އިންސާނުންގެ ތެރޭގައި ގިނައީ އަޅުކަމުގައި ހޭދަކުރާ ވަރަށްވުރެ އާދަކާދަތަކަށް ވަގުތު ހޭދަކުރާ މީހުންކަމަށް ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވެއްޖެއެވެ.
ހަށިގަނޑާއި ފުރާނައަކީ އަމިއްލަ މިލްކެއް ނޫން "މި މައުޟޫޢުއަށް" ތަޤްރީރުކުރައްވަމުން ޑރ. ޒަކަރިއްޔާ ވިދާޅުވީ މާތްﷲ އިންސާނާ ދުނިޔެއަށް ފޮނުއްވާފައިވަނީ ޙަވާލުކުރެވިފައިވާ ގިނަ ކަންތައްތަކަކާއެކުގައި ކަމަށެވެ.
އެގޮތުން އަޞްރު ސޫރަތަށް ބައްލަވާލައްވަމުން ވިދާޅުވީ ޒަމާނަކީ އަޅުގަނޑުމެންގެ ޢުމުރުކަމަށެވެ.
އިންސާނުން ކުރާ ދެ ވައްތަރެއްގެ ކަންކަން ވާކަމަށާއި އެއީ އަޅުކަމާއި އާދަކާދަކަން ފާހަގަކުރައްވާ، އެތަނުން ގިނައީ އަޅުކަމުގައި ހޭދަކުރާ ވަރަށްވުރެ އާދަކާދަތަކަށް ވަގުތު ހޭދަކުރާ މީހުންކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ކޮންމެ ކަމެއްވެސް ހެޔޮ ނިޔަތަކާއިއެކު އަޅުކަމަކަށްވާފަދައިން އެކަމެއް ކޮށްފިނަމަ އެއީ އަޅުކަމެއްކަމުގައި ހިމެނިދާނެކަމަށް ވިދާޅުވިއެވެ.
ޑރ. ޒަކަރިއްޔާ ވަނީ ރޭގެ ފޯރަމްގައި މިހާރު ދުނިޔޭގައި މަޝްހޫރުވަމުން އަންނަ ކަމެއްކަމަށްވާ އިންސާނުންގެ ސިފަ އެކި ގޮތްގޮތަށް ބަދަލުކުރުމާއި ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. ޖިސްމާނީ ރީތިކަމަށް ދުނިޔޭގައި ހޭދަކުރާ މިންވަރުގެ މައްޗަށް ތަފާސްހިސާބުތަކުގެ އަލީގައި ބައްލަވާލައްވަމުން އެކަމަށް އެތައް ބިލިޔަން ޑޮލަރެއް ދުނިޔޭގައި ހޭދަކުރާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މާތްﷲ އިންސާނާ ޚަލްޤުކުރައްވާފައިވަނީ އެންމެ ރީތި ސޫރައިގައިކަމަށް ވިދާޅުވިއެވެ.
އިންސާނާގެ ނަފްސާއި ރޫޙަކީ ކޮބައިކަންކަމާއި ޖިސްމާއި ފުރާނަ ޙިމާޔާތްކުރުން ވާޖިބްވެގެންވާކަން ބަޔާންކުރައްވަމުން ޖިސްމާއި ނަފްސަކީ އަމާނާތެއްކަމަށާއި ޖިސްމަށް އަނިޔާ ދެނީ ކީއްވެކަމާމެދުގައިވެސް ވާހަކަފުޅު ދައްކަވާފައި ވެއެވެ.
އަދި އުފާވެރި ހަޔާތެއް ހޭދަކުރެވޭނީ ހަޔާތުގެ މަދު މިންވަރާމެދުވެސް ފުދުންތެރިވެ ޝުކުރުވެރިވާނަމަކަމަށްވެސް މި ފޯރަމްގައި ޑރ. ޒަކަރިއްޔާ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް