ރޯދައަކީ ދުނިޔޭގެ އެދުންތަކުން ނަފްސު ސަލާމަތްކުރުމަށް ދެވޭ ތަރުބަވީ ފިލާވަޅެއް: ޚުތުބާ

ރޯދައިގެ ޙިކުމަތަކީ، މާތް ﷲ އަށް ބިރުވެތިވެ، تَقْوَى ވެރިވުން ކަމާއި ކުރުމަށް އާދަވެފައިވާ ކަންތައްތަކުން ދުވަސްކޮޅަކަށް ނަމަވެސް އެއްކިބާވެ ހުރުމީ، ދުނިޔޭގެ އެދުންތަކުން ނަފްސު ސަލާމަތްކުރުމަށް ދެވޭ ...

15 Mar 2024 | 09:03

ރޯދައިގެ ޙިކުމަތަކީ، މާތް ﷲ އަށް ބިރުވެތިވެ، تَقْوَى ވެރިވުން ކަމާއި ކުރުމަށް އާދަވެފައިވާ ކަންތައްތަކުން ދުވަސްކޮޅަކަށް ނަމަވެސް އެއްކިބާވެ ހުރުމީ، ދުނިޔޭގެ އެދުންތަކުން ނަފްސު ސަލާމަތްކުރުމަށް ދެވޭ ތަރުބަވީ ފިލާވަޅެއްކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މަޢުލޫއަކީ "ރޯދައިގެ ޙިކުމަތް" މިއެވެ.

މި މަޢުލޫގެ ދަށުން އިއްވި ޚުޠުބާގައި ބުނެފައިވަނީ ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، އެތައް އެތައް ކަމެއް ޢިލްމުވެރިން ބަޔާންކުރައްވާފައިވާކަމަށާއި މި ހުރިހާ ކަންކަމަކީ ވެސް، ތަޤުވާ ވެރިކަން ޙާޞިލުކޮށްދޭ ކަންކަން ކަމަށެވެ. ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުން ހިމެނޭކަމަށާއި އަޅާ ރޯދައަށް ހުންނައިރު، ކެއިންބުއިމާއި، އެންމެހައި ޝަހުވާނީ އެދުންތަކުން، އޭނާގެ ނަފުސު، ހިފަހައްޓައެވެ. ﷲ تَعَالَى އޭނާއަށް ހުއްދަކުރައްވާފައިވާ ބައެއް ނިޢުމަތްތަކާ ކުޑަވަގުތުކޮޅަކަށް ވިޔަސް ދުރުހެލިވުމުން، އެ ނިޢުމަތްތަކުގެ އަގު ވަޒަންކުރަން ދަސްވާކަމަށެވެ.

"ވަރަށް ގިނަފަހަރަށް ނިޢުމަތެއްގެ އަގު ވަޒަންކުރެވެނީ، އެ ނިޢުމަތެއް ބީވެ ދިޔުމުން، ރޯދައިގެ ސަބަބުން، ﷲ تَعَالَى އިންސާނާއަށް ދެއްވި ނިޢުމަތްތަކުގެ އަގު ވަޒަންކުރެވި، އެ ނިޢުމަތްތަކަށް ޝުކުރުވެރިވެ އުޅުމަށް މަގުފަހިވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރޯދަވެރިޔާގެ ކިބައިގާ، އަވަށްޓެރީންނަށް ކަމޭހިތުމާއި، ނިކަމެތީންނަށް ހެޔޮފޯރުވުމާއި، ފަޤީރުންގެ ޙާލު ބަލައި އުޅުމުގެ މަތިވެރި އާދަ އަށަގަނޭ" ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.

ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ރޯދަވެރިޔާ ޙަރާމް ކަންތައްތަކާ ދުރުހެލިކުރުވުން ހިމެނޭކަން ފާހަގަކޮށް ޚުޠުބާގައި ބުނެފައިވަނީ ﷲ تَعَالَى ގެ ރުހިވޮޑިގަތުން ހޯދުމަށާއި، އެކަލާނގެ ޢަޛާބުން މިންޖުވުމަށްޓަކައި، ޙަލާލު ކާބޯތަކެއްޗާއި، އޭނާއަށް ޙަލާލު ކުރައްވާފައިވާ، އަނބިފިރިކަމުގެ ގުޅުމާ އެކަހެރިވެ ހުންނަ ހުރުމުން، ﷲ تَعَالَى ޙަރާމްކުރައްވާފައިވާ ކަންކަމުން ދުރުހެލިވެ އުޅުމަށް، އޭނާއަށް ވަރުގަދަ ތަމްރީނެއް ލިބޭކަމަށާއި އެހެންކަމުން ރޯދައަކީ، އިންސާނާގެ ނަފުސު ހެޔޮކަންކަމަށް ހާނުވައިދޭ، ތަރުބަވީ އަޅުކަމެއްކަމަށެވެ. ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ނަފުސު އެދޭ އެދުންތަކުގެ މައްޗަށް ގަދަވެގަތުމުގެ ބާރު ލިބުން ހިމެނޭކަމަށެވެ.

"ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ރޯދަވެރިޔާގެ ކިބައިގާ ރަޙުމާއި، ކުލުނު އުފެދުން ހިމެނޭ، ރޯދައަށް ހުންނަ ހިނދު އިޙްސާސްވާ ކަރުހިއްކުމާއި، ބަނޑުހައިހޫނުކަމުގެ ސަބަބުން، މުޅި އަހަރު ހައިހޫނުކަމުގައި އުޅޭ ނިކަމެތި ފަޤީރުންނާއި، މިސްކީނުންގެ އިޙްސާސްތައް ދެނެގަނެވޭނެ، އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އޭނާގެ ނަފުސު އެދި ގޮވާނެ، އެ ރިވެތި އަޚްލާޤީ ސިފަތަކުގެ ސަބަބުން، ރޯދަވެރިޔާގެ ނަފުސު ޠާހިރުކޮށް ޒީނަތްތެރި ކޮށްދޭ، ހަމަ މިފަދައިން ދޮގުހެދުމާއި، ޒުވާބުކުރުމާއި، ހަޑިހުތުރު ބަސްތަކުން މީހުންނާ މުޚާޠަބުކުރުމާ އޭނާ އެއްކިބާކުރުވާ" ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.

ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ، ޝައިޠާނާ ނިކަމެތިކޮށް ބަލިކަށިކޮށްލުންކަން ފާހަގަކޮށް ހުޠުބާގައި ބުނެފައިވަނީ ނަތީޖާއެއްގެ ގޮތުން، ޝައިޠާނާގެ ވަސްވާސްތަކާ މީހާ ދުރުކޮށްދޭކަމަށާއި ހެޔޮޢަމަލުތަކުގައި، މީހާ މަޝްޣޫލުކުރުވައެވެ. ނުބައި ޢަމަލުތަކާ އޭނާ ދުރުހެލިކުރުވާކަމަށެވެ. ރޯދަ ފަރުޟު ކުރެއްވުނު ޙިކުމަތާއި، އޭގެ ފައިދާ ޙާޞިލުކުރެވޭނީ، ﷲ سُبْحَانَهُ وَتَعَالَى އެންގެވިގޮތަށް، ރޯދަ ހިފައިގެންކަމާއި އަދި ރޯދަ ހިފުމުގައި ކީރިތި ރަސޫލާ ﷺ ގެ ސުއްނަތަށް ތަބަޢަވެގެންކަންވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

"ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީ، ސިއްރާއި ފާޅުގައި، ތިމާ ކުރާ ޢަމަލުތައް ﷲ تَعَالَى ބައްލަވައި ވޮޑިގެންވާކަން ދަނެ، ތިމާގެ ނަފުސު ތަހުޛީބު ކުރުން، ރޯދައަކީ، ރޯދަވެރިޔާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ސިއްރެކެވެ. ރޯދަވެރިޔާ ރޯދަގެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނަނީ، މާތް ﷲ ގެ ރުހިވޮޑިގަތުން ލިބިގަތުމަށް، އެހެނީ ރޯދައަށް ހުރެ ސިއްރިޔާތުގައި ކައިބޮއި އުޅުނަސް، މީހަކަށް އެކަމެއް ނޭނގޭނެއެވެ. ރޯދަވެރިޔާއަށް އޭގެ މިންވަރު ނޭނގޭ ގިނަގުނަ ދަރުމަ ދެއްވުމަށް މާތް ﷲ ވަޢުދު ކުރައްވާފައި ވަނީ، މި އަޅުކަމުގައި ހުރި އިޚްލާޞްތެރިކަމުގެ ބޮޑުކަމުން" ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި އިތުރަށް ބުނެފައިވަނީ ރޯދައިގެ ޙިކުމަތަކީ، މާތް ﷲ އަށް ބިރުވެތިވެ، تَقْوَى ވެރިވުން ކަމަށާއި ކުރުމަށް އާދަވެފައިވާ ކަންތައްތަކުން ދުވަސްކޮޅަކަށް ނަމަވެސް އެއްކިބާވެ ހުރުމީ، ދުނިޔޭގެ އެދުންތަކުން ނަފްސު ސަލާމަތްކުރުމަށް ދެވޭ ތަރުބަވީ ފިލާވަޅެއްކަމަށެވެ. އަދި މުޅި ދުވާލު ކެއިން ބުއިމުން އެއްކިބާވެ ހުރުމުގެ ސަބަބުން، ޝަހުވަތްތެރިކަމާއި، ދުނިޔޭގެ ދަހިވެތިކަން ތިމާގެ ހިތުތެރެއިން ކުޑަވެ، ރޫޙާނީބައި އިތުރުވާކަމަށެވެ. ނަތީޖާއަކަށް ވަނީ، ނުބައިކަންތައްތަކަށް އަރައިގަތުމާ ދުރުހެލިވުން ކަމަށެވެ. އަދި ހަމަ އެހެންމެ ދުލުން ހަޑި ހުތުރު ބަސްތައް ބުނުމާއި، މީހުންނާ ޒުވާބުކުރުން ހުއްޓުން ކަމަށާއި ފަޤީރުންނާއި ނިކަމެތީންގެ ޙާލަތު އިޙްސާސްވުމުގެ އިތުރުން އެފަދަ މީހުންނަށް އެހީތެރިވުމަށް ހިތްވަރު ލިބުން ކަމަށެވެ.  ރޯދައަކީ ހުރިހާ މާނައެއްގައި ވެސް ރައްކާތެރި ކަމެއްކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް