ޑްރަގް މައްސަލައިގަ ސޮބާހު ހައްޔަރެއް ނުކުރޭ، ސުވާލު ކުރީ ލޯންޗުގެ ވެރިފަރާތަށް ވާތީ!

12 ކިލޯގެ މަސްތުވާތަކެއްޗާއި އެކު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ފިލްމީ ތަރި ހުސައިން ސޮބާހު ނުހިމެނޭ ކަމަށް އޭނާ ބުނެފި އެވެ. ފުލުހުން ބުނީ އެ މައްސަލައިގަ ހައްޔަރު ...

15 Mar 2022 | 16:41

12 ކިލޯގެ މަސްތުވާތަކެއްޗާއި އެކު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ފިލްމީ ތަރި ހުސައިން ސޮބާހު ނުހިމެނޭ ކަމަށް އޭނާ ބުނެފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގަ ހައްޔަރު ކުރީ އިންޑިއާ ފިރިހެނެއް ކަމަށެވެ. އެކަމަކު މި މައްސަލައިގަ ހިމެނޭ މީހުންގެ މުއްދަތު ޖެހި އިރު ދިވެއްސަކާއި ބަންގްލަދޭޝް މީހަކަށްވެސް މުއްދަތު ޖަހާފައިވެ އެވެ.

އޭގެ ފަހުން މީޑިއާގައި ހާމަވިގޮތުގައި އެ މައްސަލައިގަ 10 ދުވަހަށް ބަންދުގެ މުއްދަތު ޖެހި ދިވެހި މީހާ އަކީ ސޮބާހު އެވެ. އެކަމަކު އޭނާ ވަނީ އޭނާ ހައްޔަރު ނުކުރާކަން ޔަގީންކޮށް ހާމަކޮށްދިނުމުގެ ގޮތުން ފޭސްބުކް ޕޯސްޓެއް ކޮށްފަ އެވެ.

އެ ޕޯސްޓުގައި ފެންނަ ވީޑިއޯގައި ސޮބާހު ބުނީ އޭނާ އާއި އެ މައްސަލައިގަ ފުލުހުން ސުވާލު ކުރި ކަމަށެވެ. ސުވާލު ކުރީ އެ މަސްތުވާތަކެތި އުފުލި ލޯންޗަކީ އޭނާގެ އެއްޗަކަށްވާތީ ކަމަށް ބުންޏެވެ.

ސޮބާހު ބުނީ އެ ލޯންޗު 46،800 ރުފިޔާއަށް ކުއްޔަށް ހިފީ އޭނާ ދަންނަ ބައެއް ކަމަށެވެ. ލޯންޗު ކުއްޔަށް ނެގީ ށ. އަތޮޅަށް ދިއުމަށް ކަމަށް ބުނެ ކަމަށާއި އެކަމަކު ދަތުރުގެ ވަކި ހިސާބަކުން ލޯންޗަށް މައްސަލައެއް ދިމާވެގެން އެނބުރި ހުޅުމާލެއަށް އަންނަ ވާހަކަ އެންގި ކަމަށްވެސް ސޮބާހު ބުންޏެވެ.

އޭނާ ބުނީ ލޯންޗު ހުޅުމާލެއަށް ކައިރި ކުރި ގަޑީގައި އެ ތަނަށް ދިޔަ ކަމަށެވެ. އަދި ދިޔަ އިރު ފުލުހުން ތިބި ކަމަށާއި އޭނާ އާއި އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ކަން ހިނގާދިޔަ ގޮތް ކިޔައިދީފައިވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް