ސޮވަރިން ފަންޑް ބެލެހެއްޓުން ފިނޭންސް މިނިސްޓްރީއަށްދޭ އިސްލާހު ތަސްދީގު ކުރައްވައިފި

ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ބެލެހެއްޓުން ފިނޭންސް މިނިސްޓްރީއާ ހަވާލު ކުރަން ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް މިއަދު ތ...

15 Mar 2023 | 11:40

ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ބެލެހެއްޓުން ފިނޭންސް މިނިސްޓްރީއާ ހަވާލު ކުރަން ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެގޮތުން މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާ މި ބިލަކީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 10 ވަނަ ޖަލްސާ ގައި ފާސްކުރި ބިލެކެވެ. މި އިސްލާހާއެކު އެސްޑީއެފް ބަލަހައްޓާނީ ފިނޭންސް މިނިސްޓްރީންނެވެ.

މިގޮތުން އެ ފަންޑަށް ޖަމާކުރާނެ ފައިސާ އާއި އެ ފަންޑުން އިންވެސްޓްކުރުމާއި ހަރަދު ކުރުމުގެ ސިޔާސަތު ކަނޑައަޅާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

އަދި މި އިސްލާހުގައިވާ ގޮތުން އެސްޑީއެފް އިންވެސްޓް ކުރާނެ ގޮތްތައް ނިންމަން ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ރައީސް ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަން ޖެހޭނެ އެވެ.

ހަމަ އެހެންމެ ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމަށާއި ދައުލަތުގެ ނަމުގައި ގެރެންޓީއެއް ދިނުމަށް އެދި ހުށަހަޅާ ކޮންމެ ހުށަހެޅުމެއް ހުށަހަޅަންޖެހޭނީ ދައުލަތުގެ މާލިއްޔަތު ގަވާއިދު ގައިވާ ގޮތުގެ މަތިން ފިނޭންސް މިނިސްޓަރަށެވެ.

މީގެ އިތުރުން އެ އިސްލާހުގައިވާ ގޮތުން ދައުލަތުގެ ދަރަންޏަށް ފައިސާ ނަގަންވާނީ، އެ ދަރަނި ނެގުމުގެ ސަބަބުން ގައުމުގެ އިގުތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރު ދިރާސާކުރުމަށްފަހު އެ އަހަރެއްގެ އަހަރީ ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރުނުވާނެ ގޮތަށް މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް