ޤައުމުގެ އެންމެ އިސްވެރިޔާގެ ފަރާތުން ނޫސްވެރިންނަށް އިންޒާރު ލިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ނޫސްވެރިންގެ ޖަމުޢިއްޔާ

ޤައުމުގެ އެންމެ އިސްވެރިޔާގެ ފަރާތުން ނޫސްވެރިންނަށް އިންޒާރު ލިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައި ދިވެހި ނޫސްވެރިންގެ ޖަމުޢިއްޔާ (އެމްޖޭއޭ) އިން ބުނެފިއެވެ. އެމްޖޭއޭއިން މިހެން ބުނެފައިވަނީ ރަ...

15 Mar 2025 | 17:46

ޤައުމުގެ އެންމެ އިސްވެރިޔާގެ ފަރާތުން ނޫސްވެރިންނަށް އިންޒާރު ލިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައި ދިވެހި ނޫސްވެރިންގެ ޖަމުޢިއްޔާ (އެމްޖޭއޭ) އިން ބުނެފިއެވެ.

އެމްޖޭއޭއިން މިހެން ބުނެފައިވަނީ ރައީސުލްޖުމްހޫރީއްޔާ، 'އަދަދު' ނޫހުގެ އެޑިޓަރު ހުސައިން  ފިޔާޒު މުސާއަށް  އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި އެމްޖޭއޭއިން ބުނެފައިވަނީ އަދަދު ނޫހުގެ އެޑިޓަރު އަދި ނޫސްވެރިޔާ ހުސެއިން ފިޔާޒު މޫސާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި، އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލައެއް އެ ޖަމުޢިއްޔާއަށް ވަނީ ރަސްމީކޮށް މިއަދު ހުށަހަޅައިފައި ކަމަށާއި އަދި މި މައްސަލަ އެ ނޫހުގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތަށް ވެސް ވަނީ ހުށަހަޅައިފައި ކަމަށެވެ.

"ގައުމުގެ އެންމެ އިސްވެރިޔާގެ ފަރާތުން ނޫސްވެރިންނަށް އިންޒާރު ލިބުމަކީ، މި ޖަމިއްޔާއަށް އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަމެއް ނޫން، މިކަމުގެ ސަބަބުން ފިޔާޒާއި އަދަދު ނޫހުގައި މަސައްކަތް ކުރާ އެހެން ނޫސްވެރިން ވެސް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި، އެ ނޫސްވެރިންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގަށް ވަރަށް ބޮޑަށް ހުރަސް އެޅިގެންދާނެ ކަމަށް މި ޖަމިއްޔާއިން ދެކެމު" އެމްޖޭއިން ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި އެމްޖޭއޭއިން ބުނެފައިވަނީ މީޑިއާއަކުން ގެނެސްދޭ ހަބަރެއް ނުވަތަ ކޮންޓެންޓެއްގައި ގޯހެއްވާނަމަ، އެކަމެއް ހުށަހަޅަން ޖެހޭ މުއައްސަސާއަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަކީ އެ ޖަމުޢިއްޔާއިން އަބަދުވެސް ބާރުއަޅާ ގޮތް ކަމަށާއި އެ ނޫން ގޮތްގޮތަށް ނޫސްވެރިން ކުރާ މަސައްކަތާ ގުޅިގެން ފިޔަވަޅެއް އަޅާނެ ކަމުގެ އިންޒާރު ދިނުމަކީ އެ ޖަމުޢިއްޔާއިން ކުށްވެރިކުރާ ކަމަށެވެ.

"ދިވެހިން ފުލުހުންގެ ހިދުމަތަށް މި ޖަމިއްޔާއިން ގޮވާލަނީ، އަދަދު ނޫހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ އިންސާފުވެރިކަމާއެކު ވީހާވެސް އަވަހަށް ތަހުގީގުކޮށްދިނުމަށް، އަދި މީގެއިތުރުން އަދަދު ނޫހުގެ އެކި ނޫސްވެރިންނަށް އެކި ފަހަރު މަތިން ލިބިފައިވާ އިންޒާރުތަކާ ގުޅޭ ގިނަ މައްސަލަތަކެއް ހުރިއިރު, އެ ކަންކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނެތުމަކީ ވެސް މި ޖަމިއްޔާއިން ކަންބޮޑުވާ ކަމެއް" އެމްޖޭއޭއިން ބުނެފައިވެއެވެ.

އެ ޖަމުޢިއްޔާއިން އިތުރަށް ބުނެފައިވަނީ އެ ޖަމުޢިއްޔާއަށް މިއަދު ލިބުނު އެ ޝަކުވާއާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް ހޯދުމަށް އެ ޖަމިއްޔާއިން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެ އޮފީހުގެ ކޮމިއުނިކޭޝަންގެ އިސްވެރިން މި ޖަމިއްޔާއަށް އެއްވެސް ޖަވާބެއް މިހާތަނަށް ދެއްވާފައި ނުވާކަމަށެވެ.

އަދަދު ނޫހުންވެސް ވަނީ މިކަމާއި ގުޅޭގޮތުން ނޫސްބަޔާނެއް ނެރެފައެވެ. އެ ނޫސްބަޔާނުގައި އެ ނޫހުން ބުނެފައިވަނީ ރޭގެ އިރާކޮޅުގެ ވަގުތެއްގައި އެ ނޫހުގެ ނޫސްވެރިޔާ އަދި ސީއީއޯ ހުސެއިން ފިޔާޒު މޫސާއަސް ގުޅުއްވައި ރައީސް ބިރު ދައްކަވައި އިންޒާރު ދެއްވި ކަމަށެވެ.

އެ ނޫހުން ބުނެފައިވާގޮތުގައި އަދަދު ނޫހާއިމެދު އަދި ހުސެއިން ފިޔާޒު މޫސާއާއިމެދު އެޅުއްވެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށް ތަކުރާރުކޮށް ރައީސް ވިދާޅުވި ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ސަރުކާރުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް