އެއާ އެމްބިއުލާންސް ޚިދުމަތް އިތުރަށް ފުޅާކޮށް ސީޕްލޭން ބޭނުންކުރަން ރަސްމީކޮށް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި މަހުގެ އެއްވަނަ ދުވަހު ފެށި އެއާ އެމްބިއުލާންސްގެ ޚިދުމަތް އިތުރަށް ފުޅާކޮށް އެ ޚިދުމަތުގައި ސީޕްލޭންގެ ފްލައިޓެއް ބޭނުންކުރަން މިއަރު ރަސް...

15 Mar 2024 | 15:46

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި މަހުގެ އެއްވަނަ ދުވަހު ފެށި އެއާ އެމްބިއުލާންސްގެ ޚިދުމަތް އިތުރަށް ފުޅާކޮށް އެ ޚިދުމަތުގައި ސީޕްލޭންގެ ފްލައިޓެއް ބޭނުންކުރަން މިއަރު ރަސްމީކޮށް ފަށައިފިއެވެ.

އެއާ އެމްބިއުލާންސްގެ ފްލައިޓާއި ސީޕްލޭން ފްލައިޓް އޮޕަރޭޓް ކުރަމުންގެންދަނީ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑްގެ މޯލްޑިވިއަން އެއާލައިނުންނެވެ.

އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފައިވަނީ ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ ތެރެއިން ޑޭޝް8-200 މަރުކާގެ މަތިންދާބޯޓު ބޭނުންކޮށްގެން، އެއާ އެމްބިއުޅާންސްގެ ޚިދުމަތް މި މާރިޗްމަހުގެ 01 ވަނަ ދުވަހު ފެށިފައިވާއިރު މިއަދާއި ހަމައަށް އެއާ އެމްބިއުލާންސް ބޭނުންކޮށްގެން 25 އަށްވުރެ ގިނަ މެޑިކަލް ދަތުރުތައް ފުރިހަމަ ކުރެވިފައިވާކަމަށެވެ.

"ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން އިން އެއާ އެމްބިއުލާންސްގެ ޚިދުމަތަށް ސީޕްލޭން މަތިންދާބޯޓެއް އިތުރުކުރިކަން މި އިޢުލާނުކުރަނީ ފަޚުރުވެރިކަމާއެކު" އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފައިވެއެވެ.

އެ ކުންފުނިން ބުނެފައިވަނީ ކުއްލި ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި މި މަޝްރޫޢު ކުރިއަށްމިދަނީ މިނިސްޓްރީ އޮފް ހެލްތު، އެންސްޕާ، އާސަންދަ ލިމިޓެޑާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ގުޅިގެން ކަމަށެވެ.

އައިލެންޑް އޭވިއޭޝަނުން އިތުރަށް ބުނެފައިވާގޮތުގައި ސަލާމަތީ ގޮތުން ރައްކާތެރި އަދި އިތުބާރު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޑީއެޗްސީ-6 ޓްވިން އޮޓަރގައި އެއާ އެމްބިއުލާންސް ޚިދުމަތްތައް ފޯރުކޮށްދިނުން ވެގެންދާނީ ރައްޔިތުންނަށް ޞިއްޙީގޮތުން ލިބިގެންދާނެ ބޮޑު ކުރިއެރުމަކަށެވެ. މި ސީޕްލޭންގައި ރާއްޖޭގެ ރަށްތަކަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބުމުގެ އިތުރުން ޒަމާނީ އިމަޖެންސީ މެޑިކަލް ވަސީލަތްތައް ހަރުކުރެވިފައިވާނެކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ފްލައިޓެއް ތައާރަފްކުރީ މި މަހުގެ އެއްވަނަ ދުވަހުގައެވެ. ސީ ޕްލޭނެއް ތައާރަފްކޮށްފައިމިވަނީ އޭގެ 15 ދުވަސް ފަހުން މިއަދު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް