މާލެސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު ޒައިދުލް އަމީންގެ މައްޗަށް ކުރާ ތުހުމަތު ބަދަލުކޮށް އޭނާގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ޒައިދު ހައްޔަރު ކުރީ ފަނޑިޔާރަކަށް ބިރުދައްކާ ކަމަށް ބުނެ މިދިޔަ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުގެ ރެ އެވެ. އެކަމަކު ޒައިދު ފަހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އޭނާއަށް ރައިސް މައުމޫން އަބްދުލްގައްޔޫމާއި ދެކޮޅަށް ބަޔާނެތް ދިނުމަށް ބަންދުގައި ހުރި އިރު ފުލުހުންގެ ވެރިންތަކެއް މަޖުބޫރު ކުރުވި ކަމަށެވެ.
ޒައިދުގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު މިއަދު މީޑިއާގައި ވިދާޅުވީ ޒައިދުގެ މައްޗަށް މިހާރު ކުރާ ތުހުމަތަކީ ދައުލަތް ހިންގުމަށް ހުރަސް އެޅުމާއި އެހެނިހެން ގޮތްގޮތުން ދަތި ކުރި ކަމަށް ބުނެ އެވެ. އަދި އޭގެ ކުރިން ސިއްރުން މީހުން ދައްކާ ވާހަކަތައް އަޑު އެހި ކަމުގެ ތުހުމަތުވެސް ކުރިކަމަށެވެ.
ޒައިދުގެ މައްޗަށް ދައުވާ ކުރުމަށް މީގެ ހަފުތާއެއް ކުރިން މައްސަލަ ޕީޖީއަށް ހުށަހަޅާފައިވާ ކަމަށް ފުލުހުންނާއި ހަވާލާދީ ޒައިދުގެ ވަކީލު މަހުފޫޒު ވަނީ ވިދާޅުވެފައެވެ. ޒައިދުގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އޭނާ ހަތަރު މަހާއި 24 ދުވަހަށް ޖަަލަށް ލާނެ އެވެ.
ޒައިދު ބަންދު ކުރި ފަހުން މިހާތަނަށް އަށް ފަހަރެއްގެ މަތިން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި އެވެ. ޒައިދަކީ ބައިބައިވެފައިވާ ޕީޕީއެމްގައި ރައީސް މައުމޫނަށް ތައީދު ކުރައްވާ މެންބަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް