ވަޒީފާގައި އުޅޭއިރު ޖަމާވާ ޕެންޝަން ފައިސާ ވަޒީފާއިން ވަކިވުމުން ބޭނުންކުރެވޭނެ ގޮތް ހެދޭނީ ރައްޔިތުންގެ މަޖިލީހަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ހުޅުމާލެ ފްލެޓް ނަމްބަރު H16-16-05، ފާތިމަތު ޙަސަންމަނިކު ރައީސަށް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު" ސެގްމެންޓްގައި ފާތިމަތި ހަސަންމަނިކު ކުރި ސުވާލުގައި ބުނެފައިވަނީ ވަޒީފާގައި އުޅޭއިރު ނަގާ ޕެންޝަން ލާރި ވަޒީފާއިން ވަކިވީމާ ލިބޭނެ ގޮތެއް އޮންނާނެތޯ އެވެ. އަދި އެކަން އެގޮތަށް ކުރަން ބޭނުންވާ ސަބަބަކީ ވަޒީފާއިން ވަކިވުމަށްފަހުވެސް ވަރަށް ދަތިހާލުގައި އުޅުނަސް އެ ލާރި ލިބޭނެ ގޮތެއް ނެތުމުން ކަމަށްވެސް ސުވާލުގައި ބުނެފައިވެއެވެ.
ޖަވާބުގައި ރައީސް ވިދާޅުވީ ޕެންޝަން އަކީ ވަކި ގާނޫނެއްގެ ދަށުން ނަގަމުންދާ އެއްޗެއްކަމުން ސަރުކާރުން އެއަށް ބަދަލެއް ގެނެވޭނީ ގާނޫނު އިސްލާހުކޮށްގެން ކަމަށެވެ.
"އަޅުގަނޑު ބޭނުން ޕެންޝަން ސްކީމް ވަރުގަދަކުރަންވެސް އޭގެން ފައިދާ އެންމެ ރަނގަޅުގޮތުގަ ރައްޔިތުންނަށް ވާނެ ގޮތް ހަދަން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޕެންޝަން ފަންޑާއި އެ ފަންޑާއި ގުޅޭ ކަންކަމަށް އެއްވެސް ކަހަލަ ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކަމަށާއި އެފަދަ އިސްލާހެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ލިބިގެންދިޔުމަކީ އެފަދަ ކަންތައްތައް ކުރެވޭނެ ގޮތް މަގުފަހިވާނެ ގޮތް ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ ކަންބޮޑުވުން ގަބޫލުކުރެވޭ ކަމަށާއި ކަންތައްތަކަށް ރަނގަޅު ހައްލެއް ގެނައުމަށްޓަކައި މަސައްކަތްތަކެއް ކުރެވޭނީ މަޖިލިސް ތެރެއިން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް