މިސްރުގެ ރެސްލިން ތެޅުންތެރިޔާ އަޝްރަފް މަހްރޫޝް ގިނިސް ވޯލްޑް ރެކޯޑު ފޮތުން އިތުރު ޖާގަތަކެއް ކަށަވަރުކޮށްފިއެވެ.
މިދިޔަ ހަފްތާގައި އަޝްރަފް މަހްރޫސް (ވަނަމުން ނަމަ ކަބޮންގާ) ވަނީ އެންމެ އޭނާގެ ދަތުގެ ބާރުގައި ރޭލެއް ދަމާލައިގެން ރެކޯޑު މުގުރާލާފައެވެ. އެ ރޭލަކީ 279 ރާތާ ބަރުދަނުގައި ހުންނާނެ ރޭލެއް ކަމަށް ބުނެފައިވެއެވެ. އެ ރޭލު އޭނާގެ ދަތުގެ ބާރުގައި 33 ފޫޓަށް ދެމި ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
އޭގެ އިތުރުން އޭނާ ވަނީ އޭނާއަށް ސަޕޯޓްކުރަން އެއްވި މީހުން ހިތްހަމަޖައްސައިދިނުމަށްޓަކައި ބަރުދަނުގައި ދެ ރާތާ ހުންނަ އުޅަނދެއްވެސް 40 ސިކުންތުގެ ތެރޭގައި 100 މީޓަރަށް ދަމާލާފައެވެ. އެ ހަރަކާތްވެސް ވެގެންދިޔައީ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ކަށަވަރު ކުރި ހަރަކާތަކަށެވެ.
އުމުރުން މިހާރު 40 އަހަރުގެ މަހްރޫސަކީ މިސްރުގެ ޕްރޮފެޝަނަލް ރެސްލާ ފެޑެރޭޝަންގެ ރައީސެވެ. އޭނާ ވަނީ މިދިޔަ އަހަރު ފެބްރުއަރީ މަހުގައިވެސް ދުނިޔޭގެ ރެކޯޑު ފޮތުން ޖާގައެއް ހޯދާފައެވެ. އެ ރެކޯޑު ގާއިމުކުރުމަށް މަހްރޫސް ވަނީ ރޯ 11 ބިސް 30 ސިކުންތުގެ ތެރޭގައި ކައިފައެވެ.
ދަތުން ރޭލު ދަމައިގެން މިދިޔަ ހަފްތާގައި މަހްރޫސް އެ މުގުރާލީ އޭނާ2021 ވަނަ އަހަރު ގާއިމްކޮށްފައިވާ ރެކޯޑެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް