ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގެ މެޗުތަކުން މޮޅުވެ މެންޗެސްޓަރ ސިޓީ އާއި އިންޓަރ މިލާން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާހަ ހޯދައިފިއެވެ.
ރޭގެ މެޗަށް ނުކުތްއިރު، ލައިޕްޒިގު ދަނޑުގައި ލެއިޕްޒިގާއި ދެކޮޅަށްް ސިޓީ ކުޅުނު ފުރަތަމަ ލެގުގެ މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ރޭ ކުޅުނު ދެވަނަ ލެގުގެ މެޗުން 0-7 އިން ސިޓީ ކާމިޔާބު ކުރުމުން އެޓީމަށް ކުއާޓާގެ ޖާގަ ކަށަވަރުވީ 1-8 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ލިބިގެންނެވެ އަދި އިންޓަރ މިލާނުން އެޓީމުގެ ދަނޑުގައި ޕޯޓޯއާއި ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގެ މެޗު 0-1 އިން ކާމިޔާބު ކޮށްފައިވާއިރު، ރޭ ޕޯޓޯ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. އިންޓަ މިލާނަށް ކުއާޓާގެ ޖާގަ ކަށަވަރުވީ 0-1 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ލިބިގެންނެވެ.
ރޭ ސިޓީ ކުޅުނު މެޗުގައި އެޓީމުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ވަނީ ތިން ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ތިން ލަނޑުވެސް އެޓީމަށް ޖަހައިދިނީ އާލިން ބްރައުޓް ހާލަންޑް އެވެ. ސިޓީން ލީޑުނެގީ 22 ވަނަ މިނިޓްގައި ހާލަންޑް ޖެހި ޕެނަލްޓީންނެވެ. ސިޓީއަށް ލުބުނު މި ޕެނަލްޓީ އަކީ ލައިޕްޒިގުގެ ކުޅުންތެރިއަކު އަތުގައި ޖެހުނު ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމުމުން ދިން ޕެނަލްޓީ އެކެވެ. އޭގެ ދެ މިނިޓް ފަހުން، ހާލަންޑް ދެ ވަނަ ލަނޑު ޖެހީ 24 ވަނަ މިނެޓުގައެވެ. އަދި ސިޓީގެ ތިންވަނަ ލަނޑު ފުރަތަަމަ ހާފުގެ އިތުރު ވަގުުތުގައި ޖަހައި މި މެޗުގައި ހާލަންޑް އޭނާގެ ހެޓްރިކް ފުރިހަމަ ކުރި އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ހަތަރު މިނިޓް ތެރޭ ސިޓީގެ ހަތަރުވަނަ ލަނޑު އިލްކާއި ގުންޑޮގާން ޖެހިއިރު، މެޗުގެ 52 ވަނަ މިނިޓްގައި ސިޓީގެ ފަސްވަނަ ލަނޑު އަދި 57 ވަނަ މިނެޓުގައި ސިޓީގެ ހަވަނަ ލަނޑު ޖެހީ ހާލަންޑްއެވެ. މެޗުގެ އިތުރު ވަގުުތުގައި ސިޓީގެ ފަހު ލަނޑު ޖެހީ ޑި ބްރޭނާ އެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެވަނަ ލެގުގެ ދެ މެޗެއް މިރޭ ވެސް ކުޅޭނެއެވެ. މިރޭ ކުޅޭނީ ނަޕޯލީ އާއި އެއިންޓްރަކްޓް ފްރެންކްފޯޓް ބައްދަލުކުރާ މެޗާއި ރެއާލް މެޑްރިށް އަދި ލިވަޕޫލް ބައްދަލުކުރާ މެޗެވެ. މި ދެމެޗުވެސް ފަށާނީ މިރޭ ދަންވަރު ރާއްޖޭ ގަޑިން1:00 ގައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް