ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީ ޕްރޮފެޝަނަލް ލީގާއި ގުޅުނު ފަހުން އެލީގުގެ ފޯރި އިތުރަށް ގަދަވެފައިވާ ކަމަށް ސައުދީ އަރަބިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ގޯލް ކީޕަރު މުޙައްމަދު އަލް ދާއީ ބުނެފިއެވެ.
އަލް ދާއީ ބުނީ ރޮނާލްޑޯ ފަދަ ދުނިޔޭގެ ޓޮޕް ލެވެލްގެ ކުޅުންތެރިއަކު ސައުދީ ލީގާއި ގުޅުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި އެކަމުގެ ސަބަބުން ލީގުގެ އަގު އުފުލި ފޯރި އިތުރަށް ގަދަވެފައިވާ ކަމަށެވެ.
އޭނާ ބުނީ މީގެ ކުރިން ސައުދީ ލީގަކީ ގިނަ ބަޔަކަށް އެނގޭ ލީގެއް ވެސް ނޫން ކަމަށާއި ނަމަވެސް މިހާރު މުޅި ދުނިޔޭގެ ނަޒަރު ސައުދީ ލީގަށް އަމާޒުވެފައިވާ ކަމަށެވެ. އަދި މީގެ ކުރިން ލީގު މެޗުތައް ކުޅޭއިރު، ސްޓޭޑިއަމުން ވެސް ފެންނަނީ މަދު އަދަދެއްގެ ސަޕޯޓަރުން ކަމަށާއި ނަމަވެސް މިހާރު ރޮނާލްޑޯ އައިފަހުން ލީގުގައި ކުޅޭ ކޮންމެ މެޗަކީ ވެސް ފޯރިގަދަ މެޗަކަށް ވެފައި އަދި ދަނޑަށް މެޗުބަލަން ވަންނަ ސަޕޯޓަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އަލް ދާއީ ބުންޏެވެ.
" ރޮނާލްޑޯ ފަދަ ދުނިޔޭގެ ފުޓްބޯޅައިގެ މަޝްޙޫރު ކުޅުންތެރިއަކު ސައުދީ ލީގަށް އައުމަކީ ލިބުނު އުފަލެއް. ލީގަށް ލިބުނު ބޮޑު ކުރިއެރުމެއް. ރޮނާލްޑޯ އާއި އެކު ލީގުގެ ފޯރި ގަދަވެއްޖެ. ލީގުގެ އަގު އުފުލިއްޖެ. ސްޓޭޑިއަމްތަށް ސަޕޯޓަރުން ފުރާލައިފި." އަލް ދާއީ ބުންޏެވެ.
މީގެ އިތުރުން އޭނާ ބުނީ މި ފަހަކަށް އައިސް ސައުދީ ލީގަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ ދުނިޔޭގެ ގައުމުތަކުން ސައުދީ ލީގުގެ މެޗުތައް ދެއްކުމަށް ބޮޑު އަގުގައި ޓީވީ ރައިޓްސް ގަތުން ކަމުގައެވެ. އަލް ދާއީ ބުނީ މިހާރު ދުނިޔޭގެ ނަން މަޝްހޫރު ކުޅިވަރު ގިނަ ޗެނަލްތަކުން ސައުދީ ލީގުގެ މެޗުތައް ދައްކަމުން ދާކަމަށާއި މިއީ ސައުދީ ލީގަށް ރޮނާލްޑޯގެ ސަބަބުން ލިބުނު ހެޔޮ ބޮޑު ކުރިއެރުމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް