ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސް، ތާޅަފިއްޔާއި ދުންމާރި ފަދަ ތަކެތި ރައްޔިތުންގެ މަޖިލީހަށް ވެއްދުން މަނާ ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ނައިބް ރައީސް މޫސަ ވަނީ އެކަން ހުއްޓުވުމުގެ ގޮތުން މަޖިލީހުގެ އާންމު ކޮމިޓީއަށް އިސްލާހެއް ހުށަހަޅާފައި އެވެ.
އެ އިސްލާހާއި ގުޅޭގޮތުން މޫސަ ވިދާޅުވެފައިވަނީ ތާޅަފިއްޔާ އާއި ދުންމާރީގެ އިތުރުން، އެއްވެސް ބޭފުޅަކަށް ނަފުސާނީ ގޮތުން އުނދަގުލެއް ކުރެވިދާނެ އެއްޗެއް ވެއްދުމާއި އުނދަގޫކުރުމުގެ ގޮތުން މެމްބަރެއްގެ މޭޒު ކައިރި އަށް ވަޑައިގަތުން އެ އިސްލާހުގައި މަނާވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު މަޖިލީހުގައި ހިނގަމުންދާ ކަންކަން ހުއްޓުވައި އަހްލާގާއި ހަމަތައް ހިފެހެއްޓުމަށްޓަކައި މަޖިލީހުގެ ގަވައިދަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށެވެ.
މޫސަ މަޖިލީހުގެ ގަވައިދަށް އިސްލާހު ހުށަހަޅުއްވަން ނިންމަވާފައިވާއިރު މަޖިލީހުގެ ރައީސްގެ ހުއްދަ ނެތި، ރިޔާސަތުގެ މޭޒު ކައިރި އަށް ވަޑައިގަންނަވާ މެމްބަރުންގެ ކޮމިޓީ އެލެވަންސް އުނިކުރާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން ކޮމިޓީން މިހާރު ވަނީ ނިންމައިފަ އެވެ. އެކަމަކު އޭގެ ކޮމިޓީ ރިޕޯޓް މަޖިލީހަށް އަދި ނުފޮނުވަ އެވެ.
އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި އިހްތިޖާޖު ކުރަމުންދަނީ އެ ޕާޓީގެ ރައީސް ކަމުގައި ވެސް ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށް، 13 އަހަރަށް ހުކުމްކުރުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ވާހަކަ ދައްކަވަމުން ދަނިކޮށް، އެ މެމްބަރެއް ނިސްބަތްވާ ޕާޓީން ތަޅުމުގައި އަޑުގަދަކޮށް އިހްތިޖާޖުކޮށްފި ނަމަ، އެ ޕާޓީއެއްގެ އިތުރު މެމްބަރުންނަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދޭން އިއްޔެ މޫސަ ވަނީ ނިންމަވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް