ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމުކުރި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ ހުޅުވައިފި

ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމުކުރި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ހުޅުވައިދެއްވައިފިއެވެ. މިއަދު ހެނދުނު ހުޅުމާލެ ހޮސްޕިޓަލުގައި، ޗައިލްޑް ޑިވެލޮޕްމ...

15 Mar 2022 | 08:48

ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމުކުރި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ހުޅުވައިދެއްވައިފިއެވެ.

މިއަދު ހެނދުނު ހުޅުމާލެ ހޮސްޕިޓަލުގައި، ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ރަސްމީގޮތުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވެވަޑައިގެންނެވިއެވެ. އަދި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރަކީ ނުކުޅެދުންތެރިކަން ތަޙައްމަލުކުރަމުންދާ ކުދިންނާ އެކުދިންގެ ޢާއިލާތަކަށް ބޭނުންވާ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމުގެ ގޮތުން ޤާއިމުކޮށްފައިވާ ސެންޓަރެކެވެ.

މި ސެންޓަރުގައި ޚިދުމަތް ފޯރުކޮށްދެނީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށެވެ.

އެގޮތުން ޖިސްމާނީ، ވިސްނުމުގައި އުނިކަމާއި އުނގެނުމުގެ ދަތިކަން ހުންނަ ކުދިން، ސިކުނޑިއާ ނާރުތަކުގެ ބަލިތައް ތަޙައްމަލު ކުރަމުންދާ ކުދިންނާއި ވާހަކަދައްކަން ދަތިކަން ހުންނަ ކުދިންނަށް މި ސެންޓަރުގައި ފަރުވާ ފޯރުކޮށްދެއެވެ.

މި ސެންޓަރުގެ ޚިދުމަތް ރަސްމީގޮތުން ފެށުމުގެ ކުރިން ބައެއް ޚިދުމަތްތައް ވަގުތީގޮތުން ދަނީ ފޯރުކޮށްދެމުންނެވެ.

އެގޮތުން މި ސެންޓަރުގައި 67 ކުއްޖަކު މިހާރު ރެޖިސްޓްރީވެ ޚިދުމަތް ހޯދަމުންދެއެވެ.

ޗައިލްޑް ސެންޓަރުގެ މަޤްޞަދަކީ ސެންޓަރުގެ ޚިދުމަތް ހޯދާ ކުދިން، ދިރިއުޅޭ މާހައުލުގައި އަދި މުޖުތަމަޢުގައި އެންމެ ފުރިހަމައަށް އަމިއްލައަށް އުޅެވޭނެ ގޮތްތަކަށް މަގުފަހިކޮށްދީ މަސައްކަތްކޮށްދިނުމުވެ.

އެގޮތުން އެކުދިންނަށް ބޭނުންވާ ތެރެޕީއާ ރިހެބިލިޓޭޓިވް ފަރުވާފަދަ ޚިދުމަތްތައް އެ ސެންޓަރުން ފޯރުކޮށްދޭނެއެވެ.

އަދި އެ ސެންޓަރުގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށްވެސް ހަމަޖެހިފައިވެއެވެ.

ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި މި ސެންޓަރުން ލިބޭ ޚިދުމަތްތަކަކީ މީގެ ކުރިން، ރާއްޖޭގައި ހޯދަން އުނދަގޫ ޚިދުމަތްތަކެއްކަން ފާހަގަކުރައްވައި މި ސެންޓަރުގެ ޚިދުމަތް ރަސްމީގޮތުން ފެށުމާއެކު މި ދާއިރާއިން ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށްބޮޑު ލުއިފަސޭތަކެއް ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ.

އަދި މި ސެންޓަރުގެ ޚިދުމަތް ފުޅާކޮށް، މުސްތަޤްބަލުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި މިފަދަ ސެންޓަރުތަކެއް ޤާއިމުކުރެވިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ އެ ސެންޓަރަށް ބޭނުންވާ ބައެއް ޚާއްޞަ ތަކެތި ހަދިޔާ ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް