ރަށަށް އަރާ ފައިބަން އެއްވެސް ފީއެއް ދައްކަން ނުޖެހޭނެކަމަށާއި އެހެންނަމަވެސް ގޮނޑުދޮށާއި ތުނޑި ބޭނުންކުރާނަމަމަ ފީއެއް ނަގާކަމުގައި ދިގުރަށް ކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލުން މިހެން ބުނެފައިވަނީ ވަގުތު ނޫހުގައި 12 މާރިޗް 2025 ގައި އެ ރަށު ކައުންސިލް އަދި އެ ރަށުގެ އަގު ވެއްޓޭ ގޮތަށް ނެރެފައިވާ ޚަބަރު ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށްބުނެ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި އެ ކައުންސިލުން ބުނެފައިވަނީ އެ ކައުންސިލުން ގަބޫލުކުރާގޮތުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ، ދިގުރަށުގެ އިޙްތިސާސް ތެރޭގައި ހިނގާ އެންމެހާކަންކަމަކީ ކައުންސިލުން އެކަމުގެ ޒިންމާ އުފުލާ، އުފެއްދުންތެރި ކަމާއި ހަރުދަނާ އުސޫލެއްގެ ތެރެއިން ބެލެހެއްޓެނިވި ގޮތެއްގައި ކުރެވޭ ކަމެއްކަމުގައި ވާންޖެހޭކަމަށެވެ.
"ދިގުރަށުގެ ރައްޔިތުން އަދި ދިގުރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި، ހެދިފައިވާ އުސޫލުތަކާއި، ދިވެހިންގެ ދީނާއި ސަގާފަތާއި އާދަކާދަ ރައްކާތެރިކުރުމަށްޓަކައި ހެދިފައިވާ އުސޫލުތަކާއި، ކައުންސިލުގެ އިޙްތިސާސް ތެރޭގައި ހިމެނޭ ތަންތަނުގެ ސާފުތާހިރުކަމާއި، ދިގުރަށުގެ ރައްޔިތުން އަދި ދިގުރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހިތްހަމަޖެހޭ އުފާވެރި އަމާން މާހައުލެއް ހޯދައިދިނުމަށްޓައި ހެދިފައިވާ އުސޫލުތައް ހިމެނޭ" އެ ކައުންސިލުން ބުނެފައިވެއެވެ.
16 ޖެނުއަރީ 2025 ގައި ގެޒެޓް ކުރެވިފައިވާ އިޢުލާނުގައިވާ ގޮތަށް، އެ ރަށުގެ ބަނދަރު ފިޔަވާ އެހެން ސަރަހައްދުތަކަށް ކައުންސިލުގެ ހުއްދަ ލިބިގެން މެނުވީ އިންޖީނުލީ އުޅަނދުފަހަރު ކައިރިކުރުމަކީ، މަނާ ކަމެއްކަމުގައި ކަނޑައެޅުމުގެ މަޤުސަދަކީ ބަނދަރު ފިޔަވާ ދެންހުރި ސަރަހައްދު ތަކަކީ ރައްޔިތުން އަދި ދިގުރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން އާންމުކޮށް ހުރިހާ ވަގުތެއްގައި މޫދަށް އެރި އުޅޭ ސަރަހައްދުތަކަށްވާތީ އާއި، އެސަރަހައްދުތަކާއި ގުޅޭ މައުލޫމާތު އެހެން ފަރާތްތަކަށް ފަސޭހައިން ފޯރުކޮށްދެވޭނީ އެގޮތަށް ކަނޑައަޅައިގެން ކަމުގައިވާތީ ކަމަށާއި މީގެ އިތުރުން ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމުގެ މާތް މަގުސަދުގައި ކަމަށް ބުނެފައިވެއެވެ.
"ރަށުގެ އެކި ސަރަހައްދުތަކަށް ފައިބާ ފަތުރުވެރިން ނިވާކަންކުޑަ ހެދުމުގައި ތިބުމަކީ ދިގުރަށު ރައްޔިތުން ވަރަށް ކަންބޮޑުވާ އަދި ނުރުހޭ ކަމަކަށްވުމާއި، މިރަށަކީ މީހުން ދިރިއުޅޭރަށެއް ކަމުން، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ޤަވާއިދުތަކާއި އެއްގޮތަށް ކައުންސިލުން ރަށުގެ މަސްލަހަތަށްޓަކައި، ނިވާކަން ކުޑަހެދުމުގައި އުޅޭފަރާތްތަކަށް އެކަން އިސްލާހުކުރުމަށް ނަސޭހަތްދީ ރަނގަޅުކުރުމަކީ ކައުންސިލުން އަބަދުވެސް ކުރަމުންދާ ކަމެކެވެ. މިކަމުގައި، ދިގުރަށު ގެސްޓްހައުސްތަކަށް ޗުއްޓީ ހޭދަކޮށްލުމަށް ޒިޔާރަތްކުރާ ފަތުރުވެރިން އިސްތިސްނާއެއް ނުކުރަމު" އެ ކައުންސިލުން ބުނެފައިވެއެވެ.
ދިގުރަށު ކައުންސިލުން ބުނެފައިވަނީ ރަށަށް ލިބިފައިވާ ޤުދުރަތީ ވަސީލަތްތަކަކީ، އެކަމުގެ މަންފާ ރަށާއި ރަށުގެ ރައްޔިތުންނަށް ލިބެންޖެހޭ ކަމަކަށްވެފައި އެފަދަ ތަންތަނަކީ ރައްކާތެރިކަމާއި އެކު ސާފުތާހިރުކޮށް ބަލަހައްޓަންޖެހޭ ތަންތަނަށްވީ ހިނދު ދިގުރަށުގެ އަތިރިމައްޗާއި ތުނޑިއަކީ 5 ކިލޯމީޓަރު ދިގު ސަރަހައްދެއްކަމުން ރައްކާތެރިކަމާއި އެކު ސާފުތާހިރުކޮށް ބެލެހެއްޓުމަށް ނުހަނު ބޮޑު ހޭދައެއް ކައުންސިލުން ކުރަންޖެހެއެވެ. މިހަރަދުތައް ހަމަޖެއްސުމަށް ތުނޑިއާއި ބީޗް ބޭނުންކުރާ ފަރާތްތަކުގެ އަތުން ފީއެއް ނެގުމަކީ ވިސްނުތެރި މުޖުތަމައެއްގައި އެފަރާތްތަކުންވެސް ގަބޫލުކުރާނެ ތަހުޒީބީ އަމަލެއް ކަމުގައި ދެކޭ ކަމަށެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ 12 މާރޗް 2025 ވީ ބުދަ ދުވަހު މާފުށިން ފަތުރުވެރިން ގޮވައިގެން، ކައުންސިލުގެ ހުއްދަ ނުހޯދާ ދިގުރަށުގެ ރައްޔިތުން އަދި ދިގުރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން އެންމެ ގިނައިން މޫދައެރި އުޅޭ ސަރަޙައްދަށް ކައިރިކުރި ޝެޑޯޕާމް މޯލްޑިވްސްގެ ލާންޗެއް އެސަރަހައްދުން ފޮނުވާލުމަށާއި، އެލާންޗުން ދަތުރުކުރި ފަތުރުވެރިން ނިވާކަން ކުޑަ ހެދުންތަކުގައި ތިބުމާއި ގުޅިގެން އެކަން އިސްލާހުކުރުމަށް ލާންޗްގެ ކުރޫއިންނަށް ނަސޭހަތްތެރި ވުމުން އެކަން އިސްލާހުކުރުމަށް އެއްވެސް މަސައްކަތެއް ނުކޮށް ފަތުރުވެރިން ރަށަށް ބޭލުމުން ފަތުރުވެރިންނަށް އެމައުލޫމާތު ދިނުމަށް (މިއީ މީހުން ދިރިއުޅޭ ރަށެއްކަމާއި މީހުންދިރި އުޅޭ ރަށްރަށުގައި ނިވާކަން ކުޑަހެދުމުގައި އުޅުމަކީ ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވައިދު ހުއްދަކުރާ ކަމެއްނޫންކަން ) ކުރަމުން ދިޔަ މަސައްކަތް ފޮޓޯ ނަގައި ވީޑިއޯކޮށް ކަމުގެ ހަގީގަތް އޮޅޭ ގޮތައް، ވަގުތު ނޫހާއި ބައެއް ސޯޝަލް މީޑިޔާ ޕުލެޓް ފޯރމްތަކުގައި، ލިޔެފައިވާ ޚަބަރުތައް ކުއްވެރިކުރާކަމަށެވެ. އަދި ޝެޑޯޕާމް މޯލްޑިވްސްގެ ލާންޗުން ފޭބި ފަތުރުވެރިންނަށް ނަސޭހަތްތެރިވުމުން، އެފަރާތްތަކުން ބުނަމުން ދިޔައީ އެކަމުގެ މައުލޫމާތު އެފަރާތްތަކަށް ނުލިބޭ ކަމަށާއި ލޯންޗުގެ ކުރޫއިން އިރުޝާދު ދީފައިވަނީ ނިވާކަން ކުޑަހެދުމުގައި ތިބެވޭނެކަމަށާއި، ހުއްދަ ހޯދަން ނުޖެހޭނެކަމަށް ބުނި ކަމަށެވެ.
"މާފުށިން ފަތުރުވެރިން ގޮވައިގެން ދިގުރަށަށް އަންނަ ލާންޗްތަކުން ތަކުރާރުކޮށް މިފަދަ އަމަލުތައް ހިންގަމުންދާކަން މިކައުންސިލަށްވަނީ ފާހަގަ ކުރެވިފައި، މިކަންސިލުން މިފަދަ ލާންޗުތަކުން އަންނަ ފަރާތްތަކަށް ނަސޭހަތްތެރިވަމުންދާތީ މިގޮތަށް އަންނަ ލާންޗްތަކުން ފަހަކަށް އައިސް އަމަލުކުރަމުންދާ ގޮތަކީ، ބީޗް ސަރަޙައްދަށް ފަތުރުވެރިން ބޭލުމަށްފަހު ލާންޗް ބޭރުކޮށް ކައުންސިލްގެ ސްޓާފުންނަށް، ލާންޗްތަކުގެ ކުރޫއިންނާއި މުއާމަލާތު ނުކުރެވޭގޮތް ހެދުން، މިފަދަ ހާލަތްތަކުގައި ސީދާ ފަތުރުވެރިންނާއި މުޢާމަލާތު ކުރަންޖެހި ކައުންސިލުން އެކަން ކުރަމުން ގެންދަމު، އަދި މިގޮތަށް ހުއްދަ ނުހޯދާ އެކި ދިމަދިމާއަށް ކައިރިކުރާ ލާންޗްތަކުން ދަތުރުކުރާ ފަރާތްތަކުން އެސަރަހައްދުގައި އުޅޭ ފަތުރުވެރިންނަށް ބިރުދެއްކުމާއި، ތަކެއްޗަށް ގެއްލުންދިނުމާއި، ގަސްގަހާގެއްސަށް ގެއްލުންދިނުމާއި އަދި އެފަރާތްކަކުގެ ސަބަބުން އުފެދޭ ކުނި އެކިތަންނަށް ދޫކޮށްލާފަ ދިޔުންފަދަ ނާތަހުޒީބު އަމަލުތައް ހިންގާކަންވެސް ވަނީ މިކައުންސިލަށް ފާހަގަކުރެވިފައި، ޝެޑޯޕާމް މޯލްޑިވްސްގެ ލޯންޗު އަދި މާފުށީގެ ގިނަ ލާންޗުތަކުގައި އަންނަ ފަރާތްތަކަށް ތަކުރާރުކޮށް ގިނަ ދުވަސްތަކެއްގައި ވާނީ ނަސޭހަތްތެރިވެވިފައި" ދިގުރަށު ކައުންސިލުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެ ރަށެގެ ބަނދަރަށް ކައިރިކުރުމާއި، ބަނދަރު ބޭނުންކޮށްގެން ދިގުރަށަށް އަރާ ފޭބުމަކީ އެއްވެސް ފީއެއް ދައްކަން ޖެހޭ ކަމެއްނޫން ކަމަށާއި އެ ރަށަށް ދިވެހިންނާއި ބޭރުގެ ފަތުރުވެރިން ޒިޔާރަތް ކުރުމަކީ، އެކައުންސިލާއި، އެރަށުގެ ރައްޔިތުން ނުހަނު މަރުހަބާ ކިޔާކަމެއް ކަމަށެވެ.
"ނަމަވެސް ދިވެހިރާއްޖޭގެ ޤާނޫނާއި، ޤަވާއިދުތަކާއި އަދި ކައުންސިލުން އަމަލުކުރަމުންދާ އުސޫލުތައް ތަންފީޒްކޮށް ނެގެހެއްޓުމަށްޓައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގައި ދެމިތިބޭނެ ވާހަކަ ދަންނަވަން" އެ ކައުންސިލުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ ކައުންސިލުން އަމަލުކުރަމުންދާ އުސޫލުތައް ތަންފީޒުކުރުމުގައި ގިނަ ފަރާތްތަކަކުން، ޚާއްސަކޮށް އެރަށުގެ ރައްޔިތުންގެ އެއްބާރުލުން ނިހާޔަތައް ލިބެމުންދާކަން ފާހަގަކޮށް، މި ފުރުސަތުގައި އެފަރާތްތަކަށް އިޚްލާސްތެރި ޝުކުރެއް އަދާކުރާކަމަށެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ގޮނޑުދޮށާއި ތުނޑި ބޭނުންކުރާނަމަ ފަތުރުވެރިއެއްގެ އަތުުން ބޮލަކަށް ނަގަނީ ތިން ޑޮލަރެވެ. އަދި ބާބެކިއު ހަދަން ތުނޑިއަށް ފައިބާ ސަފާރީތަކުން ބޮލަކަށް ފަސް ޑޮލަރެވެ. ބާބަކިއު ހަދަން ބޭނުންވާ ގްރިލް އާއި ގޮނޑި މޭޒު އެ ރަށުގެ ކައުންސިލުން ފޯރުކޮށްދެމުން ގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް