މިދިޔަ އަހަރުގެ މާޗް މަހާ އަޅައިބަލާއިރު މި އަހަރު މާޗް މަހު ރާއްޖެއިން މުދާ އެކްސްޕޯޓު ކުރި މިންވަރު 90 އިންސައްތަ އިތުރުވެއްޖެ އެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މާޗް މަހު ރާއްޖެއިން 212.5 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖޭން އެކްސްޕޯޓް ކޮށްފައިވަނީ 111.7 މިލިއަން ރުފިޔާގެ މުދަލެވެ.
މިދިޔަ މަހު އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ މަހުގެ ބާވަތްތަކެވެ. އެކްސްޕޯޓު ކުރި މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު އިތުރުވީވެސް މަސް އެކްސްޕޯޓު ކުރި މިންވަރު އިތުރުވެގެންނެވެ.
މިދިޔަ މަހު ރީނދޫއުރަހަ ކަންނެލީގެ ގޮތުގައި 49.7 މިލިއަން ރުފިޔާގެ ކަންނެލި ރާއްޖޭން އެކްސްޕޯޓްކޮށްފައިވާއިރު ކަނޑާފައިހުރި މަހުގެ ގޮތުގައި 31.9 މިލިއަން ރުފިޔާގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ.
އިމްޕޯޓަށް ބަލާއިރު މިދިޔަ މާޗް މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުގެ މިންވަރު ވަނީ ދޭއް އިންސައްތަ ދަށަށް ގޮސްފައެވެ. އެ މުއްދަތުގައި އެތެރެކޮށްފައި ވަނީ 2560.8 މިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ އެމުއްދަތުގައި ވަނީ 2599.9 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފަ އެވެ.
މިދިޔަ މަހު އިމްޕޯޓު ކުރި ބާވަތްތަކުގެ ތެރޭގައި 552.5 މިލިއަން ރުފިޔާގެ ކާބޯތަކެތި ހިމެނޭއިރު ދުންފަތާއި ރަލުގެ އިތުރުން އޫރު މަހުގެ ބައިން 95.9 މިލިއަން ރުފިޔާގެ ތަކެތި ވަނީ އެތެރެކޮށްފައެވެ. އަދި ދުއްވާ އުޅަނދާއި އެތަކެތީގެ ސްޕެއަރ ޕާޓްސްގެ ގޮތުގައި 91.6 މިލިއަން ރުފިޔާގެ ތަކެތި ވަނީ އެތެރެކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް