އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާކޮށް، މަރާލި ކަމުގެ ތުހުމަތު ކުރާ އެ ކުއްޖާގެ މަންމަ، އާފިޔާ މުހައްމަދުގެ ބަންދުގެ މުއްދަތު ހަ ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން މިއަދު ވަނީ އާފިޔާގެ ބަންދަށް 10 ދުވަސް ދީފަ އެވެ. އަދި ކޯޓުން ވަނީ ޕީޖީއާއި މަޝްވަރާކޮށްގެން 10 ދުވަހުގެ ތެރޭގައި އޭނާއާއި ދެކޮޅަށް ދައުވާ ކުރުމާއި މެދު ގޮތެއް ނިންމުމަށް އަންގާފައި އެވެ.
ވ. ރަކީދޫ، މެރިންކޯނާ ގޭގައި ބޮޑެތި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި އިބްތިހާލް ފެނިފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.
އިބްތިހާލަށް، އޭނާގެ "މަންމަގެ ފަރާތުން އަނިޔާ ލިބެމުންދާތީ" އެކި ފަހަރު މަތިން އެކުއްޖާގެ މަންމައަށް ނަސޭހަތްތެރިވެފައިވާ ކަމަށް ރަކީދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.
ހިއުމަންރައިޓްސް ކޮމިޝަންގެ ތަހުގީގަށް އާފިޔާ ގެންދިޔުމުން އޭނާ ވަނީ އިބްތިހާލަށް އަނިޔާ ކުރި ކަމަށް އިއުތިރާފުވެފަ އެވެ. އޭނާ ބުނީ ދަރިފުޅަށް އަނިޔާ ކުރީ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް