ޖޭޕީ މިނިސްޓަރުންނަށްވުރެ ކުރިން އިސްތިއުފާ ދެއްވަން ޖެހޭނީ ރައީސް ސޯލިހު: ގާސިމް

ޖުމްހޫރީ ޕާޓީގެ މިނިސްޓަރުންނަށްވުރެ ކުރިން މި ސަރުކާރުން އިސްތިއުފާ ދެއްވަން ޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ...

15 Mar 2023 | 09:00

ޖުމްހޫރީ ޕާޓީގެ މިނިސްޓަރުންނަށްވުރެ ކުރިން މި ސަރުކާރުން އިސްތިއުފާ ދެއްވަން ޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އެ ޕާޓީން ވަކިން ރިޔާސީ އިންތިހާުބުގައި ވާދަ ކުރަން ނިންމުމުން ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުން ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ. ރައީސްގެ މެމްބަރުން ވިދާޅުވީ ކޯލިޝަން ނުހަދަން ނިންމުމުން ޖޭޕީގެ މެމްބަރުން މިނިސްޓަރު ކަމުން އިސްތިއުފާ ދޭން ޖެހޭ ކަމަށެވެ.

ގާސިމް މިއަދު މަޖިލީހުގައި އެކަމަށް ރައްދު ދެއްވައި ވިދާޅުވީ މި ސަރުކާރު ގެންނަން ދެ ޕާޓީގެ ދެމެދުގައި ވި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ނޮވެމްބަރު18 ވަނަ ދުވަހަށް ކަމަށެވެ. އެ އެއްބަސްވުން އޮތް އިރު ސަރުކާރުން އެއްބަސްވުމާއި އެއްގޮތަށް ހަމަލު ނުކުރާ ކަމަށް ގާސިމް ވިދާޅުވި އެވެ.

އެގޮތުން ޖޭޕީއަށް ކަނޑައެޅި ސްލޮޓްތަކަށް ހަމައަށް އެ ޕާޓީގެ މެމްބަރުން ނުލެވޭ ކަމަށް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ޖޭޕީ މެމްބަރުން ވަކިވާން ނުޖެހޭނެ ކަމަށާއި ވަކި ނުވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

ގާސިމް ވިދާޅުވީ ޖޭޕީ މިނިސްޓަރު ވަކިވާން ޖެހޭ ނަމަ އެންމެ ފުރަތަމަ މަގާމުން އިސްތިއުފާ ދެއްވަން ޖެހޭނީ ރައީސް ސޯލިހު ކަމަށެވެ. އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް މަގާމުތަކެއް ދެއްވާފައި ވަނީ އެއްވެސް މީހެއްގެ ތަރިކަ މުދަލަކުން ނޫންކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް