އަޅުގަނޑުގެ ދަރިފުޅު އުމައިރަކީ ދުވަހަކުވެސް ވޭޕު ކުރި ކުއްޖެއް ނޫން: ފަސްޓްލޭޑީ ސާޖިދާ

ދަރިފުޅު، އުމައިރު މުހައްމަދު މުއިއްޒަކީ ދުންފަތުގެ ވޭޕު ނުވަތަ ދުންފަތުގެ އިސްތިއުމާލުވެސް އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއް ނޫންކަމުގައި ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. ...

15 Mar 2025 | 10:45

ދަރިފުޅު، އުމައިރު މުހައްމަދު މުއިއްޒަކީ ދުންފަތުގެ ވޭޕު ނުވަތަ ދުންފަތުގެ އިސްތިއުމާލުވެސް އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއް ނޫންކަމުގައި ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފަސްޓްލޭޑީ މިހެން ވިދާޅުވެފައިވަނީ އެކަމަނާގެ ޢާއިލާގެ ފަރާތުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޢާއިލާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބަޔާން އިއްވަވައިދެއްވީ ޤާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނާއިބު އާޒިމާ ޝަކޫރެވެ.

އެ ބަޔާނުގައި ފަސްޓްލޭޑީ ވިދާޅުވެފައިވަނީ އެކަމަނާގެ ދަރިފުޅު އުމައިރު މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް، މި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ހާއްސަކޮށް، މި ވޭތުވެދިޔަ ދެތިން ދުވަހެއްގެ ތެރޭގައި ހަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ދައްކާ، މީޑިއާއާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ފަތުރާފައިވާކަމށެވެ.

މިގޮތުން ފަތުރާފާފައިވާ ވާހަކަތަކުގެ ތެރޭގައި ޢުމައިރަކީ ވޭޕް ބޭނުންކުރާ ކުއްޖެއް ކަމަށްބުނެ ފަތުރާފައިވާ ދޮގު ވާހަކަތަކެއް ހިމެނޭކަން ފާހަގަކޮށްފައިވެއެވެ.

"މި ފުރުސަތުގައި ޢުމައިރަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިޢުމާލުވެސް އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއް ނޫންކަމުގައި ތިޔަ އެންމެ ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ވަރަށް ސާފުކޮށް ދަންނަވަން" ފަސްޓްލޭޑީގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެ ނޫސްބަޔާނުގައި ފާހަގަކުރައްވާފައިވާގޮތުގައި އެކަންކަން މިހެން ކުރަމުންދަނީ އެކަމަނާގެ ފިރިމީހާއާ ސިޔާސީގޮތުން ހިޔާލު ތަފާތު އެކި ފަރާތްތަކުންކަން ފާހަގަކޮށްފައިވެއެވެ.

"މިފަދަ ވާހަކަތަކުގެ ތެރޭގައި އަޅުގަނޑުގެ ދަރިފުޅުގެ ތަޢުލީމީ ޙަޔާތަށާ އިޖުތިމާޢީ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެފަދަ ވާހަކަތައްވެސް ވަނީ ދައްކާ ފަތުރާފައި، އަދި މިކަންތައްތަކުގެ ސަބަބުން އޭނާގެ މުޅި މުސްތަގުބަލަށް ނޭދެވޭ އަސަރުތަކެއް ކޮށް އޭނާގެ ރައްކާތެރިކަން ކަށަވަރުނުވާވަރުގެ ކަންތައްތަކަށް މަގުފަހިވެދާނޭ ފަދަ ފުރުޞަތުތަކަށް ވަނީ ދޮރު ހުޅުވިގެން ގޮސްފައިކަން ކަންބޮޑުވުމާއެކު ފާހަގަކުރަން" އެ ނޫސްބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ކޮންމެ ކުޑަކުއްޖަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާއިބެހޭ ގާނޫނީ އޮނިގަނޑުގެ ދަށުން ރައްކާތެރިކަން ލިބިގެންވާ ކުއްޖެއްކަން ފާހަގަކުރަމުން އެ ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ  ޢުމައިރަކީ އުމުރުން 16 އަހަރުގެ ކުޑަ ކުއްޖެއް ކަމަށާއި ހަމައެއާއެކު އޭނާއަކީ އޭނާގެ މުސްތަގުބަލު ކުރިމަތީގައި އޮތް ތަޢުލީމީ ހަޔާތް އަދި ފުރިހަމަ ނުވާ ކުއްޖެއް ކަމަށެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޭނާގެ ބައްޕަ އަދި އަޅުގަނޑުގެ ސިޔާސީ ނިންމުންތަކުގައި އެއްވެސް ބައިވެރިވުމެއް ނެތް އެއްވެސް ބާރުވެރިކަމެއްވެސް ނެތް މަންމައާއި ބައްޕަގެ ބެލެނިވެރިކަމުގެ ދަށުގައި ހެދިބޮޑުވަމުން އަންނަ ކިޔަވާ ކުއްޖެއްކަން ފާހަގަކޮށްފައިވެއެވެ.

"މީގެ އިތުރުން އަޅުގަނޑުގެ އެންމެ ދޮށީ ދަރިފުޅަށާ އަށް އަހަރުގެ ހަގު ދަރިފުޅަށް ގަނާ ކުރުމާއި ފުރައްސާރަ ކުރުމުގެ މަސައްކަތްތަކެއް އިސްވެ ދެންނެވި ފަރާތްތަކުން މިހާރު ފަށާފައިވާކަމީވެސް ބަލައިގަންނަން އުނދަގޫކަމެއް ކަމުގައި ދަންނަވަން" ފަސްޓްލޭޑީގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.

ފަސްޓްލޭޑީ ވިދާޅުވެފައިވަނީ އެކަމަނާގެ ފިރިމީހާ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒިންމާތަކުގެ ތެރެއިން ނިންމާފައިވާ ނިންމެވުންތަކާ ސިޔާސީ ވިސްނުންފުޅާއިމެދު އެއްވެސް ފަރާތަކުން ދައްކާފައިވާ ވާހަކައަކަށް އަދި ފާޑުކިޔުމަކަށް އެއްވެސް އެއްޗެއް ބުނެ ފިޔަވަޅެއް އަޅާފައިނުވާނެކަމަށާއި އެއީ އެމަނިކުފާނު ސިޔާސީ މައިދާން ޚިޔާރު ކުރެއްވީ އަދި އެ މައިދާނުގައި ދެމި ހުންނެވީ އަމިއްލަފުޅު އިޚްތިޔާރުގައި ކަމުގައިވާތީ ކަމަށާއި ހަމައެއާއެކު އެމަނިކުފާނު އެ މަޤާމާ ހަވާލުވެވަޑައިގަތީއްސުރެ މިދެންނެވި ފަދަ ފަރާތްތަކުން ކެނޑިނޭޅި ގެންދަނީ އެކަމަނާއަށް ފުރައްސާރަކޮށް ގަނާކުރަމުންކަންވެސް ބަޔާންކުރައްވާފައިވެއެވެ.

"މި ދެންނެވި ކަންކަމަކީ ސިއްރުން ނޫނީ ވަންހަނާގައި ހިނގާ ކަންކަން ކަމުގައި ނުވިނަމަވެސް މިވީހާ ތަނަށް މިފަދަ ކަމަކާ އަޅުގަނޑު އަދި އަޅުގަނޑުގެ ފަރާތުން އެއްވެސް ރައްދެއް ދީ އެއްޗެއް ދަންނަވާފައި ނުވާނެ، އެހެނެއްކަމަކު މިއަދު އަޅުގަނޑުގެ ކުދިންނާ ޚާއްޞަގޮތެއްގައި އަޅުގަނޑުގެ 18 އަހަރު ނުފުރޭ ކުދިންނާ ދިމާކޮށް އެކުދިންގެ ކަރާމާތް ނަގާލާ، ކުޑަކުއްޖަކަށް ވީތީ ލިބިފައިވާ ރައްކާތެރިކަން ނަގާލުމުން، އެކުދިންގެ މަންމަގެ ޙައިޞިއްޔަތުން ފިޔަވަޅުތަކެއް އެޅުމަށް އަޅުގަނޑު ގަސްތުކޮށްފިން" އެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.

"އެއީ ތިޔައިން ކޮންމެ ބޭފުޅަކު ފަދައިން އަޅުގަނޑުގެވެސް އެންމެ ފުރަތަމަ އަދި އެންމެ އިސް ވާޖިބަކީ އަޅުގަނޑުގެ ދަރިން ކަމުގައި ވީތީ، އަދި ހަމަ އެއާއެކު އަޅުގަނޑުގެ ކުދިންގެ ރައްކާތެރިކަމާ މުސްތަގުބަލު ކަށަވަރު ކުރުމަކީ އެކުދިންގެ ބައްޕަޔާ އަޅުގަނޑުގެ ޒިންމާއަކަށް ވީތީ" ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެފައިވެއެވެ.

އެގޮތުން، މިފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މައިދާނުގައި ޢާއިލާތަކުގެ ނަމާ އަބުރު ނަގާލާ، ކަމާ ނުގުޅޭ ދަރިންގެ ކަރާމާތާ ރައްކާތެރިކަން ނަގާލުމުގެ ޢަމަލުތަކެއް ހިންގަމުންދާހިނދު، އަދި ދުވަހެއް ދުވަހަކަށް، މިކަން ގޯސްވަމުންދާއިރު، މިއަދު މި ފިޔަވަޅު އެޅުމަކީ މުސްތަގްބަލުގައި މިފަދަ މަޤާމެއްގައި ތިބޭނެ ކުދިންގެ ރައްކާތެރިކަމަށްޓަކައިވެސް ކުރަންޖެހޭ ކަމެއްކަމުގައި ޤަބޫލުކުރާތީ ކަމަށާއި  މި ފިޔަވަޅުތައް މި އަޅަނީ މި ކުދިންގެ މަންމަގެ ހައިސިއްޔަތުން އަޅުގަނޑުގެ އަމިއްލަ ފަރުދީ ގޮތުން ކަމަށާއި ސަރުކާރުގެ ބައިވެރިވުމެއް އޮވެގެންނެއް ނޫންކަމަށާއި ބޭނުމަކީ އަޅުގަނޑުމެންގެ އެންމެންގެ ކުދިންނަށް ރައްކާތެރިކަމާއެކު ދިރިއުޅެވޭނޭ މާޙައުލެއް ގާއިމުވުންކަމުގައިވެސް ބަޔާންކުރައްވާފައިވެއެވެ.

އެގޮތުން އެކަމަނާ ނިންމެވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި އެ ޕާޓީގެ އިސް އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) އާއި ދެކޮޅަށް ދައުވާ ކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް