އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕިންސްގެ ނަރުސް މޭރީ ގްރޭސް މަރާލި ދުވަހު އޭނާގެ ދަރިފުޅު ހުރީ ގޭގައި ކަމަށް ފިރިމީހާ މާވިން އެސްވައި ވާގަސް ބުނެފައިވާ ކަމަށް ދައުލަތުން މިއަދު ކޯޓުގައި ބުނެފި އެވެ.
މޭރީގެ މަރުގެ މައްސަލައިގަ މާވިންގެ މައްޗަށް ވަނީ މީހަކު މަރާލުމުގެ ދައުވާ އުފުލާފަ އެވެ. އަދި މާވިންގެ ލޯބިވެރިޔާ ކަމަށް ބުނާ އޭރު އައިޖީއެމްއެޗުގައި މަސައްކަތް ކުރި ހަލީމަތު ލަމްހާގެ މައްޗަށް ވަނީ އޭނާ މަރާލުމުގައި ބައިވެރިވުމާއި އިތުރު ތިން ދައުވާއެއް އުފުލާފަ އެވެ.
މިއަދު ބޭއްވި ލަމްހާގެ މައްސަލައިގެ ޝަރީއަތުގައި ދައުލަތުން ބުނީ އެ މައްސަލައިގަ ކުރިޔަށް ދިއުމަށް މޭރީ އާއި މާވިންގެ ދަރިފުޅުގެ ސައިކޮލޮޖިކަލް ފޮރެންސިކް އެސެސްމަންޓް ރިޕޯޓް އައުން ލަސްވަމުންދާ ކަމަށެވެ. ދައުލަތުން އެހެން ބުނުމުން ލަމްހާގެ ވަކީލުން ވަނީ ލަސްވާ ސަބަބާއި އެ ރިޕޯޓު ބޭނުންވަނީ ކީއްވެތޯ ސުވާލު ކޮށްފަ އެވެ.
ދައުލަތުން ބުނީ ކުއްޖާ އެ ދުވަހު ހާދިސާ ހިނގި އިރު ބަހައްޓާފައި ހުރީ އެގޭ ކޮޓަރިއެއްގައި ތަޅުލާފައި ކަމަށް މާވިން ބުނެފައިވާ ކަމަށެވެ. އެހެންވެ އެކުއްޖާއަށް ހާދިސާގެ މަންޒަރުތައް ފެނުނުވަރު ކުއްޖާ މެދުވެރިކޮށް އޮޅުން ފިލުވުމަށް ސައިކޮލޮޖިކަލް ފޮރެންސިކް އެސެސްމަންޓް ހަދަން ޖެހޭ ކަމަށެވެ.
އެކަމަކު އެކަމަށް ހޭދަވާނެ ދުވަހެއް ނޭނގޭ ކަމަށާއި ރިޕޯޓް ހޯދަނީ ފިލިޕިންސުން ކަމަށް ވާއިރު އެއީ ޖިނާއީ ކަންކަމުގައި ދިވެހިރާއްޖެއާ އެކު އެއްވެސް މުއާހަދާއެއްގައި ސޮއިކޮށްފައި ގައުމަކަށް ނުވާތީ އެކަން ވަކި މުއްދަތެއްގެ ތެރޭގައި ކޮށްދޭން ފިލިޕިންސަށް ލާޒިމު ނުވާ ކަމަށް ދައުލަތުން ބުންޏެވެ. ވަކީލް ވިދާޅުވި ގޮތުގައި މިފަދަ ކަންކަމަށް ހޭދަވާ މުއްދަތު ބިނާވަނީ އެ ގައުމަކުން މައްސަލައަށް ދޭ އިސްކަމުގެ މައްޗަށެވެ. ބައެއް ފަހަރު ބޭންކް ސްޓޭޓްމަންޓެއް ހޯދަން ވެސް އަހަރެއްހާ ދުވަސް ހޭދަވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ދައުލަތުން ކުރިން ބުނެފައިވާ ގޮތުގައި މޭރީ މަރުވި ދުވަހު، ލަމްހާ ވަނީ މާވިން އާއި މޭރީގެ ދަރިފުޅު އޭނާގެ ގެޔަށް ގެންގޮސްފަ އެވެ. އަދި ހާދިސާ ހިނގި ކަމަށް ބުނާ ވަގުތު ލަމްހާ އެ ކުއްޖާ ގޮވައިގެން، މާވިން އާއި މޭރީ އުޅޭ ގެޔަށް ވަންނަތަން ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށާއި މޭރީ ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސަށް ގުޅަނީ ކުއްޖާ ގެޔަށް ލުމަށް ފަހު ލަމްހާ ނުކުމެގެންދާތާ މިނެޓެއްހާއިރު ފަހުން ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
މި މައްސަލައިގަ ލަމްހާއަށް ދައުލަތުން ކުރާ އިތުރު ދައުވާތަކުގެ ތެރޭގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދަޢުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް