އިސްލާމްދީނާއި ޕާކިސްތާނުގެ ނަން ކިލަންބު ކޮއްލީ އަމިއްލައަށް؛ މަލާލާ

ޕާކިސްތާނުން އެ ޤައުމުގެ ނަމާއި އިސްލާމްދީނުގެ ނަން ކިލަނބުކޮށްލީ އަމިއްލައަށް ކަމަށް، ޕާކިސްތާނުގެ އަންހެންކުދިންގެ ތަޢުލީމަށް މަސައްކަތްކުރާ އެކްޓިވިސްޓް އަދި އެންމެ ހަގު އުމުރުގައި ނޯބަލް ޕްރައިޒް ...

15 Apr 2017 | 16:00

ޕާކިސްތާނުން އެ ޤައުމުގެ ނަމާއި އިސްލާމްދީނުގެ ނަން ކިލަނބުކޮށްލީ އަމިއްލައަށް ކަމަށް، ޕާކިސްތާނުގެ އަންހެންކުދިންގެ ތަޢުލީމަށް މަސައްކަތްކުރާ އެކްޓިވިސްޓް އަދި އެންމެ ހަގު އުމުރުގައި ނޯބަލް ޕްރައިޒް ހޯދި މަލާލާ ޔޫސުފް ބުނެފި އެވެ.

މަލާލާ މިހެން ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޕާކިސްތާނުގެ ޔުނިވާސިޓީއެއްގައި ދީނާ ޙިލާފު ހިޔާލުތައް ޢާންމުކުރިކަމަށް ބުނެ އެ ޔުނިވާރސިޓީގައި ކިޔަވަމުންދިޔަ ފިރިހެން ދަރިވަރަކަށް ގިނަބަޔަކު އަނިޔާކޮށް މަރާލުމާއި ގުޅިގެން އޭނާ އާންމުކުރި ވީޑިއޯ މެސެޖެއްގައެވެ. އޭނާ ބުނީ ދުނިޔޭގެ ކުރިމަތީގައި ޕާކިސްތާނުގެ އަގުވެއްޓިގެން ދިއުމުގެ ޒިންމާ ނަގަންޖެހޭނީ ހުދު ޕާކިސްތާނުން ކަމަށެވެ.

"އަހަރުމެން އިސްލާމިކްފޯބިއާގެ ވާހަކަދައްކަން އަދި އަހަރުމެންގެ ޤައުމާ ދީނަށް ހުތުރު ނަންދޭ މީހުންގެ ވާހާކަވެސް ދައްކަން. އެއްވެސް ބަޔަކު އަހަރެމެންގެ ޤައުމަށާއި ދީނަކަށް ހުތުރު ނަމެއް ނުދޭ. އަހަރެމެން އަމިއްލައަށް އެކަން ކުރަނީ." މަލާލާ ވީޑިއޯ މެސެޖުގައި ބުނެފާވެއެވެ.

ޕާކިސްތާނުގެ މަރްދާން ޔުނިވާރސިޓީގައި ނޫސްވެރިކަން ކިޔަވަމުންދިޔަ އުމުރުން 23 އަހަރުގެ، މާޝަލް ޚާން އަށް އަނިޔާކޮށް މަރާލާފައިވަނީ ޔުނިވާސީޓީގެ އެތެރޭގައި ގިނަ ބައެއްގެ ކުރިމަތީގައެވެ. އޭނާއަށް އަނިޔާކުރި މީހުން ބުނީ މާޝަލް އޭނާގެ ފޭސްބުކް އެކައުންޓުގައި ދީނާ ޙިލާފު ވާހަކަތައް ޢާންމުކޮށްފައިވާކަމަށެވެ. މާޝަލްއަށް އަނިޔާ ކުރުމަށްފަހު އޭނާ ގަޔައްވަނީ ބަޑިވެސް ޖަހާފައެވެ. އަދި ދަނޑިބުރި ފަދަ އެއްޗެހި ބޭނުންކޮށްގެން އޭނާއަށް އަނިޔާކޮށްފައިވެއެވެ.

މަލާލާ ބުނީ މަރާލި ކުއްޖާގެ ބައްޕައާއި މުހާތަބު ކުރެވުނުކަމަށާއި، އޭނާ ދޭން ބޭނުންވާ މެސެޖަކީ މިފަދަ ހިތާމަވެރި ހާދިސާތައް ޢާންމުވަމުންދާތީ ސުލްޙަވެރިކަމާއި ރައްކާތެރިކަން ވަރަށް ބޮޑަށް އެ ޤައުމުގައި ބޭނުންޖެހިފައިވާ ކަމަށެވެ.

"މި ހާދިސާއަކީ ހަމައެކަނި މާޝަލްގެ މަރާއި ގުޅުންއޮތް ހާދިސާއެއް ނޫން. މިއީ އިސްލާމްދީނުގައި އަހަރުމެންނަށް އަންގަވާފައި އޮތްގޮތައް ނުކިޔަމަންތެރިވުން ކަހަލަ ކަމެއް. އަހަރެމެންނަށް އަހަރެމެންގެ ދީން ހަނދާންނެތިއްޖެ. އަހަރެމެންނަށް އަހަރެމެންގެ އަޙުލާގައި އުޞޫލުތަކުގެ މަތިން ހަނދާންނެތިއްޖެ." މަލާލާ އިތުރަށް ބުނެފައިވެއެވެ.

އިސްލާމްދީނަކީ ސުލްޙައިގެ ދީނެއްކަމަށާއި ޕާކިސްތާނުން މިކަން ދަންނަންޖެހޭ ކަމަށްވެސް މަލާލާ ބުނިއެވެ. ޕާކިސްތާނުގެ ކޮންމެ ރައްޔިތަކަށް ހަމަހަމަ އުޞޫލެއްގެ މަތިން ހައްޤުތަކާއި ރައްކާތެރިކަން ލިބެންޖެހޭނެކަމަށާއި އަދި މިގޮތައް މީހުން މަރަމުންދާނަމަ ޤައުމުގައި އެއްވެސް ބަޔަކަށް ރައްކާތެރިކަމެއް ނެތްކަމަށް އޭނާ ބުނިއެވެ.

މަލާލާ ވަނީ ޕާކިސްތާނުގެ ޤާނޫނު ހަދާ ފާރާތްތަކަށާއި އަދި ސިޔާސީ ފަރާތްތަކަށް މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުމަށް މެދުވެރިވިޔަ ނުދިނުމަށް ގޮވާލާފައެވެ. އަދި މަޝާލްގެ އާއިލާއަށް އިންސާފުވެރި ޝަރިއަތެއް ހޯދައިދިނުމަށްވެސް ވަނީ ގޮވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް