ޕީޕީއެމްއިން ދިއްގަރު ދާއިރާގެ ކެމްޕޭން ފަށައިފި

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭން ފަށައިފިއެވެ. ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުނ...

15 Apr 2015 | 10:42

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭން ފަށައިފިއެވެ.

ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްވަނީ ދިއްގަރު ދާއިރާއަށް އިއްޔެ ދަތުރެއް ފައްޓާފައެވެ. ނަމަވެސް މިއީ ރަސްމީކޮށް ކެމްޕޭން ފެށީ ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވި ގޮތުގައި އެ ދަތުރުގެ ބޭނުމަކީ ކެމްޕޭން ކުރުމަށް ބޭނުންވާ ސާވޭތަކެއް ހެދުމެވެ. އެގޮތުން މި ދަތުރުގައި ރައްޔިތުންގެ ވިސްނުން ހުރިގޮތް ދެނެގަންނާނެކަމަށް ވެއެވެ.

މި ދަތުރުގައި ބައިވެރިވާ ބޭފުޅުންގެ ތެރޭގައި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމާއި، ތ. ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލުގެ އިތުރުން އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ހިމެނެ އެވެ.

ޕީޕީއެމުން ދިއްގަރު ދާއިރާއަށް ވާދަ ކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރުމަށް ހުޅުވާލި ފުރުސަތު މާދަމާގެ ނިޔަލަށް ހަމަވާނެއެވެ. މިހާތަނަށް އެ ގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަން ބޭނުންފުޅުވާކަން ހާމަކޮށްފައިވަނީ މ. އަތޮޅު ކައުންސިލްގެ ރައީސް އަދި ޕީޕީއެމްގެ މެމްބަރު މޫސާ ނަސީރެވެ.

އިދިކޮޅު އެމްޑީޕީއާއި ޖުމްހޫރީ އަދި އަދާލަތުންދަނީ އެއް ކެންޑިޑޭޓަކު ނެރެން މަޝްވަރާ ކުރަމުންނެވެ. ނަމަވެސް އަދާލަތު ޕާޓީގެ ސްޕޯކްސްޕާސަން އަލީ ޒާހިރު ވަނީ އެ ގޮނޑިއަށް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފަ އެވެ.

ދިއްގަރު ދާއިރާގައި ހިމެނެނީ ރަތްމަންދއާއި ދިއްގަރާއި މުއްޠެވެ. އެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިގައިވަނީ ޖޫން މަހުގެ ހަވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް