ޔޫކްރެއިންގެ ވެރިރަށް ކިއޭވް ހިފުމަށް ރަޝިއާ ސިފައިން ދެމުންދާ ހަމަލާތަކުން އަލިމަގެއް ނުފެންނާތީ އެމީހުން މިހާރު ތިބީ ވާނުވާގައި ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
ރަޝިއާއިން ޔޫކްރެއިން ހިފުމަށް ކުރާ ހަނގުރާމައަށް މިއަދު20 ދުވަސް ވެފައިވާއިރު ވެރިރަށް ކިއޭވް ހިފުމަށް ރަޝިއާ ސިފައިންނަށް ދަނީ ބޮޑެތި ގޮން ޖެހުންތަކާއި ކުރިމަތިވަމުންނެވެ. ވަޔާއި އެއް ގަމު މަގުން ދެމުންދާ ހަމަލާތަކަށް ރައްދު ހަމަލާ ދެމުންދާލެއް ވަރުގަދަކަމުން ރަޝިއާގެ އަމާޒަށް ވާސިލްވުމަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައި އެވެ.
ޔޫކްރެއިންގެ ރައީސް މިއަދު ފޭސްބުކް މެދުވެރި ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރަޝިއާ ސިފައިންގެ ހަމަލާތައް ދެމުންދާ ވަރުގަދަ ވަރާއި ބަލާފަ ދިފާއު ހަމަލާތައް އެހާ ވަރުގަދަވާނެ ކަމަށް އެމީހުން އުންމީދު ނުކުރާ ކަމަށެވެ.
ޒެލެންސްކީ ވިދާޅުވީ އޭގެ ތެރެއިން އެތައް ސިފައިންނެއް ހަނގުރާމައިގެ މައިދާނަށް ސާމާނު ދޫކޮށްލުމަށް ފަހު ފިލަމުންދާ ކަމަށެވެ.
ހަތިޔާރުތައް ދޫކޮށް ދިއުމުން އެ ދެވެނީ ޔޫކްރެއިނަށް އެހީތެރިކަމެއް ކަމަށާއި އެ ހަތިޔާރުތައް ބޭނުން ކުރަމުން ދަނީ ޔޫކްރެއިން އާންމު ރައްޔިތުން ކަމަށް އޭނާ ވިދާޅުވި އެވެ. ވެރިރަށް ދިފާއު ކުރުމުގައި ސިފައިންނާއި އެކު ބައިވެރިވެ އާންމު ރައްޔިތުން ކުރަމުންދާ ބުރަ މަސައްކަތަށް ޒެލެންސްކީ ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.
ރަޝިއާއިން ދެމުންދާ ހަމަލާތަކުގައި ކިއޭވްގެ އާންމުންގެ އެތައް ބަޔަކު ދަނީ މަރުވަމުންނެވެ. އަދި ބޮޑެތި އިމާރާތްތަކަށް ބޮން އެޅުމުގެ ސަބަބުން ކިއޭވް ދަނީ ސުންނާފަތިވަމުންނެވެ.
ރަޝިއާގެ އެތެރޭގެ މައުލޫމާތުތަކާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އުންމީދު ކުރި އަވަސް މިނުގައި ކިއޭވް ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ގޮސްފައި ނުވާތީ ރައީސް ލަޑިމިއާ ޕުޓިން ހުންނެވީ ހިތްހަމަ ނުޖެހިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް