ސަރުކާރުގައި ދެ ރިޔާސީ ކެންޑިޑޭޓުން ތިބެގެން ކުރިއަށް ދާން ދަތިވާނެ ކަމަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއުވާން މިހެން ވިދާޅުވެފައި ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާ އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެކަން އިއުލާނު ކޮށްފައި ވަނިކޮށެވެ.
ޖޭޕީން ވެރިކަމަށް ކުރިމަތިލާނޭކަން ހާމަކުރުމާއި އެކު ސަރުކާރުގެ ކޯލިޝަންގައި ޖޭޕީ ހިމެނޭތީ ކޯލިޝަން އެއްބަސްވުމުގެ ދަށުން ޖޭޕީގެ ފަރާތުން ސްލޮޓުތަކުގައި ތިއްބެވި ބޭފުޅުންގެ ކުރިމަގާއި މެދު ގިނަ ފަރާތްތަކެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފަ އެވެ.
މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން ވިދާޅުވީ ދެ ވަނަ ދައުރަކަށް ވެސް ކޯލިޝަން އެކުލަވާލަން ރައީސް ޞާލިހު މިހާރުގެ ކޯލިޝަން ބައިވެރިންނަށް ވަނީ ދައުވަތު ފޮނުއްވާފައި ކަމަށާއި ޖޭޕީން އަދި އެދައުވަތަށް ރަސްމީކޮށް ޖަވާބެއް ނުދޭ ކަމަށެވެ.
މީގެ އިތުރުން ރައީސްއާއެކު ކުރިއަށްދާން އަދާލަތު ޕާޓީއާއި އެމްޑީއޭ އިން ވަނީ މިހާރު ނިންމާފައި ކަމަށާއި ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރޭނަމަ، ސަރުކާރުގައި ރިޔާސީ ދެ ކެންޑިޑޭޓުން ތިބެގެން ކުރިއަށް ވަޑައިގަތުމަށް ދަތިވާނެ ކަމަށް މިއުވާން ވިދާޅުވެފައި ވެއެވެ.
އަދި އެފަދަ ހާލަތެއް އަތުވެއްޖެނަމަ، ދެން ކަންތައްކުރައްވާނެ ގޮތަކާމެދު ރައީސް ޖުމްހޫރީ ޕާޓީގެ ލީޑާޝިޕާއި ގާސިމް އިބްރާހިމް އާއެކު މަޝްވަރާކުރައްވާނެ ކަމަށް މިއުވާން ވިދާޅުވެފައި ވެއެވެ.
ޖޭޕީން ރިޔާސީ ރޭހަށް ނިކުތުމަށް ނިންމާފައިވާތީ ޖޭޕީގެ ސްލޮޓްގައި ތިއްބެވި ފަރާތްތައް ސަރުކާރުން ވަކިކުރުމަށް އެމްޑީޕީގެ ބައެއް މެންބަރުން ގޮވާލާފައި ވާތީ އެކަމަށް ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވަނީ މަޖިލީހުގައި ރައްދުވެސް ދެއްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް