ލިވަރޕޫލް އެފްސީ އާއި ވިޒިޓް މޯލްޑިވްސް ގުޅިގެން ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކްލަބްތަކުގެ ތެރެއިން އެއް ކްލަބް ކަމަށްވާ ލިވަރޕޫލް އެފްސީ އާއި ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑު ކަމަށްވާ ވިޒިޓް މޯލްޑިވްސް އާ ދެމެދު ގިނަ އަހަރުތަކަކަށް ދެމި...

15 Mar 2025 | 04:34

ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކްލަބްތަކުގެ ތެރެއިން އެއް ކްލަބް ކަމަށްވާ ލިވަރޕޫލް އެފްސީ އާއި ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑު ކަމަށްވާ ވިޒިޓް މޯލްޑިވްސް އާ ދެމެދު ގިނަ އަހަރުތަކަކަށް ދެމިގެންދާނެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާގޮތުގައި މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެ ވަނީ ލިވަރޕޫލް އެފްސީގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ހަމަޖެހިފައެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެ ދުނިޔޭގެ ފެންވަރުގެ ޗުއްޓީ ހޭދަކުރާ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރުން ކަމަށާއި މީގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތްކުރުމަށްވެސް އެއްބަސްވެފައިވާކަމަށް ބުނެފައިވެއެވެ.

ވިޒިޓް މޯލްޑިވްސްވްސްގެ އިސްވެރިއެއް ވިދާޅުވި ގޮތުގައި މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ލިބޭނެ ވަރަށް ބޮޑު ފުރުޞަތެކެވެ. "ލިވަރޕޫލް އެފްސީ ފަދަ ބޮޑު ބްރޭންޑެއް އާއެކު މިފަދަ ގުޅުމެއް ޤާއިމުކުރެވުމަކީ ދިވެހިރާއްޖެއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް،" އެ ބޭފުޅާ ވިދާޅުވިއެވެ.

ލިވަރޕޫލް އެފްސީގެ ފަރާތުން މި އެއްބަސްވުމާ ގުޅޭ ގޮތުން ބުނެފައިވަނީ މިއީ އެ ކްލަބުގެ ގްލޯބަލް ޕާޓްނަރޝިޕް ސްޓްރެޓެޖީގެ މުހިންމު ބައެއް ކަމަށެވެ. އަދި ދިވެހިރާއްޖެ ފަދަ ޚާއްޞަ މަންޒިލަކާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ލިބުނު ކަމަށްޓަކައި އުފާކުރާ ކަމަށްވެސް ބުނެފައިވެއެވެ.

މިނިސްޓްރީން ބުނެފައިވާގޮތުގައި މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތަނުގައި ދެ ފަރާތުން ގުޅިގެން އެކި ހަރަކާތްތައް ހިންގުމަށް ވަނީ ރޭވިފައެވެ. މީގެ ތެރޭގައި ލިވަރޕޫލް އެފްސީގެ ކުޅުންތެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރުމާއި، ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަން ކެމްޕެއިންތަކުގައި ލިވަރޕޫލް އެފްސީގެ ބްރޭންޑް ބޭނުންކުރުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް