މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން އެ ކުންފުނީގެ މައި މަސްލަހަތުވެރިންނާއި ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ ޗަންޕާ ސެންޓްރަލް ހޮޓެލްގައި އިއްޔެ މެންދުރުގައެވެ.
މި ބައްދަލުވުމަކީ ރަމަޟާން މަހުގެ ކުރިން ކުންފުނީގެ މައި މަސްލަހަތުވެރިންނާ ބައްދަލުކޮށް، ރަމަޟާން މަހުގައި މާލޭ ވިޔަފާރި ބަނދަރު ގެ އޮޕަރޭޝަންސްތައް ރޭވިފައިވާ ގޮތުގެ މަޢުލޫމާތުތައް ފޯރުކޮށްދިނުމާއި، ކުންފުނީގެ މަސްލަހަތުވެރިންގެ ޙިޔާލުތައް ހޯދުމާއި ކަންބޮޑުވުންތައް އޮޅުން ފިލުވުމުގެ ގޮތުން ކުރިއަށް ގެންގޮސްފައިވާ ބައްދަލުވުމެއް ކަމުގައި އެމްޕީއެލުން ބުނެއެވެ.
މި ބައްދަލުވުމުގައި އެ ކުންފުނީގެ މަސްލަހަތުވެރިންގެ ގޮތުގައި ހިމެނޭ ޝިޕިން އޭޖެންޓުންނާއި، އިމްޕޯޓަރުންގެ އިތުރުން މަޖޫރީންވެސް ބައިވެރިވެފައި ވެއެވެ.
މިބައްދަލުވުމުގައި އެމްޕީއެލްގެ ފަރާތުން މަސްލަހަތުވެރިންނާއި ބައްދަލުކޮށްފައިވާ ޕެނަލް ގައި ހިމެނެނީ ސީއީއޯ ޝާހިދު އަލީ، ޑެޕިއުޓީ ސީއީއޯ އިބްރާހިމްﷲ ، ޗީފް ފައިނޭންޝަލް އޮފިސަރ މުހަންމަދު މުއިއްޒު، ޗީފް އޮޕަރޭޝަންސް އޮފިސަރ މުހައްނަދު މަސީޙް އަބްދުލް ސައްތާރު، ޗީފް ރިސްކް އޮފިސަރ އިބްރާހިމް ޒާހިރު ގެ އިތުރުން ހާބަރ މާސްޓަރ ހަސަން ޒަރީރެވެ.
މި ބައްދަލުވުމުގައި ސީއީއޯ ވިދާޅުވެފައިވާ ގޮތުގައި ރަމަޟާން މަހަކީ މާޅޭ ވިޔަފާރި ބަނދަރަށް ގެންނަ މުދަލުގެ އަދަދުތައް މަތިވާ މަހަކަށް ވާއިރު އެ ކުންފުނީގެ އަމާޒަކީ ކުރިން އަހަރުތަކެކޭ ވެސް އެއްގޮތަށް ރަމަޟާން މަހުގައި ވެސް ވިޔަފާރިވެރިންނަށް ވީހާވެސް އަވަހަކަށް މުދާ ކްލިއަރކުރެވޭނެ އިންތިޒާމަތައް ރޭވުންކަމުގައެވެ. އަދި އެމްޕީއެލް އިން އެކަމަށްޓަކައި ވަމުންދާ ތައްޔާރީތަކާ ގުޅޭ މައުލޫމާތުތައް މަސްލަހަތުވެރިންނާއި ހިއްސާކުރައްވާފައި ވެއެވެ.
އަދި މަސްލަހަތުވެރިން ވެސް އެ ފަރާތްތަކުގެ ހިޔާލުތައް ފާޅުކޮށް މި ވަގުތު ހުރި ކަންބޮޑުވުންތައް އެ ކުންފުނީގެ މެނޭޖްމަންޓާއި ހިއްސާ ކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް