ރައީސް އިބްރާހިމްް މުހައްމަދު ސޯލިހާއި އެކު ކޯލިޝަން ހަދަން ބޭނުން ނުވާނަމަ މި ސަރުކާރުގައި ތިބި ޖުމްހޫރީ ޕާޓީގެ ހުރިހާ މިނިސްޓަރުން މަގާމުތަކުން އިސްތިއުފާދެއްވަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ގޮވާލައްވައިފި އެވެ.
މިގޮތަށް ގޮވާލެއްވީ ރައީސް ސޯލިހަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެމްބަރުންނެވެ. ރައީސް ސޯލިހާއި އެކު ކޯލިޝަން ހެދުމުގެ ދައުވަތު ދީފައި ވަނިކޮށް، ޖޭޕީން ރޭ ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވަކިންް ވާދަ ކުރަން ނިންމާފައި އެވެ.
މި ނިންމުމާއި ގުޅިގެން މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ވިދާޅުވީ ޖޭޕީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމުމަކީ އެޕާޓީން ބޭނުންވެއްޖެ ނަމަ ނިންމޭނެ ގޮތެއް ކަމަށެވެ. އަދި އެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށް ވިދާޅުވި އެވެ.
ސަނީފު ވިދާޅުވީ ނިންމުމުގައި މައްސަލައެއް ނޫޅުނަސް އެ ނިންމުމާއި އެކު މި ސަރުކާރުގެ މިނިސްޓަރުގެ ގޮތުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.
މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ ޖޭޕީ މިނިސްޓަރުން ވަގުތުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ. އަމިއްލައަށް އެ މިނިސްޓަރުން އިސްތިއުފާ ނުދެއްވާނަމަ ސަރުކާރު ތެރެއިން އެކަން ކުރާނެ ކަމުގެ އިންޒާރު ރާއީ ދެއްވި އެވެ.
ޖޭޕީން މި ސަރުކާރާއި އެކު ކުރިޔަށްދާން ނުނިންމި މައްސަލައިގަ މިހާތަނަށް މިނިސްޓްރީތަކާއި ހަވާލުވެ ތިއްބެވި ޖޭޕީގެ އެއްވެސް މިނިސްޓަރަކު ގޮތެއް ނުނިންމަވަ އެވެ. އެކަމަކު ޖޭޕީގެ ސްލޮޓެއްގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވަނީ ޖޭޕީން ވަކިވެފައި އެވެ.
މިސަރުކާރާއި އެކު ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދަން އަދި ނިންމީ އަދާލަތު ޕާޓީ އާއި އެމްޑީއޭއެވެ. ދައުވަތު ދިން ޕާޓީތަކުގެ ތެރެއިން އެމްއާރުއެމްއިން އަދި ވަކިގޮތެއް ނިންމާފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް