ގަސްދުގައި ގޯސްހަދާ މަސައްކަތުގެ ފޯކަސް ގެއްލުވާލަން މަސައްކަތްކުރާ ބަޔަކު ފުލުހުންގެ ތެރޭގައި ނެތް: އިމްރާން

ދިވެހި ފުލުހުންގެ ޚިދުމަތުގައި ނިޒާމު ރަނގަޅަށް އެނގި، ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ހޯދައިގެން ގަސްތުގައި "ނުނިޔަތެއް ބާއްވައިގެން" ގޯސްހަދާ ބަޔަކު ފުލުހުންގެ ތެރޭގައި ނެތް ކަމަށް ހޯމް މިނިސްޓަ...

15 Mar 2022 | 06:50

ދިވެހި ފުލުހުންގެ ޚިދުމަތުގައި ނިޒާމު ރަނގަޅަށް އެނގި، ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ހޯދައިގެން ގަސްތުގައި "ނުނިޔަތެއް ބާއްވައިގެން" ގޯސްހަދާ ބަޔަކު ފުލުހުންގެ ތެރޭގައި ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިފަދައިން ވިދާޅުވީ ފުލުހުންގެ ޚިދުމަތުގައި ފުލުހުންގެ ތެރޭގައި ނިޒާމު ރަނގަޅަށް އެނގި، ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ހޯދައިގެން ގޯސް ހަދައި، މީހުން އެކަން އެގޮތަށް ކުރަނީ ގަސްތުގައި "ނުނިޔަތެއް ބާއްވައިގެން" ކަމަށް ބަންޑާރަނައިބު ޖުޑީޝަރީ ކޮމެޓީގައި ވިދާޅުވި ވާހަތަކާއި ގުޅިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ކުރެއްވި ސުވާލުގެ ޖަވާބަށް ލިޔުމުން ރައްޔިތުންގެ މަޖިލީހަށް ދެއްވި ޖަވާބުގައެވެ.

މިނިސްޓަރ އިމްރާން މިއަދު މަޖިލީއަށް ދެއްވި ޖަވާބުގައި ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ވަޒީފާ އަދާ ކުރާ ފުލުހުންނަކީ، އެކަށޭނެ ތަޢުލީމާއި ތަމްރީން ލިބިގެން ވަރަށް އިޚްލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރާ ޤާބިލް މުވައްޒަފުން ކަމަށެވެ.

އަދި ބަންޑާރަ ނައިބު އެއިޝާރާތް ކުރެއްވިފަދަ "ނުނިޔަތެއް ބާއްވައިގެން" ގަސްތުގައި ގޯސްހަދާ ބަޔަކު ދިވެހި ފުލުހުންގެ ޚިދުމަތުގައި ތިބިކަމަށް ބުނުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުދެކޭކަމަށާއި މައްސަލައެއްގައި "ނުނިޔަތެއް ބާއްވައިގެން" އެއްވެސް ކަމެއް ހިންގާފައިވާކަމަށް ތުހުމަތުކޮށް މުވައްޒަފެއްގެ މައްޗަށް މިހާތަނަށް މައްސަލައެއް ހުށައެޅިފައި ނުވާކަމަށެވެ.

ނަމަވެސް ދާދިފަހުން ފުލުހުން ތަހްގީގު ކުރި މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން އަތުލައިގަތް ތަކެތީގެ އިންވެންޓްރީ ނެގުމަށް ފަހު އެއިންވެންޓްރީގެ ލިޔުން ފުލުސް މީހާއަށް ހަނދާންނެތި ހަވާލު ނުކޮށް އޮތް މައްސަލައެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން އެމައްސަލަ ބެލުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އެންގެވުމުން މައްސަލަ ބަލަމުން ގެންދާ ކަމަށާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑުން މައްސަލައިގައި ހިމެނޭ މީހުންގެ ބަޔާންތައް ވެސް ނަގާފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ. އިންވެންޓްރީ ހަވާލު ނުކުރުމުން މުހިއްމު ހެކިތަކެއް ގެއްލިފައި ވީނަމަވެސް މަސްތުވާތަކެތީގެ މައްސަލައިގައި މިހާރު ދައުވާ އުފުލާފައިވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

ފުލުހުންގެ ތެރޭގައި ނިޒާމު ރަނގަޅަށް އެނގި، ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ހޯދައިގެން ގަސްތުގައި "ނުނިޔަތެއް ބާއްވައިގެން" ގޯސްހަދާ ބަޔަކު ފުލުހުންގެ ތެރޭގައި ތިބެ، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު ނާޅާ ދޫކޮށްލައިފާނުވާކަމަށާއި އެފަދަ ފަރާތެއް ހުރިކަމަށް ފާހަގަކުރެވޭނަމަ، އެމަޢުލޫމާތެއް ހިއްސާކުރެއްވުމުން އެކަމެއް ބަލައި، އެކަމަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު އިމްރާން އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ފުލުހުންގެ މަސައްކަތުން މަސްތުވާތަކެއްޗާއި ބަނގުރަލުގެ މައްސަލަތަކަށް ބަލާއިރު، ފާއިތުވި 3 އަހަރުގެ ތެރޭގައި 277 އަށް ވުރެ ގިނަ ރަލުގެ ވަގު ވިޔަފާރިއާގުޅޭ އޮޕަރޭޝަން ހިންގިފައިވާކަމަށެވެ. 266 އަށް ވުރެ ގިނަ މައްސަލަ ޝަރީޢަތަށް ހުށައެޅުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައެޅިފައިވާކަމަށެވެ.

އަދި ފާއިތުވި 3 އަހަރުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ 1467 އަށްވުރެ ގިނަ މައްސަލަ ތަހުޤީގުކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައެޅިފައިވާކަމަށާއި ޑްރަގް ކޯޓުގެ 2021 ވަނަ އަހަރުގެ ރިޕޯޓުގައިވާގޮތުން %48 މައްސަލަ ތަހުޤީގަށް މަހެއް ވުމުގެ ކުރިން އެކޯޓަށް ހުށައެޅިފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް