ކަމަށާއި ދަންވަރުގެ ވަގުތެއްގައި ހަމާސް ޖަމާއަތަށް ނިސްބަތްވާ ފަރާތްތަކުން ހިލަ އެއްކޮށް މިއަދު ހަމަނުޖެހުން ހިންގާނެ ކަމުގެ މައުލޫމާތު ދުރާލާ ލިބިފައިވާކަމަށެވެެ.

މި ހަމަނުޖެހުންތަކުގައި 152 މީހަކު ޒަހަމްވެފައިވާއިރު އަލް އަގްޞާ މިސްކިތް ސަރަހައްދުގައި މިފަދަ ހަމަނުޖެހުންތައް ވަރަށް ގިނައިން ހިނގައެވެ. ފަލަސްތީނު އިޒްރޭލު މަސްރަހު އަބަދުވެސް އެންމެ ގޯސްވަނީ އެ ސަރަހައްދުންނެވެ.

ހިލަތަކެއް ނެގުމަށްކަމަށްބުނެ އިޒްރޭލު ފައުޖުތަކުން މިސްކިތް ކޮމްޕައުންޑަށް ވަދެގެންފައިވާއިރު މި ހިނގާ ހަފްތާ ބަންދަކީ ޔަހޫދީންގެ އަޅުކަމުުގައިވެސް އެ ސަރަަހައްދުގައި ބޮޑެތި ކަންތައްތަކެއް ހިންގާނެ ހަފްތާ ބަންދެކެވެ. އެހެންކަމުން މި ހަފްތާ ބަންދުގައި މުސްލިމުންނާއި ޔަހޫދީންނާއި ދެމެދު ކުރިމަތިލުންތަކެއް ހިނގައިފާނެ ކަމަށް ބެލެވެއެވެ.

ފަލަސްތީނުގެ ބިމަށް އިޒްރޭލުން ވެރިވެގަނެ ބިން ފޭރެމުން އަންނައިރު ފަލަސްތީނުގެ ރައްޔިތުން އަންނަނީ އެކަމާއި ދެކޮޅަށް ހަރަކާތްތައް ހިންގަމުންނެވެ. ފަލަސްތީނުގެ ހަރަކާތްތައް ހުއްޓުވުމަށް އިޒްރޭލުގެ ފައުޖުތަކުން އަންނަނީ ލާއިންސާނީ އެތައް އަމަލެއް ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް