ސިވިލް ކޯޓަށް އާ ދެ ފަނޑިޔާރަކު އައްޔަން ކޮށްފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާެއްގައި ޖޭއެސްސީގެ ރައީސް ހިސާން ހުސެއިންގެ ކުރިމަތީގައި އެ ދެ ފަނޑިޔާރުންނަށް ހުވާލައިދެއްވީ ހައިކޯޓްގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ އެވެ. އެ ރަސްމިއްޔާތުގައި ޖޭއެސްސީގެ އިސްވެރިންނާއި ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރުން ކަމަށް އައްޔަންކޮށްފައި ވަނީ ސ. ފޭދޫ، ފިތިރޯނުގެ، ޒުލައިހާ ޝީޒާ އާއި ގއ. މާމެންދޫ، ފެހިގެ، އަހްމަދު ނިމާލް ޖުނައިދެވެ.
މީގެތެރެއިން ނިމާލް ވަނީ ވިލާ ކޮލެޖުން ބެޗެލާސް އޮފް ޝަރީއާ އެންޑް ލޯ (އޮނާސް) ހާސިލްކުރައްވައިފަ އެވެ. އޭނާ ވަނީ ލޯ ފާމެއް ކަމަށްވާ ފަރްހާން ޒަމީލް އެންޑް ނިމާލްގެ މެނޭޖިން ޕާޓްނާރެއްގެ ގޮތުގައި އެއް އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފަ އެވެ.
ޝީޒާ ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވާސިޓީން ބެޗްލާސް އޮފް ލޯސް (އޮނާސް) ހާސިލްކުރައްވައި، ބަކްބެކް ކޮލެޖް، ޔުނިވާސިޓީ އޮފް ލަންޑަން އިން މާސްޓަ އޮފް ލޯސް އިން ކޮންސްޓިޓުޝަނަލް ޕޮލިޓިކްސް، ލޯ އެންޑް ތިއަރީ ވެސް ހާސިލްކުރައްވައިފަ އެވެ.
އޭނާ ވަނީ އެޖީ އޮފީހުގައި ސްޓޭޓް ކައުންސެލް ކަމާއި ސީނިއާ ސްޓޭޓް އެޓާނީ ކަމުގެ އިތުރުން ސްޓޭޓް އެޓާނީގެ މަގާމުގައި ތިން އަހަރަށް ވުރެ ދިގު މައްދަތަކަށް ހިދުމަތްކުރައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް