ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" ގެ މަޝްރޫޢުގެ ދެވަނަ އަދި " ތިން ވަނަ ފިޔަވަހީގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިމަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް ރޭ ބޭއްވުނު ޙާއްސަ ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނެންޓް ސެކްރެޓަރީ އަލްފާޟިލާ ޒީނިޔާ އަހުމަދު ހަމީދެވެ.
ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޒޯން 2 ނ،ރ،ބ އަދި ޅ، ޒޯން 3 ކ،އއ،އދ، އަދި ވ، ޒޯން 4 މ،ފ،ދ،ތ، އަދި ލ، ޒޯން 5 ގއ އަދި ގދ ، ޒޯން 6 ސ އަދި ޏ ގައި ހިމެނޭ ރަށްތަކަށް ސްޕީޑް ފެރީގެ ޙިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށިގެންދާނެ ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.
މި މަޝްރޫޢުގެ ދަށުން ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ޒޯންތަކަށް ޚިދުމަތްދިނުމަށް ޖުމްލަ 65 ލޯންޗް އުފައްދާ ތައްޔާރުކުރެވިގެންދާނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
އެމްޓީސީސީން ބުނީ އެއާކޯން ކުރެވިފައިވާ މިލޯންޗުތައް ހުންނާނީ ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އަރާފޭބޭގޮތަށް، ބަލިމީހުން އުފުލުމަށް ވެސް ފަސޭހަވާނެގޮތަށް ލޯންޗުގައި ފާހާނާއާއި ލަގެޖް ބެހެއްޓޭ ޖާގަ ޚާއްސަކުރެވިފައި ހުންނާނެހެން ފަރުމާކުރެވިފައި ކަމަށެވެ.
https://twitter.com/adamazim/status/1514691188728610817
އަދި މި ޚިދުމަތް ހަފުތާއަކު ހަތް ދުވަހު ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.
މީގެ އިތުރުން އެމްޓީސީސީން މިއަދު ބުނީ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 149 ޓަރމިނަލް އަޅާނެ ކަމަަށެވެ.
އެގޮތުން ޒޯން ޓަރމިނަލްގެ ގޮތުގައި 05 ޓަރމިނަލްއާއި، 31 ފެރީ ޓަރމިނަލްގެ އިތުރުން 113 ފެރީ ސްޓޮޕް ހަދާނެކަމަށް އެމްޓީސީސީން ބުނެއެވެ.
އަދި މިއިން ކޮންމެ ތަނަކީވެސް ޙިދުމަތް ހޯދާ ކަސްޓަމަރުންގެ ފަސޭހައަށްޓަކައި ހެދިގެންދާނެ ތަންތަން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހި ނިމުމާއެކު މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ފުރިހަމަވެގެންދާނެ ކަމަށެވެ.
އެ ކުންފުނިން ހާމަކުރާ ގޮތުގައި ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެ ކުންފުނީގެ މަޤްޞަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް