ދިވެހިރާއްޖޭގެ ބައިވެރިވުމާއެކު، އިސްލާމް ދީނާމެދު ނަފްރަތު އުފެއްދުމާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މާޗް މަހުގެ 15 ދުވަސް އދގެ އާއްމު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އިސްލާމީ ޤައުމުތަކުގެ ޖަމްއިއްޔާ (އޯ.އައި.ސީ)ގެ ގައުމުތަކުގެ ފަރާތުން ހުށަހެޅި މި ގަރާރު ފާސްކުރުމަށް، ގަރާރުގައި ހިމެނޭ ކަންކަމުގައި ގައުމުތަކުން އެއްބަސްވުމަކަށް ގެނައުމަށް، އދގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މުހިއްމު ދައުރެއް އަދާކުރެއްވިއެވެ.
މި ދުވަސް ބައިނަލްއަޤްވާމީ ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް އިސްލާމީ ޤައުމުތަކުގެ ޖަމްއިއްޔާގެ ޚާރިޖީ ވަޒީރުންގެ ކައުންސިލުން 2020 ވަނަ އަހަރު ނޮވެމްބަރު މަހު ނީޖަރގެ ނިއާމޭގައި ނިންމި ބައްދަލުވުމުގައިވެސް ފޮރިން މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަތެވެ.
އަދި މި ޤަރާރު އދގެ އާއްމު މަޖިލީހަށް ހުށަހެޅުމަށް މެމްބަރު ޤައުމުތަކުން ކުރި މަސައްކަތުގައި ރާއްޖެއިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
އިސްލާމް ދީނާމެދު ނަފްރަތު އުފެއްދުމާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ދުވަހުގެ މަގްސަދުތަކުގެ ތެރޭގައި، އިސްލާމް ދީން ހިމެނޭހެން އެކި ދީންތަކަށް ނިސްބަތްވީތީ ކުރިމަތިވާ ތަފާތުކުރުންތަކާ ފުރައްސާރައާ ދެކޮޅަށް މަސައްކަތް ކުރުން ހިމެނެއެވެ.
މީގެ އިތުރުން އަޅުކަންކުރާ ތަންތަނަށް އެކި ގޮތްގޮތުން ދެވޭ ހަމަލާތައް ކުށްވެރިކުރުންވެސް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް